ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކޮށް، ސުވާލުތަކަށް ޖަވާބު ދެއްވަން ނިންމަވައިފި އެވެ. 

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ މީޑިއާއާ އެކު ބާއްވަމުން އަންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މީޑިއާއާ ސީދާ އެ މަނިކުފާނު ބާއްވަވާ ބައްދަލުވުންތައް އިތުރުކުރައްވާނެ ކަމަށެވެ. 

އެގޮތުން، އަންނަ މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ދަތުރެއް ނުވަތަ ހާއްސަ ބައްލަވުމެއް ކުރިމަތިނުވާހާ ހިނދަކު އެކަން އެގޮތަށް ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

"މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން،"

"ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން. 

ރައީސް ވިދާޅުވީ ކެބިނެޓްގެ ކޮންމެ މިނިސްޓަރަކު ވެސް ހަފުތާއަކު އެއް ފަހަރު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަމަޖެހުން ގާއިމްވެ، ތަރައްގީގެ ކަންކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށް އަދި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ހަރުދަނާ މީޑިއާއެއް ގާއިމްވެފައި އޮތުން މުހިންމެވެ. އިސްލާމް ގައުމެއްގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފަހައްޓަމުން ފަސް ކާފު ހަމަ ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ މީޑިއާއެއް އޮތުމަކީ ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހައްގެކެވެ. 

އެހެންވެ، އެ ހައްގު ކަށަވަރުކޮށްދޭން ސަރުކާރުން ސާބިތުވެ ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން އެގޮތަށް ކުރުމުގެ ގޮތުން ރާއްޖޭގެ ތާރީހުގައި އަލަށް މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ސަރުކާރުން ވަނީ 40 މީޑިއާއަކަށް 27 މިލިއަން ރުފިޔާ މިދިޔަ މަހު ދޫކޮށްފަ އެވެ. 

ރައީސް ވިދާޅުވީ ބޮޑެތި ކުލީގައި އޮފީސްތައް ހިނގަން ޖެހިފައިވާތީ މީޑިއާތަކަށް ކުރިމަތިވެފައިވާ މާލީ ދަތި ހާލަތުން އަރައިގަތުމަށް، ވަރަށް ކުޑަ އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ނެގޭނެ މީޑިއާ ވިލެޖްގެ މަސައްކަތް ވެސް ވަރަށް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. ހުޅުމާލެ ފޭސް1 ގައި ހަދާ މީޑިއާ ވިލެޖްގައި 34 ޖާގަ ހިމެނޭ ކަމަށާއި އެތަން ނިމި، މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުސަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.