ލަވަކިޔުންތެރިޔާ އަދި މޯލްޑިވިއަން އައިޑޮލްގެ ޖަޖް މަރިޔަމް އުނޫޝާ (ކިޑީ) މުޅި ރާއްޖޭގެ ޓުއާއަކަށް ތައްޔާރުވަމުން އަންނަކަން މިއަދު އިއުލާންކޮށްފި އެވެ.

މިއީ އުމުރުން ހަ އަހަރުގައި ލަވަކިޔަން ފެށި އުނޫޝާ، 31، ޕްރޮފެޝަނަލް ލަވަކިޔުންތެރިއެއްގެ ގޮތުގައި ހޭދަކޮށްފައިވާ 17 އަހަރު ތެރޭ ޓުއާއަކަށް ދާ ފުރަތަމަ ފަހަރެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައި، މި ގޮތަށް ދުރާލާ ރާވައި އިއުލާންކޮށްގެން މުޅި ރާއްޖޭގައި ޝޯތައް ބާއްވާ ފުރަތަމަ ޓުއާ ވެސް މެ އެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ބޮޑެތި ޝޯތަކުގައި ޕަފޯމްކޮށްފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާގެ ދަތުރު ފަށާނެ އިރެއް އަދި ޝޯތައް ބާއްވާނެ ތަންތަނެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެކަމަކު އުނޫޝާ ތަމްސީލްކުރާ ޕަބްލިސިސްޓް ކުންފުނި، "ދިވަސް"ގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޝޯތައް ބާއްވާނެ އެވެ.

"ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުގައި ޕަފޯމްކުރާނެ،" އޭނާ ވިދާޅުވި އެވެ.

އުނޫޝާގެ ޓުއާ އިއުލާންކޮށް އާއްމުކުރި ޕޯސްޓަރެއް
އުނޫޝާގެ ޓުއާ އިއުލާންކޮށް އާއްމުކުރި ޕޯސްޓަރެއް

ސައުންޑް ސްކުއަޑް އިން އިންތިޒާމްކުރާ ޓުއާގެ ޕާޓްނަރުންގެ ތެރޭގައި ދިވަސް އާއި ޒޯއާޓްސް ވެސް ހިމެނެ އެވެ.

އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެކި އެވޯޑްތައް ހާސިލްކުރުމުގެ އިތުރުން ބޮލީވުޑް ފްރެންޗައިޒް "ޖިސްމް" އަށް ވެސް ލަވަކިޔައިދީފައިވާ އުނޫޝާ، މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ދެ ސީޒަންގެ ޖަޖިން ޕެނަލްގައި ވެސް ހިމެނުނެވެ. އަދި އޭނާއަކީ އެ ޝޯގެ ހަމައެކަނި އަންހެން ޖަޖެވެ.