މިހާރު އެވޯޑްސްގައި ހޮވާ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްފި އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ނިއު ރޭޑިއަންޓަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) އާއި އެ ޓީމާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އަލީ އަޝްފާގް (ދަގަނޑޭ) އާއި ޓީސީ އަށް ކުޅުނު އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ކްލަބް އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އަދި މާޒިޔާގެ ނާއިޒް ހަސަން (ދާދު) އެވެ.
މިދިޔަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ މާޒިޔާގެ ގޯލްކީޕަރު ހުސެއިން ޝަރީފާއި އީގަލްސްގެ ހަސަން ރާއިފް (ހަންނަ) އަދި ނިއު އަށް ކުޅުނު ރިހާމް އަބްދުލްގަނީ (ބޮބީ) އެވެ.
މިދިޔަ އަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ކަށަވަރުކޮށްފައިވަނީ ދަގަނޑޭ އެވެ.
ދަރުބާރުގޭގައި މާދަމާރޭ ބާއްވާ އެވޯޑްސްގައި ފުޓްބޯޅައިގެ އިތުރުން އެވޯޑް ދެނީ ވޮލީބޯޅަ އާއި އިންޑިވިޖުއަލް ކުޅިވަރުތަކުންނެވެ. ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު، ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ އާއި ދެ ޖިންސުން 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ހޮވާނެ އެވެ.
މީގެ އިތުރުން އިންޑިވިޖުއަލް ކުޅިވަރުތަކުން (ފެތުން، އެތުލެޓިކްސް، ބެޑްމިންޓަން އަދި ޓީޓީ) ދެ ޖިންސުން އެންމެ މޮޅު، ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ އާއި ދެ ޖިންސުން 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ހޮވާނެ އެވެ.
މިހާރު އެވޯޑްސްގައި ދެން ހިމެނޭ އެންމެ މުހިއްމު އެއް ބަޔަކީ ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސްތަކެވެ. މި އެވޯޑް ލިބޭނީ ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ދިވެހި ހުނަރުވެރިންނަށާއި ކުޅިވަރުގައި ގިނަ ދުވަހު ޚިދުމަތްކުރި ބައެއް ފަރާތްތަކަށެވެ. ކުރީގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއު ޝަރަފްގައި ދޭ "ޒާހިރު ނަސީރު އެވޯޑް" އަކީ އަހަރުގެ ކުޅިވަރު ޝަހުސިއްޔަތަށް ހާއްސަ އަގުވަޒަންކުރުމެކެވެ. މިއީ ދިގު މުއްދަތެއްގައި ދިވެހި ކުޅިވަރަށް ޚިދުމަތްކޮށް ދޭ ފަރާތަކަށް ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެކެވެ.
މިހާރު އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު، ތިންކް އެޑްވަޓައިޒިން އިންނެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ ރެއިންބޯ، ދަ ކިޗަން، ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، މެޓަލް ސައިންސް، ބީއެޗްއެމް އަދި ޕްރިންޓް ލެބް އެވެ.
ސްޕޮންސަރުން ފާހަގަކުރާ ގޮތުގައި މި އެވޯޑްސް އަކީ ރާއްޖޭގެ ކުޅިވަރު ތަރިންނާއި އަދި ޒުވާނުންގެ ކުރިއެރުމަށް މުހިއްމު އެވޯޑެކެވެ. މި އެވޯޑްސްގައި ބައިވެރިވާ އެންމެ ބޮޑު ސަބަބަކީ ކުޅިވަރާއި ޒުވާނުންނަށް ހިދުމަތްކުރުން ކަމަށް، ޕާޓްނަރުން ބުނެ އެވެ. އަދި މިއީ ރާއްޖޭގައި ކުޅިވަރުގައި ދޭ މިފަދަ ހަމައެކަނި އެވޯޑަށް ވާތީ ކުޅިވަރު ކުރިއަރުވަން މިކަމަށް ފުރިހަމަ އެއްބާރުލުން ދޭން ބޭނުންވާކަން ވެސް އެ ފަރާތްތަކުން ފާހަގަކުރި އެވެ.