މާލީގެ ދެކުނުގައި އޮންނަ ސާހިލް ސްޓޭޓްގައި، މާލީގެ ސިފައިން ހިންގި ހާއްސަ އަސްކަރީ ހަރަކާތުގައި 200 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލެވިއްޖެ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު، މާލީގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ހުސްވި މާޗް މަހުގެ 23 އިން 31ގެ ނިޔަލަށް، ސާހިލް ސްޓޭޓްގެ މޯރާ ސަރަހައްދުގައި ހިންގި ހާއްސަ އަސްކަރީ ހަރަކާތުގައި، ޖުމްލަ 203 ހަނގުރާމަވެރިން މަރާލެވުނެވެ. އޭގެ އިތުރުން ހަނގުރާމަވެރިންގެ 51 މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ ހަތިޔާރު އަތުލައިގަނެވުނެވެ.

ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގި ހާއްސަ އަސްކަރީ ހަރަކާތް ކާމިޔާބު ކަމަށް މާލީ ސަރުކާރުން ބުނާ އިރު، ސިފައިންގެ އަސްކަރީ ހަރަކާތުގައި އާންމުންގެ ބަޔަކު މަރާފައިވާ ކަމުގެ ވާހަކަތަކެއް އިވިފައިވާ ކަމަށް، އެ ގައުމުގައި ތިބި އދ.ގެ ސުލްހަ ބަލަހައްޓާ ލަޝްކަރުން ބުނެ އެވެ. ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، މޯރާ ސަރަހައްދުގައި މާލީ ސިފައިން ހިންގި އަސްކަރީ ހަރަކާތުގައި އިންސާނިއްޔަތާ ހިލާފު ގިނަ އަމަލުތަކެއް ހިންގައި، ގަސްދުގައި އާންމުންނަށް ހަމަލާދީ މަރާފައިވެ އެވެ.

ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި މާލީ ސިފައިންގެ ހަމަލާތަކުގައި އާންމުންގެ 300 މީހުން މަރައިލި އެވެ. އެ ވާހަކަތަކަށް ރައްދު ދީ، މާލީގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މާލީ ސިފައިން ހަމަލާދީފައި ވާނީ ޓެރަރިސްޓު ގުރޫޕުތަކަށެވެ. އަދި އަސްކަރީ ހަރަކާތް ހިންގި ސަރަހައްދަކީ، އަލްގާއިދާ އާއި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅުން ހުރި ޓެރަރިސްޓުންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކެއް ކަމަށް ވެސް މާލީގެ އަސްކަރިއްޔާ އިން ބުނެ އެވެ.

މާލީގެ އަސްކަރިއްޔާގައި ހިމެނޭ އޮފިސަރުންތަކެއް، 2012 ވަނަ އަހަރު އަސްކަރީ އިންގިލާބެއް ގެންނަން މަސައްކަތް ކުރި ފަހުން، އެ ގައުމުގެ ސަރުކާރުން އަންނަނީ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ހިންގާ ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ. އެ ހަރަކާތްތަކުގެ ތެރޭގައި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގާ ކަމަށް އަބަދުވެސް ތުހުމަތުކުރެވެ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން، މިދިޔަ ހުކުރު ދުވަހު މާލީގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ގައުމުގެ ސިފައިން ޓެރަރިސްޓުންނާ ދެކޮޅަށް ހަރަކާތްތެރިވީ އިންސާނީ ހައްގުތަކަށް ފުރިހަމަ އަށް ރިއާޔަތްކޮށްގެން އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ އެއްގޮތަށެވެ. އަދި ހަގީގަތެއް ނެތް ދޮގު ތުހުމަތުތައް ނުކުރުމަށް ވެސް، އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.