މަދީނާގެ އިސްލާމިކް ޔުނިވަސިޓީގެ ރެކްޓާ ޑރ. ހާތިމް އަލް މަރްޒުކީއާ، ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވެވި އެ ބައްދަލުވުމުގައި، ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމުގެ ސިޔާސަތުތައް ނައްތާލުމާއި އެ މައްސަލަ ހައްލު ކުރަން ތައުލީމީ ދާއިރާގެ ތެރެއިން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ހާތިމް ވަނީ، ހައްދުފަހަނައަޅައި ދިއުން ހިމެނޭ ހިޔާލުތައް ނައްތާލަން މަދީނާ ޔުނިވަސިޓީން ކުރާ މަސައްކަތްތަކުގެ މައްޗަށް އަލި އަޅުއްވާލައްވައިފަ އެވެ. އަދި އެ ފުރުސަތު ހަނިކުރުމަށް ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގައި ވެސް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލުއަޅުވާލެއްވި ކަމަށް ވެސް، ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޔާމީން (ކ)، މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ރެކްޓާ ޑރ. ހާތިމްއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން (ކ)، މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ރެކްޓާ ޑރ. ހާތިމްއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެގޮތުން ހަމައެކަނި ޝަރީއާ ކިޔަވައިދިނުމުގެ ބަދަލުގައި، މަންހަޖުގައި އިންޖިނިއަރިން ފަދަ ފަންނީ ދާއިރާތަކުގެ ތައުލީމާއި ތަރުބިއްޔަތު ވެސް ހިމެނުމާ މެދު މަޝްވަރާ ކުރެއްވި އެވެ.

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ރާއްޖޭގެ އިގުތިސޯދު ކުރިއަރަމުން އަންނަ ގޮތް ފާހަގަކުރައްވައި އެ ކަމަށްޓަކައި ހާތިމް ރައީސް ޔާމީނަށް މަރުހަބާ ދެންނެވި ކަމަށް އެ އޮފީހުގެ ވެބްސައިޓުގައި ބުންޏެވެ.

މަދީނާ ޔުނިވަސިޓީގެ ރައީސް ރާއްޖެ އަށް ކުރައްވާ މި ދަތުރުގައި މިއަދު ވަނީ، އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާއެކު އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. ގުޅިގެން މަސައްކަތް ކުރުމުގެ އެ އެއްބަސްވުމުގެ ދަށުން ތަމްރީނުގެ ފުރުސަތުތަކާއި ތަފާތު އެކި ދާއިރާތަކުން ސްކޮލަޝިޕްގެ ފުރުސަތުތައް އައިޔޫއެމް އަށް ލިބޭނެ އެވެ.