ޝަރޫ ލޯންޗް ސާވިސް އިން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ދޮޅުލައްކަ ޑޮލަރުގެ ޗެކެއްގެ ބޭންކް ގެރެންޓީ ތައްގަނޑު ވަގު ކަމަށް ބަލައި އެ ޗެކް ކްލިއާ ނުވި މައްސަލައެއް ކޯޓުގައި ހިނގަމުން ދަނިކޮށް، ހަމަ ހަމަ އެ ތައްގަނޑު ޖަހާފައި އޭނާ އަށް ދޫކޮށްފައިވާ ހަތަރު ލައްކަ ޑޮލަރުގެ ޗެކެއް ކްލިއާވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސްޓެލްކޯ އާއި ފެނަކަ އަށް ޑޮލަރު ގަންނަން ދިން ދެ ޗެކަކަށް އެތަކެއް މިލިއަން ރުފިޔާ ނުލިބިގެން އެ ދެ ކުންފުނިން ޝަރޫ ގޮވައިގެން ކޯޓަށް ގޮސްފައިވާ އިރު، އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ދޮޅު ލައްކަ ޑޮލަރުގެ މައްސަލައިގެ ޝަރީއަތް މިހާރު ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ. ޝަރޫން ދޫކޮށްފައިވާ ޗެކްތަކުގައި ހުރީ މޮރިޝަސް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑެވެ. އެހެން ނަމަވެސް، އެއީ ސައްހަ ނޫން ތައްގަނޑުތަކެއް އެ ބޭންކުން ބުނެ އެވެ.
ދޮޅު ލައްކަ ޑޮލަރުގެ ޗެކް ބައުންސްވެ އެ ފައިސާ ހޯދަން ކުރި ދައުވާގެ ޝަރީއަތުގެ ތެރޭގައި، ފެންމަތިވި އެއް މައްސަލައަކީ، އަމިއްލަ ފަރާތަށް ދޫކޮށްފައިވާ ހަތަރު ލައްކަ ޑޮލަރުގެ ޗެކެއް އިސްލާމިކް ބޭންކުން ކްލިއާވި މައްސަލަ އެވެ.
"ކޯޓުގައި އިސްލާމިކް ބޭންކުން މި ބުނަނީ ދޮޅު ލައްކަ ޑޮލަރުގެ ޗެކް ކްލިއާ ނުވެ އޮތް ސަބަބަކީ އެ ޗެކަށް ގެރެންޓީ ދީފައި އޮތް މޮރިޝަސް ބޭންކުގެ ގެރެންޓީ ތައްގަނޑަކީ ސައްހަ ތައްގަނޑެއް ކަމަށް ނުވާތީ. އެކަމަކު ހަމަ އެ ތައްގަނޑު ޖަހާފައި އޮތް ހަތަރު ލައްކަ ޑޮލަރުގެ ޗެކެއް އަޅުގަނޑު ވާނީ ހަމަ އިސްލާމިކް ބޭންކުން ކްލިއާކޮށްފައި،" އޭނާ ބުންޏެވެ.
"އެކަމަކު އިސްލާމިކް ބޭންކުން ކޯޓުގައި ބުނަނީ ނޯންނާނެއޭ ހަތަރު ލައްކަ ޑޮލަރުގެ ޗެކެއް ކްލިއާވެފައެއް. ތިމަންނަމެންގެ އަތަކު ނެތޭ އެ ބުނާ ޗެކެއް ވެސް. އެހެން ބުނީމަ އަޅުގަނޑު މިއަދު ގޮސް އިސްލާމިކް ބޭންކުގެ އަޅުގަނޑުގެ އެކައުންޓުގެ ސްޓޭޓްމަންޓެއް ވެސް ނަގައިފިން. އެބައޮތް ހަތަރު ލައްކަ ޑޮލަރުގެ ޗެކް މިދިޔަ އަހަރުގެ ޖޫން 9 ގައި ކްލިއާ ވެފައި،" ހުރިހާ ޑޮކިއުމެންޓްތަކެއް ނޫސްވެރިންނަށް ދައްކަމުން އޭނާ ބުންޏެވެ. "އަޅުގަނޑުގެ ސުވާލަކީ އެ ޗެކް ކްލިއާ ނުވާ ކަމަށް އިސްލާމިކް ބޭންކުން އެ ބުނަނީ ކީއްވެގެންތޯ؟ ކީއްވެގެންތޯ އެ ޗެކް ސައްހަ ވެފައި އެހެން ޗެކްތައް ސައްހަ ނުވާންވީ؟ ކީއްވެގެންތޯ އެ ޗެކްް އެތަނުން ނުފެންނަންވީ."
މި މައްސަލާގައި ކޯޓުން ވަނީ އެ ޗެކް ކްލިއަވިތޯ ނުވަތަ ނޫންތޯ ބެލުމަށް އިސްލާމިކް ބޭންކަށް އަންގައިފަ އެވެ. އޭގެ ޖަވާބުގައި، އިސްލާމިކް ބޭންކުން ސިވިލް ކޯޓުގެ އިސްގާޒީ އަށް ފޮނުވި ސިޓީގެ ކޮޕީއެއް ވެސް ވަނީ "މިހާރު" އަށް ލިބިފަ އެވެ. އޭގައި ބުނެފައި ވަނީ އެ ޗެކް ކްލިއާ ވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، އެ ހަތަރު ލައްކަ ޑޮލަރުގެ ފައިސާ އޭނާގެ އެކައުންޓަށް ވަދެފައިވާ ކަމުގެ ރަސްމީ ހުރިހާ ލިޔެކިޔުމެއް ނޫސްވެރިންނަށް ދެއްކި އެވެ.
ގަންނަން ދިން ޑޮލަރު ނުލިބި، އަދި ފައިސާ ވެސް އަނބުރާ ނުލިބިގެން ޝަރޫ ލޯންޗު ސާވިސްގެ މައްޗަށް ސްޓެލްކޯ އާއި ފެނަކައިން ކޯޓުގައި ދައުވާ ކުރާއިރު، ޑޮލަރު ނުލިބިގެން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޝަރޫން ވެސް ވަނީ މޮރިޝަސް ބޭންކުގެ މައްޗަށް ދައުވާކޮށްފަ އެވެ. ޝަރޫގެ މައްސަލައަކީ ޑޮލަރު ގަނެ ވިއްކުމުގެ ތެރޭގައި މި ފަހަކަށް އައިސް ރާއްޖޭގައި ހިނގި މިފަދަ އެންމެ ބޮޑު އެއް އޮޅުވާލުމެވެ.
މި މައްސަލާގައި މޯލްޑިވްސް އިސްލާމިކް ބޭންކިން އިން ބުނީ ކަސްޓަމަރުންނާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރާ ކަމަށެވެ.