އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާން އާއި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އެކުގައި ކިޔާފައިވާ ލަވަ ޝާންގެ ޔޫޓިއުބް ޗެނަލްގައި މިއަދު ރިލީޒްކޮށްފި އެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި ޝޫޓްކޮށްފައިވާ "ދިލް އުޅެޔާ" ކިޔާ އެ ލަވައިގެ ވީޑިއޯގައި ވެސް ޝާންއާ އެކު އުނޫޝާ ފެނެ އެވެ. އަދި އިތުރު އެހެން ދިވެހި މިއުޒިކް އާޓިސްޓުންނާއި މޮޑެލުން ވެސް އެ ލަވައިގައި ފެނެ އެވެ. އެ ލަވައިގެ ޕްރޮޑަކްޝަން މަސައްކަތުގައި ވެސް ދިވެހިން ބައިވެރިވި އެވެ.

ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ހިންދީ ލަވަކިޔުންތެރިއެއް ކަމަށްވާ ޝާން އެ ލަވަ ރިލީޒްކުރަމުން ސޯޝަލް މީޑިއާގައި ބުނީ، އެއީ ވަރަށް "ބްރީޒީ" އަދި ނަށާލަން ރަނގަޅު ލަވައެއް ކަމަށެވެ. އަދި އެ ލަވައިން ލިބޭނީ ވެސް "ފީލް ގުޑް" ވައިބެއް ކަމަށް ބުންޏެވެ.

ދިވެހި ބަހާއި ހިންދީ އަދި ޕަންޖާބް ބަސް ހިމެނޭ މި ލަވައަކީ "ރެގޭ ޕޮޕް" ޖޯންރާގެ ލަވައެކެވެ.

ދެ އާޓިސްޓުން ވެސް އެ ލަވައިގެ އެކި ބައިތައް އެކި ބަސްތަކުން ކިޔަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވުނީ ލަވައިގެ ދިވެހި ރެޕްގެ ބައެވެ. އުނޫޝާގެ އިތުރުން ޝާން ވެސް ވަނީ އެބައި ދިވެހިން ކިޔަައިފަ އެވެ. އެ ލަވައިގެ ދިވެހި ލިރިކްސް ލިޔުނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އެވެ.

އެ ލަވައާ ގުޅޭ ގޮތުން އުނޫޝާ ބުނީ، ޝާންއާ އެކު ލަވައެއް ކިޔަން ލިބުމަކީ ގަބޫލުކުރަން ވެސް އުނދަގޫވި ވަރުގެ ބޮޑު ފުރުސަތެއް ކަމަށެވެ. އަދި އެ ފުރުސަތު ދިނީތީ ޝާން އާއި އޭނާގެ ޓީމަށް އޭނާ ޝުކުރު އަދާކުރި އެވެ.