މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް މަރްހޫމް މުހައްމަދު ޒާހިރު ނަސީރު ބޭއްވެވި 'މާލޭ މެރެތަން" 21 އަހަރަށް ފަހު "މޯލްޑިވްސް މެރެތަން" ގެ ނަމުގައި އޭނާގެ ދަރިވަރު ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އިއްޔެ 500 އެއްހާ ދުވުންތެރިންނާ އެކު ބާއްވައިފި އެވެ.

ކުޑަހުސެންގެ، ކޭއެޗް ސްޕޯޓްސް އެކަޑަމީން ހުޅުމާލޭގައި ބޭއްވި މި އިވެންޓުގައި އޮތީ ފަސް ރޭހެކެވެ. އެއީ ފުލް މެރެތަން، ހާފް މެރެތަން، 10 ކިލޯމީޓަރު، ފަސް ކިލޯމީޓަރު އަދި ކުޑަކުދިންގެ ދުވުމެވެ.

ފިރިހެން ކެޓަގަރީގެ މެރެތަންގެ އޯޕަން ބައިގެ އެއް ވަނަ ހޯދީ 3 ގަޑި 05 މިނެޓުން ދުވި ނޭޕާލުގެ ލާލް ބަހާދުރެވެ. މި ބައިން ދެ ވަނަ ހޯދީ، 50 މެރެތަން ޖަހައިގެން ހާއްސަ ޝަރަފެއް ހޯދާފައިވާ ނަސްރުﷲ އަހުމަދެވެ. ނަސްރު އޭނާގެ 51 ވަނަ މެރެތަން ފުރިހަމަކުރީ 3 ގަޑި 37 މިނެޓުންނެވެ. އަދި ތިން ވަނަ އަކީ 3 ގަޑި 57 މިނެޓުން ދުވި މުހައްމަދު މުހާ އެވެ.

ހާފް މެރެތަން އޯޕަންގެ އެއް ވަނަ އަކީ 1 ގަޑި 29 މިނެޓުން ދުވި އަހުމަދު ރަޝީދެވެ. އަދި 10 ކިލޯމީޓަރު އޯޕަން ބައިގެ އެއް ވަނަ ހޯދީ 39.11 މިނެޓުން ދުވި އާބިދު އަހުމަދު ސިރާޖެވެ. އިވެންޓުގެ ފަސް ކިލޯމީޓަރު އޯޕަން ބައިގެ އެއް ވަނަ ހޯދީ 20.01 މިނެޓުން ދުވި އުސައިދު މޫސާ އެވެ. އެ ބައިގެ 9-12 އަހަރާ ދެމެދުގެ ރޭހުން އެއް ވަނަ ހޯދީ 20.42 މިނެޓުން ދުވި ޒުއިޒް މުހައްމަދު ސައުދެވެ.

މޯލްޑިވްސް މެރެތަންގައި އިއްޔެ ބައިވެރިން ދުވަނީ.
މޯލްޑިވްސް މެރެތަންގައި އިއްޔެ ބައިވެރިން ދުވަނީ.

އަންހެން ކެޓަގަރީގެ މެރެތަން އޯޕަން ރޭހުގެ އެއް ވަނަ ހޯދީ 5 ގަޑި 56 މިނެޓުން ނިންމި ޒީނިޔާ އަބްދުލްބާރީ އެވެ. އަދި ދެ ވަނަ ހޯދީ 5 ގަޑި 58 މިނެޓުން ދުވި އައިޝަތު ރަމީޒާ އެވެ. ހާފް މެރެތަން އޯޕަންގެ އަންހެނުންގެ އެއް ވަނަ އަކީ ރާއްޖޭގެ ރެކޯޑް ހޯލްޑަރު މަރިޔަމް އަބްދުލްކަރީމް (މަރީ) އެވެ. ޓައިމިން އަކީ 1 ގަޑި 40 މިނެޓެވެ. މީގެ އިތުރުން 10 ކިލޯމީޓަރުގެ އެއް ވަނަ 49:23 މިނެޓުން ދުވި ޕިލްވީ ސުސާނާ ހޯދިއިރު ފަސް ކިލޯމީޓަރުގެ އެއް ވަނަ އަކީ 23:19 މިނެޓުން ދުވި އައިޝަތު ޖިނާއީ އިބްރާހީމެވެ. ފަސް ކިލޯމީޓަރުގެ 9-12 އަހަރާ ދެމެދުގެ އުމުރުފުރާގެ ރޭހުގެ އެއް ވަނަ ހޯދީ 30:05 މިނެޓުން ދުވި ޝަލްޝަލް މުބީލް ޖަލީލެވެ.

ޒާހިރު ނަސީރު 1987 އިން ފެށިގެން 12 އަހަރު ރޭސް ބާއްވަވާފައިވާތީވެ ކުޑަހުސެން، މޯލްޑިވްސް މެރެތަން ބޭއްވީ 13 ވަނަ ރޭހުގެ ގޮތުގަ އެވެ. ކުޑަހުސެން އަންނަނީ ރާއްޖޭގެ ކުޅިވަރުގެ ބައްޕަގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޒާހިރުގެ ހަނދާންތައް އާކުރަން ވަރަށް ގިނަ ހަރަކާތްތަކެއް މިހާރު ވެސް ހިންގަމުންނެވެ. އެގޮތުން ޒާހިރު ރާއްޖެ އަށް ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ތައާރަފްކުރެއްވި ރިލޭ ސްޓައިލުގެ ދިގު ރާސްތާ ދުވުމުގެ ރޭސް "އެކިޑެން" އަންނަނީ ބާއްވަމުންނެވެ. އަދި ޒާހިރުގެ ހަނދާނުގައި "އެމް.އެޒް.އެން މޯލްޑިވްސް ރަން" ގެ ނަމުގައި ދުވުމުގެ ރޭހެއް ވެސް ބާއްވަ އެވެ.

ޒާހިރަކީ ރާއްޖޭގައި ވާދަވެރި ރޭސްތަކާއި މުބާރާތްތައް ސީދާ އަމިއްލަފުޅަށް އިންތިޒާމްކުރެއްވި ބޭފުޅެކެވެ. ރޭސް ފަށަން ކަށިގަނޑު ފުމުމުން ފެށިގެން ގިނަ ކަންކަން ކުރެއްވީ ސީދާ އަމިއްލަފުޅަށެވެ. ވަރަށް ހަރަދުކުޑަކޮށް ވަރަށް ސިމްޕަލް ކޮންސެޕްޓަކަށް ކުޅިވަރުގެ ހަރަކާތްތައް ރޭއްވެވި އެވެ. ކުޑަހުސެން މި އިވެންޓްތައް ރާވަނީ ވެސް އެފަދަ ގޮތަކަށެވެ.