މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އިނގިރޭސިވިލާތުގެ މެންޗެސްޓާގައި އެމެރިކާގެ މަޝްހޫރު ޒުވާން ލަވަ ކިޔުންތެރިޔާ އެރިއާނާ ގްރަންޑޭ ކޮންސަޓެއް ދެމުން ދަނިކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ އަށް ފަހު، އޭނާ އަނެއްކާ ވެސް ކޮންސަޓަކަށް އިނގިރޭސިވިލާތަށް ހިނގައްޖެ އެވެ.
އާދީއްތަ ދުވަހުގެ ރޭ އޮންނަ ކޮންސަޓަށް އިނގިރޭސިވިލާތަށް ދިއުމަށް ފަހު، އެރިއާނާ ވަނީ އެ ހާދިސާގައިި ޒަހަމްވެގެން ރޯޔަލް މެންޗެސްޓަ ޗިލްޑްރަން ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ ކުޑަކުދިންނަށް ޒިޔާރަތް ވެސް ކޮށްފަ އެވެ.
މެންޗެސްޓާ އަށް ދިން އެ ހަމަލާގައި 22 މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވި އެވެ. ނުރައްކާތެރި އެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެރިއާނާ، 23، ވަނީ ހިތާމައިން ފޯވެފައިވާ ހިތަކާ އެކު އެނބުރި އެމެރިކާ އަށް ގޮސްފަ އެވެ. އަދި ފަހުން އޭނާ ވަނީ ވަރަށް އަވަހަށް އެނބުރި މެންޗެސްޓާ އަށް ދާނެ ކަމަށް ބުނެފަ އެވެ.
ޗެރިޓީ އިވެންޓެއްގެ ގޮތުގައި ބާއްވާ "ވަން ލަވް މެންޗެސްޓާ ކޮންސަޓް" ގައި މި ފަހަރު އެރިއާނާއާ އެކު މަޝްހޫރު ބައެއް އެހެން ފަންނާނުން ވެސް ބައިވެރި ވާނެ އެވެ.
އޭގެ ތެރޭގައި ޖަސްޓިން ޓިމްބަލޭކް، ކެޓީ ޕެރީ، މައިލީ ސައިރިސް، ކޮލްޑްޕްލޭ، ފެރެލް ވިލިއަމްސް، ނިއާލް ހޯރަން، ލިޓްސް މިކްސް އަދި ރޮބީ ވިލިއަމްސް ހިމެނެ އެވެ.
މި ކޮންސަޓްގެ ޓިކެޓް ވިއްކަން ފެށިތާ ހައެއްކަ މިނިޓް ތެރޭގައި އެތައް ހާސް ޓިކެޓެއް ވިކިފައިވެ އެވެ.
މި ފަހަރު ވަރަށް ވަރުގަދަ ސެކިއުރިޓީއާ އެކު ކޮންސަޓް ބާއްވަނީ މެންޗެސްޓާގެ އެމިރޭޓްސް އޯލްޑް ޓްރެފޯޓް ކްރިކެޓް ގްރައުންޑް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެރިއާނާގެ ޗެރިޓީ ކޮންސަޓުން މަދުވެގެން ތިން މިލިއަން ޑޮލަރު އެއް ކުރެވޭނެ އެވެ. އެ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ހަމަލާގައި އެކި ގޮތްގޮތުން ގެއްލުންވި ފަރާތްތަކަށް އެހިވާން ހުޅުވާފައިވާ "ވީ ލަވް މެންޗެސްޓަ އިމަޖެންސީ ފަންޑް" އަށެވެ.
އެ ފަންޑަކީ މެންޗެސްޓަ ސިޓީ ކައުންސިލާއި ބްރިޓިޝް ރެޑް ކްރޮސް ގުޅިގެން ގާއިމުކޮށްފައިވާ ފަންޑެކެވެ.