"މިހާރު އެވޯޑްސް" ގައި ހޮވާ އަހަރުގެ ކުޅިވަރު ޝަހުސިއްޔަތަށްދޭ 'ޒާހިރު ނަސީރު އެވޯޑް" ކްލަބް ވެލެންސިއާގެ މުއައްސިސް އަދި އެފްއޭއެމްގެ ކުރީގެ ނައިބް ރައީސް ހިޔަލީ މުހައްމަދު ރަޝީދަށް ލިބިވަޑައިގެންފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި މިހާރު އެވޯޑްސް ހަފުލާގައި ހިޔަލީ އަށް އެވޯޑް ހަވާލުކޮށްދެއްވީ ކުރީގެ ސްޕޯޓްސް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން އެވެ.

ދިވެހި ކުޅިވަރަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ނަންފުޅުގައި މި އެވޯޑް ދެނީ، ކުޅިވަރަށް ގިނަ ދުވަހު ހިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރެވޭ ކޮންމެ ފަހަރަކު ވެސް ޒާހިރު ނަސީރުގެ ހިދުމަތާއި ހަނދާންތައް އާކުރުމުގެ ބޭނުމުގަ އެވެ.

ސްކޫލް ދައުރުގައި އެތުލެޓިކްސް މުބާރާތްތަކުގައި ސްޕްރިންޓް ދުވުންތެރިޔެއްގެ ގޮތުގައި ވިދާލި ހިޔަލީ އަކީ ޒާހިރު ނަސީރު ހިންގެވި ކުޅިވަރު އެކެޑެމީ، އެން.އެސް.އޭގެ ވެސް ތަރިއެކެވެ. އަދި އެކުވެރިންނާ އެކު 1979 ވަނަ އަހަރު ކްލަބް ވެލެންސިއާ ވުޖޫދުކުރައްވައި އެ ކްލަބަށް މޮޅަށް ކުޅުއްވި އެވެ. ބޮޑުބޯޅަ ދޫކޮށް ތިރިން ކުޅޭ ޕާސިން ގޭމް ރާއްޖެ އަށް ތައާރަފްކުރި ވެލެންސިއާގައި ހިޔަލީ އަކީ ހަލުވި ވިންގެކެވެ.

އޭގެ ފަހުން ވެލެންސިއާގެ ހިންގުންތެރިއެއްގެ ގޮތުން ހިޔަލީ ނުވަދިހައިގެ ކުރީކޮޅު އިންގިބާލެއް ގެންނެވި އެވެ. އެގޮތުން ވެލެންސިއާ އަށް ފުޓްބޯޅައިން ތަށި ނުލިބުމުގެ ސިލްސިލާ ނިމުމަކަށް ގެންނަވައި ކްލަބް ވަރުގަދަކުރެއްވުމަށްޓަކައި، އަވަށު ލޯބީގައި ވިކްޓްރީ އާއި ނިއު ރޭޑިއަންޓަށް ކުޅެމުން ދިޔަ ބައެއް ކުޅުންތެރިންނަށް މުސާރަ ދީގެން ވެލެންސިއާ އަށް ސޮއިކުރުވި އެވެ. އޭރުގެ އެންމެ މޮޅު ކުޅުންތެރިން ކަމަށްވާ މޫސާމަނިކު (ކުޑަމޫސަ) އާއި ދޮންބިލެތް އަހުމަދު ހަލީމް ކްލަބް ބަދަލުކުރުމަކީ އޭރު ދިވެހި ފުޓްބޯޅަ ގުޑުވާލި ހަބަރުތަކެވެ. މީގެ ތެރެއިން މޫސަ ވެލެންސިއާ ބަދަލުވީ އޭރުގެ ނިސްބަތުން ވަރަށް ބޮޑު މުސާރައެއް ކަމަށްވާ މަހަކު 7000ރ. ގެ މުސާރައަކަށެވެ. ހިޔަލީ ގެންނެވި އެ ބަދަލަކީ ދިވެހި ފުޓްބޯޅަ ކުޅުންތެރިންނަކީ ސެމީ ޕްރޮފެޝަނަލް ބަޔަކަށްވުމުގެ ފެށުމެވެ.

ހިޔަލީ ރަޝީދު (ވ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
ހިޔަލީ ރަޝީދު (ވ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

އެ ކުޅުންތެރިން ގެނެސް ވަރުގަދަކޮށް، 1993 ގެ ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ނިއު ރޭޑިއަންޓް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް ވެލެންސިއާ ގައުމީ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދުމަކީ ކާމިޔާބީގެ ފެށުމެވެ. މި ވަގުތު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފައިވާ ވެލެންސިއާ ވަނީ އޭގެ ފަހުން ގައުމީ ޗެމްޕިއަންކަން ހަތަރު ފަހަރު އަދި ކަޕްވިނާސް ކަޕާއި އެފްއޭ ކަޕާއި ޕޮމިސް ކަޕުގެ ޗެމްޕިއަންކަން ވެސް އެތައް ފަހަރު ހޯދައިފަ އެވެ.

ވެލެންސިއާ އަށް ފަހު ހިޔަލީ ވަނީ އެކުވެރި އައްޑޫ ވިޔަފާރިވެރިންނާ ގުޅިގެން 2001 ވަނަ އަހަރު އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) ގެ ނަމުގައި ކްލަބެއް އުފައްދަވައި އެ ކްލަބް ވެސް ދިވެހި ފުޓްބޯޅައިގެ މަތީ ފަޑީގައި އަހަރުތަކެއް ބާއްވައިދީފަ އެވެ. އަދި ފަހުން 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރެއްވި އެވެ.

ކްލަބްތަކާއި ގައުމީ ޓީމުގެ ދައުރަށް ފަހު ފެށުނީ ގައުމީ ފުޓްބޯޅަ އިދާރާގައި ހިޔަލީ ކުރެއްވި މަސައްކަތްތަކެވެ. އެގޮތުން 2008 އިން 2012 ވަނަ އެފްއޭއެމްގެ ނައިބް ރައީސްކަން ކުރައްވައި ހިޔަލީ ވަނީ އެ ދައުރުގައި އަލީ އާޒިމްގެ ލީޑާޝިޕުގެ ދަށުން އެތަނަށް ރަނގަޅު ބަދަލުތަކެއް ގެންނަވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅު މެމްބަރުކަން ވެސް ކުރައްވާފައިވާ ހިޔަލީ ވަނީ ކުޅުންތެރިޔެއްގެ އިތުރުންނާއި ހިންގުންތެރިއެއްގެ ގޮތުން ފުޓްބޯޅަ އަށް ހިދުމަތްކުރެއްވުމުގެ އިތުރުން އަމިއްލަ ޖީބުން ވެސް އެތައް ހަރަދެއް އެ ކުޅިވަރުގެ ކުރިއެރުވުމަށް ކުރައްވައިފަ އެވެ.