ރިސޯޓުގެ ވަޒީފާ ނިންމައި ކޮންމެ ދުވަހަކު ހަވީރު ކަނޑު ހުރަސްކޮށްފައި އައިމިނަތު ހަމީދު (އައިންތު) މާލެ ދިގު ދަތުރެއް ކުރި އެވެ. ދެވަނަ ވަޒީފާ އަށެވެ. ރޭގަނޑާ ހަމައަށް އޭނާ ދެން އުޅުނީ އެސްއެމްއީ ހަބުގައި ތަނެއް ކުއްޔަށް ނަގައިގެން އޭނާގެ އުފެއްދުންތައް ވިއްކުމުގަ އެވެ. މިހާ ބުރަކޮށް މަސައްކަތް ކުރީ އޭނާ ކުލަ ޖައްސަން ބޭނުންވި ހުވަފެނެއް އޮވެގެންނެނެވެ. އެއީ އަމިއްލަ ބޭކަރީ މޯލްޑިވިއަން ޕެޓީސިއާ އެވެ.

ދިރާގާއެކު މިހާރު ބަދިގެއިން ޕްރެޒެންޓަރު ޝަމްރާ ޝަމީމް (ކުޑޫއާ) އެކު އައިންތު ބްލޫ ބެރީ ލެމަން ލޯފް ތައްޔާރުކުރީ އޭނާގެ ބޭކަރީގެ ރަހަ ހެޔޮވަރުކޮށްލި ގޮތަށެވެ. އެހާމެ ގަޔާވެގެން އެކަމަށް އޮތް ލޯތްބާއެކުގަ އެވެ.

 

އެ ބުރަ ދަތުރުން އައިންތު ދެއްކީ އަމިއްލަ މަސައްކަތެއް ފަށަން ހިޔާލުކޮށްފި ނަމަ އެކަން ވެދާނެ ކަމެވެ.

 

ބޭކްކުރަން ފެށީއްސުރެ އޮތް ޑްރީމެއް. ދިހަ އަހަރު ތެރޭގައި އެކަން ހާސިލްވި.
އައިންތު

ބޭނުންވާ ތަކެތި

/3 ޖޯޑުގެ ހަކުރު

1 ލުނބޯގެ ތޮށި (ގާނާފައި)

1 ލުނބޯގެ ހުތް

2/1 ޖޯޑު ސަވަ ކްރީމް 

1 ބިސް 

ތެޔޮ 

5/1 ޖޯޑު ފުށް 

2 ސަމްސާ ބޭކިން ޕައުޑާ 

2/1 ސަމްސާ ލޮނު

2/1 ޖޯޑު ކިރު

2 ޖޯޑު ބްލޫބެރީ 

 

ކޭކުގެ މައްޗަށް އަޅަން

2/1 ޖޯޑު ފުށް

4/1 ޖޯޑު ބްރައުން ޝުގާ

2 މޭޒުމަތީ ސަމްސާ ހަކުރު

3 މޭޒުމަތީ ސަމްސާ ބަޓަރު (މެލްޓްކޮށްފައި)

 

ގްލޭޒް 

3 މޭޒުމަތީ ސަމްސާ ލުނބޯ ހުތް

1 ސަމްސާ އަންސޯލްޓެޑް ބަޓާ

1 ޖޯޑު އައިސިން ޝުގާ

ތައްޔާރުކުރާނެ ގޮތް

ހަކުރާއި ލުނބޯ ތޮއްޓާއި ލުނބޯ ހުތާއި ކައްކާ ތެޔޮ ފޮދެއް އަދި ސަވާ ކްރީމާއި ބިސް އެއްކުރުމަށް ފަހު އޮމާންވަންދެން ގިރާލާށެވެ. މީގެ ތެރެއަށް ފުށާއި ބޭކިން ޕައުޑާކޮޅު އަޅާލާށެވެ.

ކިރު އެޅުމަށް ފަހު ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ބްލޫ ބެރީސްކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. 

މައްޗަށް އަޅާ ޓޮޕިން ތައްޔާރުކުރަން ފުށާއި ބްރައުން ޝުގާ އާއި ހަކުރާއި މެލްޓެޑް ބަޓާ އެއްކޮށްލާށެވެ. ތައްޔާރުކުރި ބެޓާ ފުށްގަނޑު ބޭކިން ޓްރޭއަކަށް ނުވަތަ މަފިން ޓްރޭއަކަށް އަޅާށެވެ. ފުށްގަނޑުގެ މައްޗަށް ކުރިން ތައްޔާރުކުރި ޓޮޕިން އެއްވަރަކަށް އަތުރާލާށެވެ.

މުށި ކުލަ އަރައި ރަނގަޅަށް ފިހެވެންދެން އަވަނުގައި ބަހައްޓާށެވެ. (މަފިން ނަމަ 20-25 މިނެޓް އަދި ލޯފް ނަމަ 40-50 މިނެޓުން ފިހެވޭނެ އެވެ. 

ގްލޭޒް ތައްޔާރުކުރަން ލުނބޯ ހުތާއި އަން ސޯލެޓެޑް ބަޓާ އަދި އައިސިން ޝުގާ އެއްކޮށްލައި އޮމާންވަންދެން ގިރާލާށެވެ. 

 ސްކޫލް ނިންމާފައި ފުރަތަމަ ކިޔެވީ އެކައުންޓިން އެވެ. ވަޒީފާއަކަށް ވެސް ނުކުތެވެ. އެކަމަކު ބޭކިންގައި ކުރިއަށްދާ ހިތްވާތީ އެ ދާއިރާ އިން ދުރަށް ދިޔައީ އެވެ. 

"މޯލްޑިވިއަން ޕެޓިސިއާ އަކީ ރިސޯޓުގައި އުޅުނު އިރު ހެދި އެއްޗެހި މީހުންނަށް ދައްކާލަން ހެދި ޕޭޖެއް. އެ ޕޭޖު ބަދަލުވީ ބިޒްނަސްއަށް."

އައިންތުގެ ހުރިހާ ވަގުތެއް މިހާރު ހޭދަކުރަނީ ބޭކަރީ ތެރޭގަ އެވެ. އެތަނުން ވިއްކާ ހުރިހާ އެއްޗެއްގެ ރަހަ ހެޔޮވަރުކުރަނީ އޭނާ އެވެ.