ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ބާއްވާ ރިފަރެންޑަމް ލޯކަލް ކައުންސިލް އިންތިހާބާ އެއްކޮށް ބާއްވަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

ދެ އިންތިހާބު އެއްކޮށްލާ ބިލަށް ޕާޓީތަކުގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ މެދު ބާއްވާ ރިފަރެންޑަމް އެހާ އަވަހަށް ބޭއްވުމުން، ރަނގަޅަށް މައުލޫމާތު ލިބިގެން ނިންމުމެއް ނިންމުމުގެ ފުރުސަތު ރައްޔިތުނަށް ގެއްލޭ ކަމަށެވެ. ނަމަވެސް އެކަމާ މެދު ޕާޓީގެ ތެރޭގައި މަޝްވަރާކޮށްގެން ގޮތެއް ނިންމާނެ ވަގުތު ނުލިބޭތީ ކަމަށާއި އެހެންވީމާ އެ ޕްރޮސެސްގައި ބައިވެރި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތިބޭފުޅުން މިގޮތަށް އަމަލުކުރެއްވުމުގެ ނަތީޖާއަކީ ހަގީގަތުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި މި ބުނާ ބަދަލު ގެނައުމަށް، ރައްޔިތުންގެ ކައިރިއަށް ގެންދަން ޖެހޭ ޒާތުގެ ކަންތައްތަކަށް ރައްޔިތުންނަށް އިންފޯމްޑް ޑެސިޝަން އެއް ނެގުމުގެ ފުރުސަތު ނުލިބުން،" ހިސާން ވިދާޅުވި އެވެ.

މިއަދު ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އޭގެފަހުން އިތުރު ވާހަކައެއް ނުދައްކަ އެވެ. 

އެ ކޮމިޓީން އިލެކްޝަންސް ކޮމިޝަން (އީސީ)އާއި އެޓާނީ ޖެނެރަލްގެ އޮފީހާ އެކު އޭގެކުރިން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމު ވެސް ސުވާލު އުފެއްދެވީ ލޯކަލް ކައުންސިލް އިންތިހާބާ އެކުގައި ރިފަރެންޑަމް ބާއްވާ ނަަމަ ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ދޭނެ ވަގުތު ލިބޭނެތޯ ނުވަތަ ނޫންތޯ އެވެ.

އެކަމާ ބެހޭ ގޮތުން އީސީގެ ރައީސް މުަހައްމަދު ޒާހިދާ މީކާއީލް ތަކުރާރުކޮށް ސުވާލު ކުރެއްވި ނަމަވެސް އެ ސުވާލަށް ޒާހިދު ޖަވާބެއް ނުދެއްވަ އެވެ. 

އޭނާ ވިދާޅުވީ ގާނޫނުގައި އޮތް ގޮތަށް އީސީން އަމަލުކުރާނެ ކަަމަށެވެ. އެހެންވެ، އީސީގެ ރައީސްގެ ހައިސިއްޔަތުން ޒާހިދުގެ ހިޔާލު އެކަމުގައި ފާޅުކުރައްވަން މީކާއިލް ތަކުރާރުކޮށް އެދިވަޑައިގަތުމުން އެ މަސައްލަ ހޫނުވެ، ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ޝުޖާއު އާއި މީކާއީލްއާ ދެމެދު ކޮމިޓީ ބައްދަލުުވުމުގައި މިއަދު ޒުވާބެއް ވެސް ހިނގި އެވެ.