ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖީން ސީކުއެންސިން ޓެސްޓު ހެދުމަށް، މެޑިފްލެކްސް އިން ތައްޔާރުވެއްޖެ އެވެ.
މެޑްޓެކްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ މެޑިފްލެކްސްގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޖީން ސީކުއެންސިންގައި އެމެރިކާގެ އެންމެ ވަރުގަދަ ކުންފުނި، އިލުމިނާއާ ގުޅިގެން ޓެސްޓުކުރަން ތައްޔާރުވެފައިވާ ކަމަށެވެ. އެކަން ފެށުމަށް އިލުމިނާ ކުންފުނީގެ އިސްވެރިންތަކެއް ރާއްޖެ ވަޑައިގެން އެކަމަށް މެޑިފްލެކްސްގެ މުވައްޒަފުން ތަމްރީނުކޮށްދީފައިވެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ލެބޯޓްރީތަކުން ކޮވިޑު-19 އަށް ޓެސްޓުކުރެވުނަސް އެ ސާމްޕަލެއް ޕޮޒިޓިވްވެފައި ވަނީ ކޮން ވޭރިއެންޓަކަށް ކަމެއް ދެނެއެއްނުގަނެވެ އެވެ. އެހެންވެ، ރާއްޖޭގައި އެ ބަލީގެ ވޭރިއެންޓު އުޅޭތޯ ދެނެގަތުމަށް ސަރުކާރުން ސާމްޕަލް ފޮނުވަނީ އިންޑިއާއަށެވެ.
ހެލްތު މިނިސްޓްރީގެ ހުއްދަ ލިބުމުން ރަސްމީކޮށް އެ ޓެސްޓުތައް ހަދަން ފަށާނެ ކަމަށް މެޑިފްލެކްސް އިން ބުނެ އެވެ. ނަމަވެސް ރާއްޖޭގައި އޮމިކްރޮން ވޭރިއެންޓު އުޅޭކަން ފުރަތަމަ އެނގިގެން ދިޔައީ ވެސް ޓެސްޓު ބުރެއްގައި އެ ލެބުން ހެދި ސީކުއެންސިން ޓެސްޓަކުންނެވެ. މިދިޔަ ހަފުތާގައި 24 ސާމްޕަލެއްގެ ސީކުއެންސިން ޓެސްޓު ހަދާފައިވެ އެވެ.
އާއްމު ލެބޯޓްރީއެއްގައި ހަދާ ހުރިހާ ޓެސްޓެއް މެޑިފްލެކްސް އިން ހެދެ އެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ލެބޯޓްރީގައި ވެސް ޓެސްޓުތައް ހެދުމަށް އެ ކުންފުނިން އެހީތެރިކަން ދެ އެވެ.
އޮފިޝަލް ވިދާޅުވީ އެ ކުންފުންޏަށް އެންމެ މުހިއްމު ބޭނުމަކަށް ވީ ރާއްޖޭގައި ނެތް ހިދުމަތެއް ތައާރަފްކުރުން ކަމަށެވެ. އެހެންވެ އެކަމަށް ހާއްސަކޮށްގެން ޖިނޯމް ސީކުއެންސިން ސެކްޝަނެއް ހަދައި، އެންމެ ފަހުގެ އާލާތްތައް ހޯދައި އަވަހަށް މަސައްކަތްތައް ފެށި އެވެ.
ކޮވިޑު ވޭރިއެންޓު ދެނެގަތުމުގެ އިތުރުން ކެންސަރު ފަދަ ބޮޑެތި ބަލިތަކުގެ ވައްތަރާއި މީހާގެ ނަސްލު ދެނެގަތުން ފަދަ ޓެސްޓުތައް އެ ސެކްޝަނުން ހެދޭނެ އެވެ.
"ވަރަށް ބޮޑެތި ޓެސްޓުތައް ހެދޭނެ. ސީކުއެންސިން ޓެސްޓުގައި މަދުވެގެން 48 ގަޑިއިރު ބޭނުންވާނެ ޕްރޮސެސްކުރުމަށް. މާނައަކީ، ބޭރަށް ފޮނުވައިގެން ދެ ހަފުތާގެ ތެރޭގައި ނަތީޖާ ލިބުމުގެ ބަދަލުގައި ރާއްޖެއިން ޓެސްޓުކޮށްގެން ތިން ދުވަހުގެ ތެރޭގައި ނަތީޖާ ލިބިގެންދާނެއޭ. މި ކަމުން އިގުތިސޯދަށް ވެސް ފައިދާކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެއިން މިހާރު ޖީން ސީކުއެންސިން ޓެސްޓު ހެދުމަށް ފޮނުވަނީ ބޭރަށެވެ. ރާއްޖޭގައި އެ ހުއްދަ ދިނުމުން އެކަމަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ އެވެ.