ވޮޝިންޓަން (އޮކްޓޯބަރު 19) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކިތަންމެ ވަރަކަށް އިންޒާރުތައް ދެއްވި ނަމަވެސް ޓީވީ ލައިންސް ބާތިލް ކުރެވެން ނޯންނާނެ ކަމަށް ފެޑެރަލް ކޮމިއުނިކޭޝަން ކޮމިޝަން (އެފްސީސީ) ގެ ޗެއާމަން އަޖީތު ޕައި ވިދާޅުވެއްޖެ އެވެ.

ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ ބައެއް ބްރޯޑްކާސްޓަރުންނަކީ ފޭކް ނިއުސް ގެނެސްދޭ ބައެއް ކަމަށް ވިދާޅުވެ އެ ތަންތަނުގެ ލައިސަންސް ބާތިލް ކުރައްވާނެ ކަމުގެ އިންޒާރު އެތައް ފަހަރަކު ދެއްވައިފަ އެވެ. ޓްރަމްޕުގެ އިންޒާރުތަކާ ގުޅިގެން ފަސްޓް އެމެންޑްމެންޓަށް ތާއީދު ކުރައްވާ އެފްސީސީގެ ކުރީގެ ކޮމިޝަނަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެމެރިކާގައި ޓީވީ ލައިސަންސް ދޫކުރާ އެފްސީސީ އަށް ޓްރަމްޕް އައްޔަން ކުރެއްވި ޕައި އެ ދުވަސްވަރު ހުންނެވީ ހިމޭނުންނެވެ. އޭނާ އަށް ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އެންމެ ފަހުން ޕައި ވިދާޅުވީ ފަސްޓް އެމެންޑްމަންޓް ނުވަތަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ޓީވީ ލައިސަންސް ބާތިލް ކުރުމަކީ އެފްސީސީ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޓީވީ ސްޓޭޝަނެއްގެ ކޮންޓެންޓަށް ބަލާ ލައިސަންސް ބާތިލް ކުރުމުގެ ބާރެއް އެފްސީސީއަކަށް ނޯވޭ،" ޓެލެކޮމް ލޯ ކޮންފަރެންސެއގައި އޭނާ ވިދާޅުވި އެވެ.

ޕައި ވިދާޅުވީ ބްރޯޑްކާސްޓް ސްޓޭޝަނެއްގެ ލައިންސް އަލުން އާ ކުރާ އިރު ބަލާ މިންގަނޑަކީ ގާނޫނުތަކާ އެއް އެއްގޮތަށް އެ ސްޓޭޝަނެއް ހިންގާތޯ ކަމަށާއި އެ ސްޓޭޝަނެއްގެ ކޮންޓެންޓަށް ނުބަލާ ކަމަށެވެ.