އިނގިރޭސި ވިލާތުން ޗާގޯސްގެ އިސްތިއުމާރު ދޫކޮށްލައި، އެ ތަނުގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދިނުމުގެ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ތާއީދު ކުރައްވައި ދެއްކެވި ވާހަކައިގައި އެހެން މާނައެއް އޮވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާއާ ފޯނުން ދެއްކެވި ވާހަކަތަކަކަށް ފަހު ޓްރަމްޕު އޭނާގެ ސޯޝަލް ޓްރޫތު ޕްލެޓްފޯމްގައި މިއަދު ވިދާޅުވީ، މޮރިޝަސް އަށް ޗާގޯސް ދޫކޮށްލަން ހެދި ޑީލުން ޑިއެގޯ ގާސިއާ (ފޯޅަވަހި) ގައި އެމެރިކާގެ އަސްކަރީ ބާރު ވަރުގަދަވެ އަދި އެކަމުގެ މައްޗަށް ޔަގީންކަން އިތުރަށް ލިބިފައިވާ ކަމަށެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ، ކަނޑުގެ އިމުން ފުށުއަރާ ބައިގެ މައްސަލާގައި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެނެސް، ޗާގޯސް މައްސަލައިގައި އިނގިރޭސި ވިލާތުގެ ސަރުކާރާ އެކު މަޝްވަރާކުރަން ރާއްޖޭން ރަސްމީކޮށް އެދިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ހާމަކުރައްވާފައި ވަނިކޮށެވެ.
މީގެ އިތުރުން، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްޔެ އިއްވަވަމުން، މޮރިޝަސްްއާ ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީސް (އިޓްލޮސް) އިން ނިންމާފައިވީ ނަމަވެސް ކުރިން ވެސް އޮތްގޮތަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަމަށް ބެލުމަށް ނިންމަވާފައިވާކަން ވެސް ރައީސް މުއިއްޒު އިއްޔެ އިއުލާން ކުރެއްވި އެވެ.
އެކަމާ ގުޅުވައި، ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖޭން މިހާ ވަރުގަދަ ނިންމުމެއް ނިންމާފައިވަނީ، އެމެރިކާގެ އިތުރުން އިނގިރޭސި ވިލާތުގެ ރުހުމާ އެކު ކަމަށް އިޝާރާތް ކުރައްވައިފަ އެވެ.
މިގޮތުން، އިނގިރޭސި ވިލާތުން ހުށަހަޅާފައިވާ ޗާގޯސްއާ ގުޅޭ އެއްބަސްވުމަށް ޓްރަމްޕް ތާއީދު ކުރެއްވީ، ޗާގޯސް މޮރިޝަސް އަށް ދިނުމަށް ނޫން ކަމަށް ވުން އެކަށީގެންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ދައުވާ ބަލަންޖެހޭ ކަމަށް އެމެރިކާ އަދި އިނގިރޭސިންނަށް މިހާރު ބުނެވޭނެ. ވީމާ، ޗާގޯސް މޮރިޝަސް އަށް ދެވެން ނެތް ކަމަށް ވެސް ބުނެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ނިންމެވުމާ އެކު، ޑިފެންސް މިނިސްޓްރީން އިއްޔެ ވަނީ، އިޓްލޮސްގެ ނިންމުމުގެ ކުރިން އޮތް ގޮތަށް، 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގޮތުގައި ބަލަހައްޓާނެކަމަށް ބުނެފަ އެވެ.
އަދި އޭގެ ފަހުން، ރޭގެ ވަގުތެއްގައި، އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވި ބޭރުގެ ދެ މަސް ބޯޓެއް ދިވެހި އަސްކަރިއްޔާ އިން ވަނީ އަތުލައިގެންފަ އެވެ.
އެކަމާ ގުޅުވައި ނަޝީދު ވިދާޅުވި، ދިވެހި ކޯސްޓުގާޑުން އަމަލުކޮށްފައިވަނީ، އެމެރިކާ އަދި އިނގިރޭސި ވިލާތުގެ ރުހުމާ އެކު ކަމަށް ވެދާނެ ކަމަށެވެ.