ލަންޑަން (މާޗް 2) - މަނާބޭހަށް ޕޮޒިޓިވްވެ ސަސްޕެންޝަނެއްގައި ހުރި ރަޝިއާގެ މާރިއާ ޝަރަޕޯވާ އަށް ކުރިއަށް އޮތް ބައެއް މުބާރާތްތަކުން ވައިލްޑްކާޑްގެ ގޮތުގައި ފުރުސަތުދޭން ނިންމުމުން ދުނިޔޭގެ ފިރިހެން އެއް ވަނަ ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ ފާޑުކިޔައިފި އެވެ.
މަނާބޭހަށް ޕޮޒިޓިވް ވުމުން މިދިޔަ އަހަރު ޖެނުއަރީ މަހުގައި ވަނީ ޝަރަޕޯވާ ދެ އަހަރަށް ޓެނިސްގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކޮށްފަ އެވެ. އެހެން ނަމަވެސް ފަހުން އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިގެން ޝަރަޕޯވާ ވަނީ ސަސްޕެންޝަންގެ މުއްދަތު 15 މަހަށް ކުޑަކޮށްފަ އެވެ. އެ ސަސްޕެންޝަން ހަމަވާނީ އަންނަ މަހު އެވެ.
ޝަރަޕޯވާ ސަސްޕެންޝަން އެނބުރި އައުމާ އެކު އޭނާ އަށް ހާއްސަ ޖާގައެއްގެ ގޮތުގައި ސްޓުޓްގާޓާއި މެޑްރިޑް އަދި ރޯމްގައި އޮތް މުބާރާތްތަކުން ވަނީ ފުރުސަތު ދޭން ނިންމައިފަ އެވެ.
މަރޭ ބުނީ މިއީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް ނުދެކޭ ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި އަމިއްލަ މަސައްކަތުން އާ ފެށުމަކުން މުބާރާތްތަކުން ޖާގަ ހޯދުން މީގެ ރަނގަޅީ. މަނާބޭހަށް ޕޮޒިޓިވްވެ ސަސްޕެންޝަނަކަށް ފަހު އަންނަ ކުޅުންތެރިޔަކަށް މުބާރާތްތަކުން ސީދާ ޖާގަ ދިނުމަކީ ދެން ތިބޭ ކުޅުންތެރިންނަށް ލިބޭ ގެއްލުމެއް،" މަރޭ ބުންޏެވެ.
މި ވަގުތު ވޯލްޑް ޓެނިސް ރޭންކިންގައި ވަނަ ކުރެވިފައިނުވާ ޝަރަޕޯވާ އަށް އަންނަ ޖުލައި މަހު އޮތް ވިމްބަލްޑަން ޓެނިސް މުބާރާތުން ފުރުސަތު ދިނުމާ މެދު މުބާރާތް އިންތިޒާމްކުރާ ފަރާތުން އަދި ގޮތެއް ނުނިންމަ އެވެ. މަރޭ ބުނީ އޭނާގެ ނަޒަރުގައި މިއީ ވިމްބަލްޑަން އިން ޓެނިހުގެ ކުރިމަގަށް ވިސްނަންވީ ވަގުތު ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި ވިމްބަލްޑަން އިންތިޒާމްކުރާ ފަރާތްތަކުގެ އަތްމަތީގައި އެ އޮތީ ޓެނިހުގެ މުސްތަގުބަލަށް ވަރަށް މުހިއްމު ނިންމުމެއް. އެއީ މަޝްހޫރު ކުޅުންތެރިޔަކަށް ވިޔަސް ތަފާތު ކުރުމެެއް ނުގެންގުޅި އިންސާފާ އެއްގޮތަށް ކަންތައް ނިންމުމުގެ ފުރުސަތު،" މަރޭ ބުންޏެވެ.