އޭޝިއާގެ ސާފިން ފެޑެރޭޝަންގެ ނައިބު ރައީސަކަށް، ރާއްޖޭގެ ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހް (ޗޭ) އިންތިހާބު ކޮށްފި އެވެ. 

ހުކުރު ދުވަހު އޮންލައިންކޮށް ބޭއްވި ކޮންގްރެސްގައި، ވަނީ 15 އަހަރަށް ފަހު އޭއެސްއެފް އަށް އާ ރައީސަކު އިންތިހާބުކޮށްފަ އެވެ. އޭ އިދާރާގެ ރައީސްކަން 2011 ވަނަ އަހަރުން ފެށިގެން، މިދިޔަ ހުކުރު ދުވަހާ ހަމައަށް ހުންނެވީ ޖަޕާނުގެ އަސުސޫޝީ ސަކާއި އެވެ. 

 އާ ރައީސްކަމަށް އިންތިހާބުކޮށްފައި ވަނީ އިންޑިއާގެ ސާފިން ފެޑެރޭޝަނުގެ ރައީސް އަރުން ވާސޫ އެވެ. 

އޭނާގެ ދަށުން ދެ ނައިބު ރައީސުން ތިއްބަވަ އެވެ. އެއީ:

| މުހައްމަދު ސޮބާހް  (ދިވެހިރާއްޖެ) 

| ޕިޓީ ޖަބްރިކް  (އިންޑޮނޭޝިއާ ) 

ދެން އެކްސްކޯގައި ތިއްބަވާނީ، އިންޑޮނޭޝިއާ، ޖަޕާން، އަފްޣާނީސްތާން އަދި ޗައިނާ ތަމްސީލުކުރާ މެންބަރުންނެވެ. 

މި އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވާނީ 2030 ގަ އެވެ. 

ރާއްޖޭގެ ސާފިން އެސޯސިއޭޝަނުން ބުނީ އޭޝިއާގެ ސާފިންގެ މައި އިދާރާގެ ނައިބު ރައީސްކަމަށް ސޮބާހް އިންތިހާބުވުމަކީ ރާއްޖޭގެ ސާފިން ކޮމިޔުނިޓީގެ އިތުރުން މުޅި ދިވެހި ކުޅިވަރަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ. 

ސޮބާހްގެ ރައީސްކަމުގައި، ރާއްޖޭގެ ސާފރުން ވަނީ ފުރަތަމަ ފަހަރަށް އޭޝިއާން ގޭމްސް އަށް ކޮލިފައިވެ ފަ އެވެ. 

އަންނަ މަހު ޖަޕާނުގެ އައިޗީ އާއި ނަގޯޔާގައި ފަށާ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓްގައި ރާއްޖޭގެ ސާފަރުން ވާދަކުރާނެ އެވެ. 

ރާއްޖޭގެ ގައުމީ މުބާރާތްތަކުގައި ފުރަތަމަ ފަހަރަށް އަންހެން ސާފަރުންނަށް ވާދަކުރުމުގެ ފުރުސަތު ހޯދައިދިނީ، ފުރަތަމަ ފަހަރަށް އެކުލަވާލި ސާފިންގެ އަންހެން ގައުމީ ޓީމު ވެސް އިއުލާން ކުރީ ސޮބާހް ރައީސްކަމުގެ ދައުރުގެ ތެރޭގަ އެވެ. 

ކުޅިވަރުގެ އިތުރުން އިޖުތިމާއީ އަދީ މުޖުތަމައުގެ ދީނީ ހޭލުންތެރިކަމަށް ކުރާ އިސްލާހީ މަސައްކަތުގައި ވެސް އޭނާއަކީ ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ކުރިން ސަލަފް ޖަމިއްޔާގެ ޖެނަރަލް ސެކްރެޓަރީކަން ވެސް ކުރެއްވި ސޮބާއަކީ އިޖުތިމާއީ އަދީ އިސްލާހީ މަސައްކަތުގައި ހަރަކާތްތެރި އެއް އެންޖީއޯކަމަށްވާ، ޕީސް ފަޑުންޑޭޝަންގެ ރައީސް ވެސް މެ އެވެ.