މޯލްޑިވިއަން އައިޑޮލްގައި މަރިޔަމް އުނޫޝާގެ ތަފާތަކީ ޝޯގެ ހަމައެކަނި އަންހެން ޖަޖަށް ވުން އެކަންޏެއް ނޫނެވެ. ޕަފޯމެންސްތަކަށް ކޮމެންޓްކުރުމުގައި އަދި ބައިވެރިންނާ ވާހަކަދެއްކުމުގައި ވެސް އުނޫޝާގެ ރާގާއި ބަހުރުވަ ހުންނަނީ ފިރިހެން ޖަޖުންނާ ތަފާތު ގޮތަކަށެވެ. އޭގެ އިތުރުން އުނޫޝާ ދައްކާ އެންމެ ބޮޑު ތަފާތަކީ އޭނާގެ ސްޓައިލެވެ.
އައިޑޮލްގެ ފުރަތަމަ ސީޒަނަށް ފަހު ދެވަނަ ސީޒަނުގައި ވެސް، ދެ އެޕިސޯޑެއްގައި އެއްގޮތަކަށް އުނޫޝާ ފެނިފައެއް ނުވެ އެވެ. ޚާއްސަކޮށް އިސްތަށިގަނޑުގެ ސްޓައިލުން އާދަޔާޚިލާފު ބޮޑެތި ބަދަލުތަކެއް އަބަދުވެސް ފެނެ އެވެ.
ކިޑީ ނުވަތަ ކިޑީ ދައްތަގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާއަކީ އިސްތަށިގަނޑު ސްޓައިލްކުރުމުގައި ކިތަންމެ ބޮޑު ރިސްކެއް ވެސް ނަގާފާނެ ޒުވާނެކެވެ. އެއް ދުވަސްވަރެއްގައި އިސްތަށިގަނޑުގައި އެއްކޮށް ފެހި ކުލަ ޖައްސައިގެން އުޅުނު ތަން ވެސް ފެނުނެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ނިންމައިލި މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކަށް ކަޅިއެއް ހިންގައިލަމާ ހިނގާށެވެ؛ އޭނާގެ އިސްތަށިނޑު ކުރެވެ. ބުޅި އެވެ. އޮތީ ރަތް ކުލަ ޖައްސައިފަ އެވެ. އެ ފަހަރު ވެސް ކިޑީގެ އިސްތަށިގަނޑަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އަނެއްކޮޅުން، ސްޓައިލް ކުރަމުން ގެންދިޔަ ގޮތް ވެސް ވަަރަށް ތަފާތެވެ.
މިދިޔަ އަހަރުގެ ޝޯގެ އެޕިސޯޑެއްގައި ބޮލުގެ މައްޗަށް ހުޅިއެއް ޖަހައި، އެއްބައި ނިތްކުރި މައްޗަށް ވައްޓާލައިފައި އޮތް ގޮތުން ބައެއް މީހުން ވަނީ ކިޑީގެ ބޯ މަތީގައި ބޯވައެއް އޮތް ކަމަށް ސިފަކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އެ ފަހަރު އެ ސްޓައިލަށް ހަޖޫ ޖަހައި، ކިޑީގެ ބޯ މަތީގައި ބޯވައެއް ބާއްވައިގެން ފޮޓޯ ވެސް ހެދި އެވެ.
ދެވަނަ ސީޒަންގައި ވެސް ކިޑީ ފެންނަނީ ތަފާތު ހެއާ ސްޓައިލްތަކާ އެކުގަ އެވެ. އޮޑިޝަންތައް ދެއްކި އިރު އިސްތަށިގަނޑު ކުރެވެ. ހުރީ ހައިލައިޓްކޮށްފަ އެވެ. ބައެއް ފަހަރު ބުޅި އެވެ. ބައެއް ފަހަރު ފަނެވެ. ކުލަ ވެސް ދިޔައި ތަފާތުވަމުންނެވެ. ތިއޭޓަ ރައުންޑާ ހަމައަށް އައި އިރު، އިސްތަށިގަނޑު ދިގެވެ. ބުޅި އެވެ. ބޮޑު ބައި އޮތީ ބްލޮންޑްކޮށެވެ. އެންމެ ފަހުން ދެއްކި ޕިއާނޯ ރައުންޑްގެ ފުރަތަމަ ބުރު ނިންމައިލި އިރު، އަނެއްކާވެސް އިސްތަށިގަނޑު ތަންކޮޅެއް ކުރުހެން ހީވެ އެވެ. މި ފަހަރު އޮތީ އަނެއްކާވެސް ފަންކޮށެވެ.
އިސްތަށިގަނޑަށް ކިޑީ ގެންނަ އަވަސް ބަދަލުތަކަކީ މޯލްޑިވިއަން އައިޑޮލް އިން އޭނާ ދެކިލަން ބޭނުންވާ މީހުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭ އެއް ކަންތަކެވެ. އެހެންވެ ކިޑީގެ ސްޓައިލް ބައެއް މީހުންނަށް ކަމުދާ އިރު، ކަމުނުދާ މީހުން ވެސް ތިބެ ދާނެ އެވެ.
މިދިޔަ ހަފުތާގެ ދެ އެޕިސޯޑްގައި ވެސް އޭނާގެ ހެއާ ސްޓައިލް ތަފާތެވެ. ހުކުރު ދުވަހުގެ ރޭގެ އެޕިސޯޑްގައި ފެނުނީ މެދުން ފަޅައި، ބަނޑި ލައްވައިފައި އޮތް އިސްތަށިގަނޑެކެވެ. އެލިމިނޭޝަން ޝޯގައި ފެނުނީ ހަމަ މެދުން ފަޅައިފައި ހުއްޓަ އެވެ. އެކަމަކު އޮތީ ވަރަށް ޗާލުކޮށް އޮތް ފަން އިސްތަށިގަނޑެއް ފުރަގަހަށް އެކީ ވައްޓާލައިފަ އެވެ.
އެންމެ ފަހުން މި ފެނުނު ސްޓައިލަކީ ކިޑީއާ ވަރަށް ގުޅޭ އަދި މިހާތަނަށް ފެނުނު ސްޓައިލްތަކަށް ބަލާ އިރު ވަރަށް ފާހަގަކުރެވޭ ސްޓައިލެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އެ ސްޓައިލް ސިމްޕަލް ވެފައި، ކްލަސީ ކަމަށް ދައްކަ އެވެ.
މި ހަފުތާބަންދުގައި ކިޑީ ފެންނާނީ ކިހިނެއް ކަމެއް ނޭނގެ އެވެ. އަނެއްކާވެސް ބޮޑު ތަފާތެއް ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.