އާދަކާދައިގެ މަތިން ކުރަމުން އަންނަ ވިޔަފާރީގެ އިމުން ބޭރަށް ނުކުމެ، ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަކޮށް ބަދަހިކުރުމަށް، ސްރީ ލަންކާގެ ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯ-އޮޕަރޭޓިވް ޑިވެލޮޕްމަންޓް މިނިސްޓަރު ވަސަންތަ ސަމަރަސިންހަ އިއްޔެ ގޮވާލައްވައިފި އެވެ.
ކޮލަމްބޯގައި ބޭއްވި "ސްރީ ލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލް"ގެ 18 ވަނަ އަހަރީ އާންމު ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އިގްތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ބިޒްނަސް ކައުންސިލް ފަދަ މުއައްސަސާތަކުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.
ދެގައުމުގެ އިގްތިސާދީ ގުޅުމުގައި އާ ބާބެއް ފެށުމަށް ގޮވާލައްވަމުން މިނިސްޓަރު ސަމަރަސިންހަ ވިދާޅުވީ، އިންޑިއާ ކަނޑުގެ އަވައްޓެރި ދެ ޖަޒީރާ ގައުމުގެ ދެމެދުގައި މިހާތަނަށް އަޖުމަ ނުބެލި ހުރި އިގްތިސާދީ ފުރުސަތުތަކުގެ ބޭނުން ހިފުމަށް، ވިޔަފާރީގެ އާންމު އާދަކާދައިގެ އިމުން ބޭރަށް ނުކުމެ، އެއްބާރުލުން ދެވޭނެ އާ ދާއިރާތައް ހޯދަންޖެހޭ ކަމަށެވެ.
"އިންޑިއާ ކަނޑުގައިވާ ދެ ކުޑަ ޖަޒީރާ ގައުމުގެ ގޮތުގައި، ސްރީ ލަންކާ އާއި ރާއްޖެއަކީ އެކުވެރި، ގާތް ދެ އަވަށްޓެރިން. އަޅުގަނޑުމެންގެ ގުޅުމަކީ ހަމައެކަނި ސަރުކާރުތަކުގެ ދޭދޭ ގުޅުމެއް ނޫން. ވިޔަފާރި އާއި ޓޫރިޒަމްގެ ތެރެއިން ދެ ގައުމުގެ އިގްތިސާދީ އެއްބާރުލުން ވެސް އަންނަނީ ލިބެމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ކުރާ ވިޔަފާރިއަށް އަލިއަޅުވާލައްވަމުން ސަމަރަސިންހަ ވިދާޅުވީ، މިދިޔަ އަހަރު ސްރީ ލަންކާއިން ރާއްޖެއަށް 132 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައިވާ އިރު، ރާއްޖެއިން ސްރީލަންކާއަށް އެތެރެކޮށްފައިވަނީ 5 މިލިއަން ޑޮލަރުގެ މުދާ ކަމަށެވެ. އަދި ސްރީ ލަންކާއިން ރާއްޖެއަށް އެންމެ ގިނައިން އެކްސްޕޯޓްކުރި މުދަލުގެ ތެރޭގައި ކަރަންޓު ނަރު އަދި ކޭބަލް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރު ރާއްޖެ އާއި ލަންކާއާ ދެމެދު ކުރި ވިޔަފާރިއަށް ބަލާއިރު؛
- ލަންކާއިން ރާއްޖެއަށް 132 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެސްޕޯޓްކުރި.
- ރާއްޖެއިން ސްރީލަންކާއަށް އެތެރެކޮށްފައިވަނީ 5 މިލިއަން ޑޮލަރުގެ މުދާ.
- ލަންކާއިން ރާއްޖެއަށް އެންމެ ގިނައިން އެކްސްޕޯޓްކުރި މުދަލުގެ ތެރޭގައި ކަރަންޓު ނަރު އަދި ކޭބަލް ހިމެނޭ.
- ސްރީ ލަންކާއަށް 16 ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ގައުމަކީ ރާއްޖެ، އެއީ 37,000 މީހުން.
"ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރާނެ ގޮތްތަކާ މެދު މީގެ ކުރިން ވެސް ވަނީ މަޝްވަރާ ކުރެވިފައި. އާ ހިތްވަރަކާ އެކު އެ މަސައްކަތްތައް ކުރިއަށްގެންދަންޖެހޭ. ދެގައުމުގެ ވިޔަފާރިވެރިން ވެސް އާންމު ވިޔަފާރީގެ އިމުން ބޭރަށް ވިސްނެވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން އިސްކަންދެނީ ވިޔަފާރިވެރިންނަށް އިތުބާރު ހިފޭ، ދެފުށް ފެންނަ އަދި އިންވެސްޓަރުންނާ ރައްޓެހި މާހައުލެއް ގާއިމުކޮށްދިނުމަށްކަން ތަކުރާރު ކުރައްވަމުން، މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމެއް ހޯދޭނީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ދެމެދު އޮންނަ ބަދަހި ގުޅުމެއްގެ ތެރެއިން ކަމަށެވެ.
ދެގައުމުގެ ދެމެދުގައި ވިޔަފާރި ފުޅާކުރެވިދާނެ ދާއިރާތަކުގެ ތެރޭގައި ތާޒާ މޭވާ، ގޮދަން ފުށް، ތަރުކާރީ، ސައިފަތް އަދި ސައިގެ އެކި އުފެއްދުންތަކުގެ ޕެކޭޖިން، ކަރަންޓު ސާމާނު، ނަޓް އަދި އެއާ ގުޅޭ ބާވަތްތަކާއި ޕްރޮސެސްކޮށްފައިވާ ކާބޯތަކެތި ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެއިތުރުން، ރާއްޖޭގައި މަހުގެ ބާވަތްތައް ދަޅުގައި ބަންދުކުރުމުގެ ކުރުމުގެ ސިނާއަތުގައި ވެސް ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމްގެ ދާއިރާއަށް ބަލާއިރު، މިދިޔަ އަހަރު ސްރީ ލަންކާއަށް 16 ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ގައުމަކީ ރާއްޖެ ކަމަށާއި، 37,000 އަށްވުރެ ގިނަ ދިވެހިން އެއަހަރު ލަންކާއަށް ޒިޔާރަތްކޮށްފައިވާކަމަށް ސަމަރަސިންހަ ވިދާޅުވި އެވެ.
"މިއީ ޓޫރިޒަމާއި، ހޮސްޕިޓަލިޓީ، ސަގާފީ ބޭސްވެރިކަން (ހޯލިސްޓިކް މެޑިސިން)، ތައުލީމު އަދި ސިއްހީ ދާއިރާއަށް އަލުން އިސްކަންދޭންޖެހޭ ސަބަބު،" މިނިސްޓަރު ވިދާޅުވި އެވެ.
ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އުފެދެމުން އަންނަ އާ ސިނާއަތްތަކަށް ދޭ ސަމާލުކަން އިތުރުކުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގަތެވެ. ދެގައުމުގެ އިގްތިސާދީ މުސްތަގުބަލު ބިނާވެގެންވަނީ ހަމައެކަނި ބޮޑެތި ކުންފުނިތަކުގެ މައްޗަށް ނޫންކަމަށާއި، އާ ޖީލުގެ ވިޔަފާރިވެރިންނާއި، އީޖާދީ ފިކުރުތަކުގެ މައްޗަށްކަން އޭނާ ފާހަގަކުރެއްވި އެވެ.