ރާއްޖެއަށް ކުރި ސްކޫލް ދަތުރެއްގެ ތެރޭގައި މަރުވި އުމުރުން 15 އަހަރުގެ ޖެނާ ޗަންގެ މައިންބަފައިން، އެ ކުއްޖާ ކިޔެވި ސެއިންޓް ޖޯސެފް އިންސްޓިޓިއުޝަން އިންޓަނޭޝަނަލް (އެސްޖޭއައިއައި) އާ ދެކޮޅަށް އިހުމާލުގެ ދައުވާ އުފުލައިފި އެވެ.
ޖެނާގެ މައިންބަފައިން ކަމަށްވާ ޑރ. ޖެނިފާ ލިއާއު އާއި އަލަން ޗަން ބުނި ގޮތުގައި، ދަރިފުޅުގެ މަރުގެ ހަގީގަތް ހޯދުމަށް ވޭތުވެދިޔަ 20 މަސްދުވަހު ސްކޫލާ އެކު ކުރި މަސައްކަތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާތީ، އެންމެ ފަހުން ޝަރުއީ މަރުހަލާއަށް ދާން މަޖުބޫރުވީ އެވެ.
"މިއީ އަޅުގަނޑުމެން ބޭނުންވި ގޮތެއް ނޫން،" ޑރ. ލިއާއު ބުނެފައިވެ އެވެ.
އޭނާ ބުނި ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ސްކޫލްގެ ކިބައިން އެދުނީ، މިފަދަ ހިތާމަވެރި ހާދިސާއެއް ދެން އެހެން ކުއްޖަކަށް ދިމާނުވާނެކަން ކަށަވަރުކުރުމަށްޓަކައި، ކަންވީގޮތް ހޯދުމަށް އެހީތެރިވެދިނުމަށެވެ. ނަމަވެސް، ހުރިހާ ދޮރެއް ބަންދުވެފައިވާ ކަމަށް ދަރިފުޅުގެ ހިތާމައިގައި ތިބި މައިންބަފައިން ބުންޏެވެ.
"މި ދައުވާގެ ބޭނުމަކީ ޒިންމާދާރުކުރުވުމާއި، ޖެނާ އަކީ މިފަދަ ހާދިސާއެއްގައި ވަކިވެދިޔަ އެންމެ ފަހު ކުއްޖާކަމުގައި ހެދުން،" ލިއާއު ބުންޏެވެ.
ޖެނާގެ މަރުގެ ބަދަލު ހޯދުމަށް ސިންގަޕޫރުގެ ހައިކޯޓުގެ ޖެނެރަލް ޑިވިޝަނަށް މި މައްސަލަ ހުށަހަޅާފައިވަނީ، އޭނާ ދުނިޔޭގައި ހުރިނަމަ 17 އަހަރު ފުރޭ ދުވަހު އެވެ.
ސިންގަޕޫރަށް ނިސްބަތްވާ އަދި އެސްޖޭއައިއައި ގެ ގްރޭޑް 9 ގައި ކިޔަވަމުންދިޔަ ޖެނާ މަރުވީ ނޮވެމްބަރު 8، 2024 ގަ އެވެ. އެއީ އދ. ދިގުރަށް ކައިރީގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ފަހަތަށް ޖެއްސި ދޯންޏެއްގެ ބުރަފަތީގައި ޖެހިގެންނެވެ.
ދައުވާގައި ބަޔާންކޮށްފައިވާ ގޮތުން، އެ ދުވަހުގެ ހެނދުނު ޖެނާ މޫދަށް ފޭބީ ދަތުރުގައި ބައިވެރިވި ޓީޗަރުންގެ ހުއްދަ ލިބިގެންނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ދޯނީގެ އިންޖީނު ސްޓާޓްކޮށް ހަރަކާތް ކުރަން ފެށުމާއެކު، ދޯނީގެ އެނބުރެމުންދިޔަ ބުރަފަތީގައި ޖެހި ޖެނާއަށް ނުރައްކާތެރި އަނިޔާތަކެއް ލިބުނެވެ.
އެ ކުއްޖާ މަރުވި ހާދިސާއާ ގުޅިގެން ސްކޫލްގެ ވެރިންނާއި މަރުވި ކުއްޖާގެ ބެލެނިވެރިން ވެސް ރާއްޖެ އައިސް، އެ ހާދިސާއާ ބެހޭ މައުލޫމާތު ހޯދާފައިވެ އެވެ.
އެ ހާދިސާއަށް ފަހު ސަރުކާރުން ވަނީ "ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ނުވަތަ އދ. އަތޮޅުގައި ފެހުރިފި އުޅޭ ސަރަހައްދަށް ޓޫރިސްޓުން ގޮވައިގެން ދާ ނަމަ، އެ އުޅަނދެއްގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން މަޖުބޫރުކޮށްފަ އެވެ.