އިމިގްރޭޝަން މައްސަލަތަކެއް ދިމާވެ ދިވެހިންތަކެއް ރާއްޖެ ނާދެވި މެލޭޝިއާގައި ތާށިވެއްޖެ އެވެ.
ރާއްޖެ އަންނަން އެއާޕޯޓަށް ދިޔަ ދެތިން އާއިލާއަށް ނުފުރި އެ ގައުމުގައި މަޑުކުރަން ޖެހުނީ "ސްޕެޝަލް ޕާސް" ނުހޯދައި ފުރަން ދިއުމުންނެވެ. އެ ފަހާ ނުލައި ދިޔައީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ނެރުނު އިއުލާނާ ހެދި ކަމަށް މި މައްސަލައިގައި "މިހާރު"އަށް ވާހަކަ ދެއްކި މީހުން ބުންޏެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މެލޭޝިއާގައި އިއުލާންކުރި މޫވްމެންޓް ކޮންޓްރޯލް އޯޑަރު (އެމްސީއޯ) މިދިޔަ ބުރާސްފަތިދުވަހު ވަނީ އުވާލައިފަ އެވެ. އެހެންވެ އިއްޔެ އިން ފެށިގެން މެލޭޝިއާ އިން ފުރޭނީ "ސްޕެޝަލް ޕާހެއް" ހޯދައިގެން ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.
ނަމަވެސް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޓޫރިސްޓު ނުވަތަ ސޯޝަލް ވިޒިޓެއްގައި އެ ގައުމަށް ދިޔަ ދިވެހިންނަށް މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ސްޕެޝަލް ޕާހެއް ނުހޯދައި ރާއްޖެ ދެވޭނެ ކަމަށެވެ.
ދިވެހި އެމްބަސީގެ އެންގުމާ އެއްގޮތަށް ފުރަން އެއާޕޯޓަށް ވަޑައިގަތް ބ. އަތޮޅުގެ ކުރީގެ މެމްބަރު އިބްރާހިމް އަފީފް ވިދާޅުވީ އެނބުރި ގައުމަށް ދާއިރު ސްޕެޝަލް ޕާހެއް ހޯދަން ޖެހޭނެ ކަން ހުރިހާ އެމްބަސީތަކަށް އަންގާފައިވާ ކަމަށް މެލޭޝިއާގެ އިމިގްރޭޝަނުން ބުނާ ކަމަށެވެ. އެ ހުއްދައާ ނުލައި ދަތުރު ނުކުރެވޭނެ ކަމަށް އަންގައި ފުރުމުގެ ފުރުސަތު އެ މީހުންނަށް ނުދިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރާއްޖެއަށް އެއްކޮށް ބަދަލުވާން ވެގެން މިދިޔައީ، އެޕާޓްމެންޓް ވެސް ދޫކޮށްލާފައި. އަނބުރާ ދާނެ ތަނެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.
އަފީފް ވިދާޅުވި ގޮތުގައި ރާއްޖެ ބަދަލުވާން ނިންމީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި އެކު ފައިސާގެ ދަތިތައް ކުރިމަތިވެފައި ވުމުންނެވެ. އަފީފް އާއި އޭނާގެ އަންހެނުން ފުރަން އެއާޕޯޓަށް ދިޔައީ އެ މީހުންގެ އެންމެ ދޮށީ ދަރިފުޅު އެ ގައުމުގައި ބަހައްޓާފައި ހަގަށް ތިބި ދެ ދަރިންނާ އެކުގަ އެވެ. މި ދުވަސްކޮޅު ކޮވިޑުން ރައްކާތެރިވާން މެލޭޝިއާއިން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ޓެކްސީއަކަށް އެރެނީ އެންމެ ދެ މީހުންނަށެވެ.
"އެއާޕޯޓާ ހަމައަށް ދާން ވެސް 100 ޑޮލަރު އަޅުގަނޑުމެން ހޭދަކުރިން،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަންނަން އެއާޕޯޓަށް ދިޔަ އެހެން އާއިލާއަކުން ބުނީ މާބޮޑު އުނދަގޫތަކެއް ކުރިމަތިނުވެ މެލޭޝިއާގައި މަޑުކުރެވުނީ އާއިލާގެ އެހެން ބަޔަކު އެ ގައުމުގައި ތިބުމުން ކަމަށެވެ. އެކަމަކު އެ މީހުން ވެސް އެދެނީ ދިވެހި އެމްބަސީން ވީހާވެސް އަވަހަށް މިކަމަށް ހައްލެއް ހޯދައިދޭށެވެ.
މިކަމާ ގުޅިގެން މެލޭޝިއާގައި ހުންނަ އެމްބަސީގެ ބަހެއް އަދި ނުލިބެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނިގޮތުގައި މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން އިރުޝާދު ދިނީ އެ އިދާރާއަށް މެލޭޝިއާ އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތަށް ކަމަށެވެ. މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި މެލޭޝިއާގެ އެމްބަސީން ދިވެހިންނަށް އެހީވެދޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ދިނެވެ.