މޮސްކޯ (ޖޫން 4) - ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރި ހިންގެން ނެތް ކަމަށް ބުނެ މެރިއޮޓް އިންޓަނޭޝަނަލުން، 25 އަހަރަށް ފަހު ރަޝިޔާ ދޫކޮށްލައިފި އެވެ.

މެރިއޮޓުން ވަނީ މޮސްކޯގައި ހުންނަ އޮފީސް ބަންދުކޮށް އިންވެސްޓްމަންޓްތައް މާޗް މަހު ހުއްޓާލައިފަ އެވެ. ނަމަވެސް ރަޝިޔާގައި ހުންނަ މެރިއޮޓުގެ 22 ހޮޓާ ހިންގަމުން ދިޔައީ ތިންވަނަ ޕާޓީއެއް މެދުވެރިކޮށެވެ.

މެރިއޮޓުން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާ، އިނގިރޭސި ވިލާތް އަދި އީޔޫ އިން އެންމެ ފަހުން ރަޝިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާ މާކެޓުގައި ފްރެންޗައިޒް ހޮޓާތައް ހިންގުމަށް ވެސް ދަތިވެފައިވާ ކަމަށެވެ.

ރަޝިޔާ އިން ފެބްރުއަރީ މަހު ޔުކްރޭނަށް އެރުމާ ގުޅިގެން ބައިނަލްއަގުވާމީ ވަރަށް ގިނަ ކުންފުނިތަކުން ވަނީ ރަޝިޔާގައި ވިޔަފާރި ހުއްޓާލައިފަ އެވެ. އޭގެ ތެރޭގައި މެކްޑޮނަލްޑްސް އާއި ސްޓާބަކްސް ހިމެނެ އެވެ. ފްރާންސްގެ ކާރު އުފައްދާ ކުންފުނި ރިނޯލްޓްސްގެ އެސެޓްތައް ވަނީ ނެޝަނަލައިޒްކޮށްފަ އެވެ.

ރަޝިޔާ އިން ޔުކްރޭނަށް އަރައި ހަމަލާދޭތައް ދޭތާ އިއްޔެ ވަނީ 100 ދުވަސްވެފަ އެވެ.