ފާމަސިސްޓުން ތަމްރީން ކުރަން ވިލާ ކޮލެޖާއެކު، ސަރުކާރުގެ ފާމަސޫޓިކަލް ކުންފުނިން މިއަދު މަޝްވަރާކޮށްފި އެވެ.
ސްޓޭޓް ފާމާ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފާމަސިސްޓުން ތަމްރީން ކުރުމާއި އެ ދާއިރާއިން ކިޔަވާ ޒުވާނުން އިތުރުކުރަން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރި ކަމަށެވެ.
އޭގެ އިތުރުން އެ ދާއިރާއިން ދަސްވެނިވާ މީހުންނަށް، ދެ ފަރާތުން ގުޅިގެން ވަޒީފާގެ ފުރުސަތުތައް ދޭން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ރިފްރެޝާ ކޯސް ހިންގުމަށް ވިލާ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް ބައްދަލުވުމުގައި ވަނީ ވާހަކަ ދައްކާފައި. ދިވެހި ޒުވާނުންނަށް އަބަދުވެސް ކުންފުނީގެ ދޮރުތައް ހުންނާނީ ހުޅުވިފައި،" އޮފިޝަލް ވިދާޅުވި އެވެ.
ވިލާ ކޮލެޖުގައި މިހާރު ވެސް ފާމަސީގެ އެކި ލެވެލްގެ ކޯސްތައް ހިންގަ އެވެ.
ރާއްޖެއަށް ބޭނުންވާ ބޭހާއި ސަރުކާރުގެ ފާމަސީތައް މީގެ ކުރިން ބަލަހައްޓަމުން ދިޔައީ އެސްޓީއޯއިންނެވެ. ނަމަވެސް، އެކަމަށް ހާއްސަކޮށްގެން މިދިޔަ އަހަރު އުފެއްދި ސްޓޭޓް ފާމާއާއެކު އެ ހުރިހާ ބޭސް ފިހާރަތަކެއް ވެސް ވަނީ އާ ކުންފުނީގެ ދަށަށް ބަދަލުކޮށްފަ އެވެ.
އެއާއެކު، ފާމަސިސްޓުން ނުލިބޭ މައްސަލަ ހައްލުކުރަން ކަމާ ގުޅުންހުރި އިދާރާތަކާއެކު މަސައްކަތް ދަނީ ކުރަމުންނެވެ.