ގަލްފުގެ ގައުމުތަކުން ކަނޑު މަގުން މުދާ އުފުލުމުގައި ބޭނުންކުރަމުން އަންނަ މައި ކަނޑުއޮޅިތަަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން، ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވާން ނިންމައިފި އެވެ.

ސައުދީން އިސްވެ އިތުރު 13 ގައުމަކުން ގުޅިގެން، މިދިޔަ މަހު އިއުލާނުކުރި އިއްތިހާދުގެ ބޭނުމަކީ، ބާބުލްމަންދަބު ކަނޑުއޮޅިއާއި، ރަތްކަނޑު އަދި އަދަން ކަނޑުއޮޅީގައި ގައި ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި، ބައިނަލްއަގުވާމީ ވިޔަފާރިއާއި، ހަކަތަ ފޯރުކޮށްދޭ މަގުތައް ރައްކާތެރިކުރުމެވެ.

މި އިއްތިހާދުގައި ރާއްޖޭން ބައިވެރިވުމަށް، ސަރުކާރުން ވަނީ "ޗާޓާ އޮފް ދަ މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ރާއްޖޭން ބައިވެރިވެ ސޮއިކޮށް އެ މުއާހަދާ ތަސްދީގުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފަ އެވެ.

މި ކޯލިޝަން އުފެއްދި ގައުމުތަކުން ބުނެފައިވަނީ، އިއްތިހާދުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މެންބަރު ގައުމެއްގެ އަމިއްލަ ސިޔާދަތީ ނިންމުމެއް ކަމަށެވެ. މި އިއްތިހާދުގެ ހަރަކާތްތައް ކުރިއަށްގެންދާނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް އިހްތިރާމުކޮށް، ދައުލަތްތަކުގެ ސިޔާދަތަށް އިހުތިރާމްކޮށް، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ހިމާޔަތްކުރެވޭ ގޮތަށް ކަމަށް އެ ގައުމުތަކުން ވަނީ ބުނެފަ އެވެ.

ސައުދީއަކީ މި އިއްތިހާދު އުފެއްދި، އިސްކޮށް ހަރަކާތްތެރިވާ ގައުމުގެ އިތުރުން ކޯލިޝަންގެ ދާއިމީ ހެޑްކުއާޓަރުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

މި އިއްތިހާދުގައި މިހާތަނަށް ބައިވެރިވެފައިވާ ގައުމުތަކުގެ ތެރޭގައި ސައުދީގެ އިތުރުން، ތުރުކީ، ކުވެއިތު، ބަހްރެއިން، ގަތަރު، އުރުދުން، މިސްރު، ޕާކިސްތާން، ޖިބޫތީ، ސޯމާލިއާ، ބަންގްލަދޭޝް، ޔަމަން އަދި ކޮމޮރޯސް ހިމެނެ އެވެ.  

މި އިއްތިހާދު އުފައްދާފައިވަނީ، އީރާނުން ވާގިވެރިވާ، ޔަމަނުގެ ހޫތީންގެ ޖަމާއަތުން މިދިޔަ ޖުލައި މަހު ސައުދީ އާ ދެކޮޅަށް ކަނޑުމަގުން ބްލޮކޭޑެއް އިއުލާނުކޮށް، އޭގެ ފަހުން ސައޫދީއާ ގުޅުންހުރި އުޅަނދުފަހަރަށް ހަމަލާތަކެއް ދީ، ރަތްކަނޑުގައި ވިޔަފާރި އުޅަނދުފަހަރަށް ހުރި ނުރައްކާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.