މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މަޝްހޫރު ލަވަކިޔުންތެރިޔާ އިސްމާއީލް އައްފާންގެ އަލަތު އަލްބަމް "ގެނބެންދެން" ރޭ ނެރެފި އެވެ.
އަލްބަމް ނެރެން ރޭ އޮލިމްޕަހުގައި ބޭއްވި ކުލަގަދަ ޝޯއާ އެކު، އަލްބަމް ނެރެދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
ޝޯގެ ޓިކެޓް 440ރ. އަށް ވިއްކައިގެން އަލްބަމް ނެރެން ބޭއްވި ޝޯގައި އައްފާން ވަނީ "ގެނބެންދެން" ގެ ބައެއް ލަވަތައް ވެސް ހުށަހަޅައިދީފަ އެވެ.
ދެ އަހަރު ދުވަހުގެ މަސައްކަތުން ވުޖޫދަށް ގެނައި އަލްބަމްގައި 9 ލަވަ ހިމެނޭ އިރު އޭގެ ތެރޭގައި "ހަތަރު އަނގޮޅި" އަދި "ތައުލީމް ހާސިލް ކުރަން އެ މަންޖެ ބޭރަށް ފުރުމުން" ފަދަ ތަފާތު ވާހަކަތައް ކިޔައިދޭ ލަވަތައް ހިމެނެ އެވެ. އައްފާން ބުނި ގޮތުގައި އެ ހުރިހާ ލަވަތަކެއް ވެސް ހުރީ ދިރިއުޅުމާ ގުޅޭ ގޮތަށް، މެސެޖްތަކެއް ލިބޭ ގޮތަށެވެ.
ލަވަތައް ކޮމްޕޯޒްކޮށް، ލަވަތަކުގެ ޅެންތައް ލިޔެފައި ވަނީ ހުނަރުވެރި ލަވަކިޔުންތެރިޔާ އަމިއްލައަށެވެ.
"ގެނބެންދެން" ރިލީޒް ކުރި ނަމަވެސް އަލްބަމް ލިބެން ހުންނާނެ ތަނެއް ރޭ އިއުލާނެއް ނުކުރެ އެވެ. އެކަމަކު އަލްބަމްގެ ލަވަތައް އަޑު އަހާލަން މާ ލަހެއް ނުވެ ލިބޭނެ ކަމަށް އައްފާން ބުންޏެވެ.