މާލޭގެ މަގެއްގައި ގޮދަޑިއެއް ބެހެއްޓި މީހަކު ހޯދަން ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

ކައުންސިލުން އެކްސްގައި ކުރި ޕޯސްޓުގައި ހިމަނާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގޮދަޑި ބަހައްޓާފައި ހުރީ މައްޗަންގޮޅީ ސަހަރާގެ ފާރުގައި ލައްގައިފަ އެވެ. އެ ބޮޑު ގޮދަޑި ބެހެއްޓުމުގެ ސަބަބުން، ޕޭވްމަންޓުން ވެސް ބައެއް އޮތީ ގެއްލިފަ އެވެ. 

ކައުންސިލުން ބުނީ މި ގޮދަޑި ބެހެއްޓި މީހަކު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. 

މާލޭގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަވާ ނަމަ ކައުންސިލްގެ ހޮޓްލައިން 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުވަން ނުވަތަ ކައުންސިލްގެ ހޮޓްލައިން 1622 އަށް ރިޕޯޓް ކުރުމަށް ކައުންސިލުން އެދިފައިވެ އެވެ.

ގޭތެރޭގައި ގެންގުޅޭ ސާމާނު ބާވެ އުކާލަން ވުމުން މަގުތަކަށް ނެރެފައި ބަހައްޓާ މައްސަލަ ވަރަށް ބޮޑެވެ. އަދި ބޮޑެތި ކޮތަޅުތަކުގައި ވެސް އެގޮތަށް ކުނި ބަހައްޓަ އެވެ. އެގޮތަށް ހުންނަ ކުނި ކައުންސިލުން ނުކުމެ ސާފު ވެސް ކުރެ އެވެ. އަދި ކުނި އަޅާ މީހުން ހޯދައި ބައެއް ފަހަރަށް ޖޫރިމަނާ ވެސް ކުރެ އެވެ.