އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގުގެ ހަޔާތާ ބެހޭ ގޮތުން ކުޅޭ ފިލްމެއްގައި މަންމޯހަން ސިންގްގެ ރޯލު އަދާކުރަން އެކްޓަރު އަނޫޕަމް ތައްޔާރުވަމުންދާ ކަމަށް އޭނާ ބުނެފި އެވެ. މިއީ "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ކިޔާ ފޮތެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މި ފޮތް ލިޔެފައިވަނީ މަންމޯހަން ސިންގްގެ މީޑިއާ އެޑްވައިޒަރުކަން ކޮށްފައިވާ ސަންޖޭ ބާރޫ އެވެ.
މަންމޯހަން ސިންގަށް 2004 ގައި އިންޑިއާގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ކޮންގްރެސް ޕާޓީގެ ރައީސާ ސޯނިއާ ގާންދީ އެ މަގާމު ބޭނުންފުޅު ނުވުމުންނެވެ. އެ ކަމަނާ މަގާމު ބޭނުންފުޅު ނުކުރެއްވީ އެކަމަނާ އަކީ އިޓަލީއަށް އުފަން ބޭފުޅަކަށް ވާތީ ލިބެމުންދިޔަ މަލާމާތްތަކުގެ ސަބަބުންނެވެ.
މި ފޮތުގައި އަލިއަޅުވާލާފައިވަނީ 2004 އިން 2008 އަށް މަންމޯހަން ސިންގް ބޮޑުވަޒީރު ކަން ކުރެއްވި ދުވަސްވަރުގެ ހާދިސާތަކަކަށެވެ. މި ފޮތާ ގުޅޭ ގޮތުން މަންމޯހަން ސިންގް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
މަންމޯހަން ސިންގްގެ ރޯލު އަދާކުރާ އަނޫޕަމް ކޭރް އަކީ ފާޅުގައި ކޮންގްރެސް ޕާޓީއަށް ފާޑުކިޔާ މީހެކެވެ.
އަނޫޕަމް، 62، ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި ވިޖޭ ރަތުނާކަރް ގުއްޓޭ ޑައިރެކްޓްކުރާ މި ފިލްމުގައި މަންމޯހަން ސިންގްގެ ރޯލު ކުޅުމަށް ވާން ޖެހޭ ތައްޔާރީތައް އޭނާ މިހާރު އަންނަނީ ވަމުންނެވެ. އަދި ނެޝަނަލް އެވޯޑު ހޯދާފައިވާ ކުޅަދާނަ ލިޔުންތެރިޔާ ހަންސަލް މެހެތާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަނޫޕަމް ބުނެފައިވެ އެވެ.
މިދިޔަ ބުދަ ދުވަހު އަނޫޕަމް ކުރި ޓުވީޓެއްގައި ފިލްމުގެ ފުރަތަމަ ޕޯސްޓަރުގެ ފޮޓޯއެއް ދައްކާލާފައިވެ އެވެ. އެ ފޮޓޯގައި އަނޫޕަމް ފެންނަނީ މަންމޯހަން ސިންގް އާއި ވަރަށް އެއްގޮތް ކޮށެވެ.
ދަ އިކޮނޮމިކް ޓައިމްސް އަށް އަނޫޕަމް ބުނެފައިވާ ގޮތުގައި މިފަދަ ތާރީހީ ޝަހްސިއްޔަތުތައް ކުޅުމުގައި ގޮންޖެހުންތައް ވަރަށް ބޮޑުކަމަށެވެ.