މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ. 

ހއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރު 2:00 އާ ހަމައަށެވެ. 

މެޓުން ބުނީ ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށް އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަނަކާ ހެދި ކުރަމުންދާ މި ވިއްސާރާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ. 

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވިއްސާރަކުރަމުން ދާއިރު މެޓުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ސ. ގަމަށެވެ. ގަމަށް 100.5 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ. 

ދެން އެންމެ ބޯކޮށް ވެހުނީ ގދ. ތިނަދުއަށެވެ. އެ ރަށަށް 87.6 މިލިމީޓަރުގެ ވާރޭވެހުނުއިރު އައްޑޫ، ހިތަދޫއަށް 80.9 މިލިމީޓަރުގެ ވާރޭވެހުނެވެ. 

މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ އުތުރުގެ ހިސާބުތަކަށް ބުރާސްފަތި ދުވަހާ ހަމައަށް ވެސް މޫސުން ގޯސްވާނެ ކަމަށެވެ. އަދި މެދުތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ބުދަ ދުވަހާ ހަމައަށް ވެސް މޫސުން ގޯސްވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އޮފިޝަލް ވިދާޅުވި ގޮތުގައި އޭގެ ފަހުން ކޮންމެވެސް ވަރަކަށް މޫސުން ރަނގަޅުވާން ފަށާނެ އެވެ. 

ސްކޫލުތަކުގެ ޗުއްޓީއާ ދިމާކޮށް މޫސުން ގޯސްވެފައިވާއިރު ގިނަ ބަޔަކު ވަނީ ޗުއްޓީއާ ދިމާކޮށް ރަށްރަށަށް ފުރައިފަ އެވެ. ސްކޫލްތައް ހުޅުވޭނީ އާދީއްތަ ދުވަހު އެވެ.

އޮފިޝަލް ވިދާޅުވީ މި ހަފްތާ ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.