ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް ކަމަށް މަސްތޫރު ހުސްނީ ހަމަޖައްސައިފި އެވެ.

ވަކީލް މަސްތޫރަކީ ރައީސްގެ މެމްބަރެއްގެ ގޮތުން ދާދިފަހުން ޖޭއެސްސީ އަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް އޭނާ ހަމަޖެއްސީ ކުރިން ނައިބު ރައީސްގެ މަގާމުގައި ހުންނެވި މެމްބަރު އެ ކޮމިޝަނުން ވަކި ކުރެއްވުމުން ނައިބު ރައީސްގެ މަގާމު ހުސްވެފައިވާތީ އެވެ.

ޖޭއެސްސީން ބުނި ގޮތުގައި ނައިބު ރައީސް ކަމަށް މަސްތޫރު ހަމަޖެއްސީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ޖަލްސާ އަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޖޭއެސްސީގެ ގާނޫނު އޮންނަ ގޮތުން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރާނީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި އެކި ދުވަސްވަރު އެކި ބޭފުޅުން ތިއްބެވި އެވެ. އެންމެ ފަހުން އެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅާފައި ކުރިން ހުންނެވި މެމްބަރު އިބްރާހިމް ރިޒާ އެވެ. މަޖިލީހުން ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މިދިޔަ މަހު އޭނާ އެ ކޮމިޝަނުން ވަކިކޮށްފަ އެވެ.

އެ ކޮމިޝަންގެ ރައީސަކަށް މިވަގުތު ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅުއްވާފައި ހުންނަވާ ފަނޑިޔާރު އަބްދުﷲ އަރީފެވެ. އެ ކޮމިޝަންގެ ރައީސްކަން މިހާތަނަށް އަބަދުވެސް ކުރައްވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ފަނޑިޔާރެވެ.