ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް އިދިކޮޅު އެޑީޕީގެ މަޖިލިސް މެންބަރުން އިއްޔެ ވޯޓު ދެއްވުމުން، އެ ޕާޓީގެ އާއްމު މެމްބަރުން ފާޑުކިޔައި މައްސަލަ ހޫނުވުމާ އެކު، ވޯޓު ދެއްވި މެންބަރުން މާފަށް އެދެން ފަށައިފި އެވެެ.

އިއްޔެ ވޯޓުލީ ގޮތާ މެދު މާފަށް އެދިވަޑައިގެން ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ ޕޯސްޓު ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ. އިހުސާނާ އެއްކޮޅަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގައި އެންމެ އަޑުގަދަ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވެސް ޝަމްހީދަށް ފަހު މާފަށް މިއަދު އެދިވަޑައިގަތެވެ. 

އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ތުހުމަތުކުރާ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުގެ މެދުގައި އެންމެ ނުފޫޒުގަދަ ބޭފުޅަކީ ޝަމްހީދު ކަމަށް ވާތީ އިހުސާނަށް ރުހުން ދިން މައްސަލާގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ވެސް އޭނާ އަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ އިހުސާނާއި އެހެން ބައެއް މިނިސްޓަރުންނަށް ރުހުން ދިނުމަކީ ރަނގަޅަށް ނިންމުނު ނިންމުމެއް ނޫން ކަމަށާއި އެކަމުގެ ޒިންމާ އުފުލާ ކަމަށެވެ.

"އަޅުގަނޑު ފުރިހަމައަށް ޒިންމާ އުފުލަން އަދި މައާފަށް އެދެން،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ޝަަމްހީދު ވިދާޅުވި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ އެކަމާ މެދު އެންމެ ފުންކޮށް ނުވިސްނާ އަމަލުކުރެވުނީތީ، އެކަމަށްޓަކައި އިހުލާސްތެރިކަމާއެކު މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"...އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓުގައި ހޯމް މިނިސްޓަ އަލީ އިހުސާނަށް ވޯޓު ދިނުމުގައި އަޅުގަނޑަށް ވަރަށް ބޮޑު ގޯހެއް ހެދިފައިވާކަން ގަބޫލުކުރަމެވެ. އެއީ އަޅުގަނޑު ތާއީދު ކުރާތީ ދިން ވޯޓެއް ނޫނެވެ،" ކުޑޫ ވިދާޅުވި އެވެ. 

އަދި އެ ވަގުތު އެކަމާ މެދު އެންމެ ފުންކޮށް ނުވިސްނާ އަމަލުކުރެވުނީތީ، އެކަމަށްޓަކައި އިހުލާސްތެރިކަމާ އެކު، މާފަށް އެދެމެވެ. މިއީ ބަލައިގަންނަން އުނދަގޫ ކަމެއްކަން ވެސް އަޅުގަނޑު ދަންނަމެވެ."

ކުޑޫ ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް އޭނާގެ އަމަލުތައް ބަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނެގި ވޯޓުގައި މިނިސްޓަރު އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ. 

އެނގިފައިވާ ގޮތުގައި މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު ވޯޓުދޭނެ ގޮތުގެ ވިޕެއް ނެރެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި އިއްޔެ ނެގި ވޯޓުގައި ނިންމީ ތިން މިނިސްޓަރަކު ފިޔަވައި ދެން ތިބި މިނިސްޓަރުންނަށް " ގްރީން" (އެ މެންބަރަކަށް ފެންނަ ގޮތަކަށް ވޯޓު ދޭން ނުވަތަ ވޯޓުގައި ބައިވެެރިނުވިޔަސް ރަނގަޅު) ކަމަށް ކަނޑައަޅާށެވެ.

ނުފެންނަ ކަމަށް ވޯޓު ދޭން ނިންމާފައި އޮތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެންވަޔަރްމެންޓް މިނިސްޓަރު އަލީ ޝަރީފާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދަށެވެ.

އިހުސާނަށް ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީގެ 10 މެންބަރަކު ވޯޓު ދެއްވީ އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީސް ރެއިޑްކޮށް، ބައެއް ތަކެތި ގެންދިއުމާއި ގައުމީ ޔުނިވާސިޓީގެ ދަނާލުގައި މަރުވި ޒުވާނާގެ ޒާތީ މައުލޫމާތުތަކެއް އާއްމުކުރި މައްސަލާގައި އިހުސާނަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

އިހްސާނަށް ރުހުން ދިނުމުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި ބައެއް މީހުން ބުނީ އިހުސާނަށް ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީގެ މެމްބަރުން ވޯޓް ދެއްވި ސަބަބު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެދޭން ޖެހޭ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ އެމްޑީޕީގެ ކުރީގެ ބައެއް މެންބަރުން ވެސް ހިމެނެ އެވެ.