ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީ ލަންކާ އަށް ވަޑައިގަންނަވާ ދަތުރުފުޅުގައި ހަތް އެއްބަސްވުމުގައި ސޮއިކުރައްވާ ގޮތަށް ނިންމަވާފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސް ލަންކާ އަށް ދަތުރުފުޅު ކުރައްވާނީ އަންނަ އާދިއްތަ ދުވަހުން ބުދަ ދުވަހުގެ ނިޔަލަށެވެ.

ދައުލަތުގެ މީޑިއާގެ ޕީއެސްއެމްގެ ސްޓޫޑިއޯގެ ސެޓަޕެއްގައި މިއަދު އަލަށް ފެށި "ޕްރެސާ ވިތު ދަ ސްޕޯކްސް"ގައި މުންދު ވިދާޅުވީ އެ ދަތުރުފުޅުގައި ދެ ގައުމުގެ ރައީސުންގެ ރަސްމީ މަޝްވަރާތައް ކުރާނެ ކަމަށެވެ.

މިހާރު ހަމަޖެހިފައި އޮތްގޮތުން މަދުވެގެން ހަތް އެއްބަސްވުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު ސޮއި ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ އާ ތަރުޖަމާނު މުންދު ނޫސްވެރިންނާއެކު މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުން--- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ އާ ތަރުޖަމާނު މުންދު ނޫސްވެރިންނާއެކު މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުން--- ފޮޓޯ: ރައީސް އޮފީސް

އޭގެ ތެރޭގައި ހިމެނޭ ބައެއް ދާއިރާތައް:

  • ހަޔާ އެޑިޔުކޭޝަން
  • ޑިފެންސް ކޯޕަރޭޝަން
  • ހާރިޖީ ދާއިރާ
  • ސިއްހީ ދާއިރާ
  • ކުޅިވަރާއި ޒުވާނުންގެ ދާއިރާ

"މިހެން ގޮސް ބައިވަރު ދާއިރާތައް އެބައޮތް. ވަކި ދާއިރާތަކުގެ އެމްއޯޔޫ ތަކެއް މި އަންނަނީ [ސޮއިކުރަނީ]،" އިސް ތަރުޖަމާން ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ލަންކާ ދަތުރުފުޅުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ލަންކާގެ ވިޔަފާރިވެރިން ބައްދަލުކޮށް ގުޅުވައިދިނުމާއި އިންވެސްޓް ކުރަން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް މުންދު ވިދާޅުވި އެވެ.

އޭގެ އިތުރުން ދެ ގައުމުގެ ވަޒީރުންނާ ބައްދަލުކުރެއްވުމާއި ލަންކާގެ ބޮޑުވަޒީރާއި ބައްދަލު ކުރެއްވުމުގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ރައްޔިތުންނާ ވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާނެ ކަމަށް މުންދު ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ އެ ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ އިތުރުން ކެބިނެޓުގެ ބައެއް ބޭފުޅުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރި މުނާސަބަތާ ގުޅުވައިގެން މިދިޔަ އަހަރު ލަންކާގެ ރައީސް ޑިސަނާޔަކެ ވެސް ރާއްޖެ ވަޑައިގަތެވެ.