ހޭނައްތާ ޑޮކްޓަރުންގެ ސާކްގެ ޖަމިއްޔާ (ސާކް-އޭއޭ ރީޖަނަލް ބޮޑީ)ގެ 15 ވަނަ ކޮންގްރެސް މި މަހުގެ 15 އިން 16 އަށް އއ. އުކުޅަހުގައި ބާއްވަން ތާވަލުކޮށްފި އެވެ.
އެ ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ބާއްވާ އެ ކޮންގްރެސް އަކީ ދުނިޔޭގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާތަކުގެ ފެޑެރޭޝަނުގެ ތާއީދާ އެކު ބާއްވާ ކޮންގްރެސް އެވެ. އެއީ ކޮންމެ ދެ އަހަރުން އެއް އަހަރަކު ބާއްވާ ކޮންގްރެސް އެކެވެ.
އެ ކޮންގްރެސް ރާއްޖޭގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ ބައިނަލްއަގުވާމީ އެފަދަ ކޮންގްރެސްތައް ރާއްޖޭގައި ބޭއްވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އޭގެ ފައިދާ ގިނަ ގޮތް ގޮތުން ރާއްޖެއަށް ކުރާ ކަމަށެވެ.
"ރީޖަނަލް ސައިންޓިފިކް އެކްސްޕަޓީސް އަޅުގަނޑުމެން އެއް ޕްލެޓްފޯމެއްގައި ޝެއާކޮށް ޕްރެސެންޓް ކުރުމުގެ ފުރުސަތު ލިބިގެން މިދަނީ. އެއީ އެނެސްތީޒިއަލޮޖީގެ ދާއިރާއަށް ހަގީގަތުގައި ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް. މިގޮތުން އަޅުގަނޑުމެންނަށް ހޯދިފައި ހުރި އެންމެ ފަހުގެ ރިސާޗްތަކާ ޓެކްނިކްތައް މިފަދަ ކޮންފަރެންސްތަކުގައި ޑިސްކަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ،" އަޝްރަފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކޮންފްރެސް ރާއްޖޭގައި ބޭއްވުމުގެ ދެވަނަ ފައިދާ އަކީ ސަރަހައްދުގެ ސިއްހީ މާހިރުންގެ މެދުގައި ގުޅުން ބަދަހިވެ އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތު ލިބުމެވެ. އެފަދަ ކޮންގްރެސްތައް ރާއްޖޭގައި ބޭއްވުމުގެ ގާބިލުކަން އިތުރުކުރެވުމަކީ ވެސް ލިބޭނެ ފައިދާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަށް އަޅުގަނޑުމެން ހޭލުންތެރިވެ، އަހުލުވެރިވެ، އެކަންތައްތައް ކުރުމުގެ ތަޖުރިބާ އަޅުގަނޑުމެންނަށް ލިބިގެން ދިއުން. މިހުންނަނީ ހަގީގުގައި ވަރަށް މުހިއްމު ފައިދާތައް ގައުމަށް ލިބިގެންދާ،" އަޝްރަފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމުތަކަށް ރާއްޖެ ހުޅުވި އިޝްތިހާރު ވުމުގެ ފުރުސަތު ލިބުމާއި ރާއްޖޭގެ އިގުތިސާދަށާއި ތައުލީމީ ދާއިރާއަށް އެކަމުން ބޮޑެތި ކުރިއރުންތައް ލިބުމަކީ ވެސް އެ ކޮންގްރެސް ރާއްޖޭގައި ބޭއްވުމުގެ ފައިދާ އެކެވެ.
"އެހެންވީމާ މިފަދަ ކޮންފަރެންސެއް މި ލެވެލްގައި ބޭއްވުމަކީ ހަގީގަތުގައި ވަރަށް ގިނަ ގޮތް ގޮތުން އަޅުގަނޑުމެންނަށް މުހިއްމު، އަޅުގަނޑުމެންނަށް ވަރަށް ގިނަ ފައިދާ ކުރާ ކަމެއްް،" އަޝްރަފް ވިދާޅުވި އެވެ.
ކޮންގްރެސް އިންތިޒާމުކޮށްފައި އޮތް ގޮތުން ޑޮކްޓަރުންނާއި ނަރުހުންނާއި ސައިންޓިފިކް ދާއިރާގައި މަސައްކަތްކުރައްވާ ރާއްޖޭގެ ހިދުމަތްތެރިންނަށް ވަރަށް ގިނަ ފުރުސަތުތައް ހުޅުވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.