ނޭޕާލްގެ ކަތުމަންޑޫގައި މިހާރު ކުރިޔަށްދާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ކްރިކެޓް އިވެންޓުގެ ތިން ވަނަ ހޮވާ މެޗުން މިއަދު ރާއްޖޭގެ ފިރިހެން ޓީމު ގޭމްސް ބާއްވާ ނޭޕާލް އަތުން ބަލިވެއްޖެ އެވެ.

ލީގު އުސޫލުން ފަސް ޓީމުގެ މެދުގައި ކުރިއަށްދިޔަ މި މުބާރާތް ރާއްޖޭން ނިންމާލީ ފަސް މެޗު ކުޅެ އެއް މޮޅާ އެކު އެވެ. ރާއްޖެ މޮޅުވީ ލީގު ބުރުގެ ފަހު މެޗުގައި ބޫޓާން އަތުންނެވެ. ލީގު ބުރުގައި ބަންގްލަދޭޝް އާއި ސްރީ ލަންކާގެ އިތުރުން ނޭޕާލް އަތުން ވަނީ ބަލިވެފަ އެވެ. ލީގު ބުރުގައި ނޭޕާލުން ރާއްޖެ ބަލިކުރީ 84 ލަނޑުންނެވެ. އެކަމަކު މިއަދުގެ މެޗުގައި ފަސް ވިކެޓުންނެވެ.

ކަތުމަންޑޫގެ ޓީޔޫ ކްރިކެޓް އެރީނާގައި މިއަދު ކުޅުނު މެޗުގައި ޓޮސް ދިމާވެގެން ރާއްޖޭން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 94 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅެފައިވަނީ 19 ލަނޑު ހެދި ލީމް ޝަފީގާއި ފުރަތަމަ ބެޓްސްމަނުގެ ގޮތުގައި ކުޅެން އެރި މުހައްމަދު ރިޝްވާން އެވެ. ރިޝްވާން ވަނީ 17 ލަނޑު ހަދައިފަ އެވެ.

ޖަވާބުގައި ނޭޕާލުން ކުޅެންއަރައި ފުރަތަަމަ ފަސް އޯވަރުގެ ތެރޭގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަން އުނދަގޫވި އެވެ. އެކަމަކު ފަހުން ހަމަޔަކަށް އެޅި 16.1 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 98 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފަ އެވެ. ދުނިޔޭގެ ކްރިކެޓް ރޭންކިންގެ ޓީޓްވެންޓީ ރޭންކިންގެ 12 ވަނައިގައި އޮތް ނޭޕާލުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި އާރިފް ޝެއިހް އާއި 22 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން މައްލާ އެވެ. ރާއްޖޭގެ އާދަމް ނާސިފްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. އޭނާ ވަނީ މި ނޭޕާލްގެ ތިން ކުޅުންތެރިން ނުބައިކޮށްފަ އެވެ.

މެޗަށް ފަހު ރާއްޖޭގެ ކެޕްޓަން މުހައްމަދު މަހްފޫޒު ބުނީ ފުރަތަމަ ކުޅެން އަރައި ދަނޑުގެ ހާލަތު ހުރިގޮތުން ކުޅުންތެރިންނަށް އުނދަގޫތަކެއް ދިމާވި ކަމަށާއި އެހެން ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ކުޅުންތެރިން ވަރަށް ރަނގަޅު ކުޅުމެއް ދައްކަން މަސައްކަތްކުރިކަން ފާހަގަކުރާކަމަށެވެ.

ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ގައުމީ ފިރިހެން ކްރިކެޓް ޓީމާއި އެސޯސިއޭޝަންގެ ރައީސް އަފްލާހު ފޮޓޯ އަކަށް ހުއްޓިގެން. -- އެމްއޯސީ ފޮޓޯ: އަބްދުﷲ އަބީދު
ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ގައުމީ ފިރިހެން ކްރިކެޓް ޓީމާއި އެސޯސިއޭޝަންގެ ރައީސް އަފްލާހު ފޮޓޯ އަކަށް ހުއްޓިގެން. -- އެމްއޯސީ ފޮޓޯ: އަބްދުﷲ އަބީދު

"މުބާރާތަށް އައި އެއް ޓާގެޓަކީ ދިވެހިރާއްޖޭގެ ކްރިކެޓްގެ ވާހަކަ އެހެން ގައުމުތަކުން ދައްކާ ވަރުކުރަން. އެކަން ޕްރޫވްކޮށްލަން. ފުރަތަމަ ދެ މެޗަކަށް ފަހު އެކަން އެނގެން ފަށައިފި ކޮންމެ ކޮންމެ ޓީމަކަށް އެހާ ފަސޭހައިން ދިވެހި ޓީމާ ދެކޮޅަށް ނުކުޅެވޭނެކަން. ދިވެހި ޓީމުގެ ހުނަރާއި ހިތްވަރު އެންމެން އެބަ ފާހަގަކުރޭ. އެހެންވެ އަޅުގަނޑުމެން މިކަން ނަގާނީ ވަރަށް ޕޮޒިޓިވްކޮށް ކުރިއަށްދާން،" މަހްފޫޒް ބުންޏެވެ.

އޭނާ ބުނީ މި މުބާރާތުގައި ބަންގްލަދޭޝް އާއި ސްރީލަންކާ އިން މި މުބާރާތަށް ގެނައީ 23 އަހަރުން ދަށުގެ ކުޅުންތެރިންނޭ ބުނި ކަމުގައިވިޔަސް އެއީ މާދަމާ ވެސް ސީނިއާ ޓީމަށް ކުޅޭނެ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ. އަދި މީގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ ގައުމީ ޓީމުގައި ޕްރެކްޓިސްކޮށްފައިވާ ކުޅުންތެރިންކަން ވެސް މަހްފޫޒް ފާހަގަކުރި އެވެ.

ރާއްޖޭގެ ކްރިކެޓް ޓީމުން ވަނީ މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަނުން މިދިޔަ ޖޫން މަހު ބޭއްވި ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުން ރާއްޖެ ދެ ވަނަ ހޯދައިފަ އެވެ. އެ މުބާރާތުގައި ވާދަކުރީ ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ތައިލެންޑް އެވެ.

މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ގައުމީ އަންހެން ކްރިކެޓް ޓީމު ވެސް ވާދަކުރި އެވެ. މިއީ ގައުމީ އަންހެން ކްރިކެޓް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.