ސަރުކާރުގެ ކެބިނެޓް އަލުން އެކުލަވާލުމުން، މިނިސްޓަރުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ހޯމް މިނިސްޓަރު އަލީ އިހުސާނަށް އެމްޑީޕީގެ 10 މެންބަރަކު ވޯޓު ދެއްވުމުން އެ ޕާޓީގެ އާންމު މެންބަރުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. 

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނެގި ވޯޓުގައި މިނިސްޓަރު އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ. 

އެނގިފައިވާ ގޮތުގައި މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު ވޯޓުދޭނެ ގޮތުގެ ވިޕެއް ނެރެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި އިއްޔެ ނެގި ވޯޓުގައި ނިންމީ ތިން މިނިސްޓަރަކު ފިޔަވައި ދެން ތިބި މިނިސްޓަރުންނަށް " ގްރީން" (އެ މެންބަރަކަށް ފެންނަ ގޮތަކަށް ވޯޓު ދޭން ނުވަތަ ވޯޓުގައި ބައިވެެރިނުވިޔަސް ރަނގަޅު) ކަމަށް ކަނޑައަޅާށެވެ.

ނުފެންނަ ކަމަށް ވޯޓު ދޭން ނިންމާފައި އޮތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެންވަޔަރްމެންޓް މިނިސްޓަރު އަލީ ޝަރީފާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދަށެވެ.

އިހުސާނަށް ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީގެ 10 މެންބަރަކު ވޯޓު ދެއްވީ އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީސް ރެއިޑްކޮށް، ބައެއް ތަކެތި ގެންދިއުމާއި ގައުމީ ޔުނިވާސިޓީގެ ދަނާލުގައި މަރުވި ޒުވާނާގެ ޒާތީ މައުލޫމާތުތަކެއް އާއްމުކުރި މައްސަލާގައި އިހުސާނަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

އިހްސާނަށް ރުހުން ދިނުމުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި ބައެއް މީހުން ބުނީ އިހުސާނަށް ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީގެ މެމްބަރުން ވޯޓް ދެއްވި ސަބަބު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެދޭން ޖެހޭ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ އެމްޑީޕީގެ ކުރީގެ ބައެއް މެންބަރުން ވެސް ހިމެނެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އިދިކޮޅު މެންބަރުންނަށް އިންތިހާބުގައި ވޯޓު ދިން މީހުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް އުއްމީދު ކުރާނީ ސަރުކާރުން "ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާ ދެކޮޅަށް" އެމްޑީޕީގެ މެމްބަރުން ތެދުވާނެ ކަމަށެވެ. އަދި ވޯޓުލީ މީހުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހަށް ވެސް އެކަމުގައި މެންބަރުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ލީގަލް އެފެއާޒް ކޮމިޓީގެ މެންބަރު އައިކު އަހުމަދު އީސާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުވާލު އުފެއްދެވީ އަދަދު އޮންލައިންގެ އޮފީސް ރެއިޑް ކުރުމާ ދެކޮޅު ހެއްދެވީ އެކަމަށް އަމުރު ކުރެއްވި މިނިސްޓަރަށް ރުހުންދޭންތޯ އެވެ.

އެމްޑީޕީގެ އެކްޓިވިސްޓް މައިމޫން މުހައްމަދު ކުރި ޕޯސްޓެއްގައި ބުނީ އެއީ އެ ޕާޓީގެ އާއްމު މެންބަރުން "ލަދުގަންނަވާލި ދުވަހެއް" ކަމަށެވެ.

މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް އުޅުއްވާ މުހައްމަދު ރާއީ ވިދާޅުވީ އެ ޕާޓީ ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވެސް އިހުސާނަށް ވޯޓުދެއްވާފައި ވާއިރު ކޮންމެ ރެއަކު އާއްމު މެންބަރުން ނެރެގެން ފުލުހުންނާ ކުރިމަތިލުމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ.

"ޕާޓީގެ ގައުމީ މަޖްލިސްގެ އެންޑޯޒްމަންޓެއް ނެތި، ވަކި ބައެއްގެ އަމިއްލަ މަގުސަދެއް ހާސިލް ކުރުމަށް ޕާޓީ އާއި ޕާޓީގެ އާއްމު މެމްބަރުންގެ ބޭނުން ކުރަމުން ގެންދިއުމަކީ ބަލައި ގަނެވޭނޭ ކަމެއް ނޫނެވެ. ޕާޓީގެ އަސާސްތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދިއުމަކި ގަސްތުގައި ޕާޓީ ހަލާކުކޮށް ނިކަމެތި ކުރަމުން ގެންދިއުން،" އޭނާ ވިދާޅުވި އެވެ. 

އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ އިބްރާހީމް ނާޒިލުގެ ބަހެއް އަދި ނުލިބެ އެވެ. އަދި ޕާލަމެންޓްރީ ގްރޫޕާއި ޕާޓީގެ ލީޑަޝިޕް ވެސް އޮތީ ހިމޭނުންނެވެ. 

އިހުސާނަށް ރުހުންދޭން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވި ދެ މެންބަރުންގެ  ތެރެއިން ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެެއްވީ އެތައް ސަބަބަކާ ހެދި ކަމަށެވެ.

"އެއީ ޑީއެންއާރް ޑޭޓާބޭސްގެ މައްސަލަ އާއި ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތު އާންމު ކުުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ފަދަ އެތައް ކަމެއްގެ ސަބަބުންނެވެ،" އޭނާ ވިދާޅުވި އެވެ.