މެރިއެޓް އިންޓަނޭޝަނަލް މޯލްޑިވްސްއިން ހިންގާ އެޕްރެންޓިސް ޕްރޮގްރާމުގެ ދެ ވަނަ ބެޗުގެ އެޕްރެންޓިސް ޕްރޮގްރާމް ފަށައިފި އެވެ.

ޝެރަޓަން މޯލްޑިވްސް ފުލްމޫން އެންޑް ސްޕާގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ. މި އަހަރުގެ މި ޕްރޮގްރާމުގައި 60 ބައިވެރިން ހިމެނެ އެވެ.

މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވެސް ބައިވެރިވެ ވަޑައިގަތެވެ. އޭނާ ދެއްކެވި ވާހަކައިގައި، ރާއްޖޭގެ އާބާދީގެ 43 ޕަސެންޓަކީ ޒުވާނުންނަށް ވާއިރު، ޒުވާނުންނަކީ ވަޒީފާގެ މައިދާނުގައި ކާމިޔާބު ބަޔަކަށް ހެދުމަށް އެ ފަދަ ޕްރޮގްރާމެއްގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންގެ ހުނަރު ތަރައްގީކޮށް، ވަޒީފާއެއް ނެތި ތިބި ޒުވާނުންނަށް އެ ޒުވާނުން އެދޭ ފަދަ ވަޒީފާއެއް ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންނާ ވާހަކަ ދައްކަވަނީ.
މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންނާ ވާހަކަ ދައްކަވަނީ.

މި ޕްރޮގްރާމަކީ ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ހިންގާ ނެޝަނަލް އެޕްރެންޓިސް ޕްރޮގުރާމުގެ ދަށުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވާމަންޓް އިން މެރިއެޓް އިންޓަނޭޝަނަލްއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގަމުންދާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމު ލޯންޗުކުރީ މިދިޔަ އަހަރު އެވެ.

މެރިއެޓްގެ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 10 މަސް ދުވަހުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ގައުމީ މިންގަނޑުތަކާ އެއްގޮތަށް ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ، މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުގުވެރިވާ ޒުވާނުންނަށް ރާއްޖޭގައި ހުންނަ މެރިއެޓް އިންޓަނޭޝަނަލް މޯލްޑިވްސްގެ ދަށުން ހިންގާ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަންނީ މާހިރުންގެ ފަރާތުން ތަމްރީނުތައް ލިބޭނެ އެވެ.

މި ޕްރޮގްރާމުގައި އޮން-ދަ-ޖޮބް ޓްރެއިނިންގެ އިތުރުން ކްލާސްރޫމުތަކުގައި ތަމްރީނުތައް ދޭނެ އެވެ. ޕްރޮގްރާމުގެ ބައިވެރިންނަށް މެރިއޮޓް އިންޓަނޭޝަނަލުން ރާއްޖޭގައި ހިންގާ ނަން މަޝްހޫރު ބޮޑެތި ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރިޓްޒް ކާލްޓަން މޯލްޑިވްސް ރިސޯޓާއި ފަރި އައިލެންޑް ރިސޯޓާއި ޖޭޑަބްލިއު މެރިއެޓް މޯލްޑިވްސް އަދި ޝެރަޓަން މޯލްޑިވްސް ފުލް މޫން އެންޑް ސްޕާ ފަދަ ގިނަ ރިސޯޓުތަކެއްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮގްރާމާ ގުޅޭ ގޮތުން ޕްރެޒިޑެންޓް، އޭޝިއާ ޕެސިފިކް އެކްސްކްލޫޑިން ޗައިނާ، މެރިއެޓް އިންޓަނޭޝަނަލް ރަޖީވް މެނޮން ވިދާޅުވީ މެރިއެޓް އަކީ އިންކްލޫސިވް، ޑައިވާސް ކުންފުންޏެއް ކަމަށާއި އެ ކުންފުނިން ހަމަހަމަ ފުރުސަތުތަކެއް ހުރިހާ އެންމެންނަށް ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި މި ޕްރޮގްރާމަކީ އެ ހަމަތަކާއި އުސޫލުތަކުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގުރާމުން ޓޫރިޒަމް އިންޑަސްޓްރީއިން ވަޒީފާގެ ފުރުސަތު ހޯދުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމާއި ތަމްރީނުތަކާއި ވަޒީފާގެ ފުރުސަތުތައް ހަމަހަމަކަމާ އެކު ހުރިހާ ބައިވެރިންނަށް ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މި ޕްރޮގްރާމަކީ 86 ޕަސެންޓުގެ ރިޓެންޝަން ރޭޓެއް ހިމެނޭ ކާމިޔާބު ޕްރޮގްރާމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މެރިއެޓް އިންޓަނޭޝަނަލުން ހިންގި ފުރަތަމަ އެޕްރެންޓިސްޝިޕް ޕްރޮގުްރާމުން ގްރެޖުއޭޓުވި 43 ބައިވެރިންގެ ތެރެއިން 37 ގްރެޖުއޭޓުންނަށް ވަނީ ވަޒީފާ ލިބިފަ އެވެ.