ކްލިކް ކޮލެޖުން މޯލްޑިވްސް އީ-ސްޕޯޓިން އެސޯސިއޭޝަން (މެސާ) އާ ގުޅިގެން، ދަރިވަރުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށް މުބާރާތެއް ބާއްވައިފި އެވެ.

"ކްލިކް އީ-ސްޕޯޓް ޝީލްޑް 2016" ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ބޭއްވި މި މުބާރާތުގައި އެ ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުން އަދި މި މަހު ފަށާ ސެމިސްޓާގައި ކިޔަވަން ހަމަޖެހިފައިވާ ދަރިވަރުންނާއި އާންމުން ވެސް ބައިވެރިވި އެވެ.

އެ ކޮލެޖުން ބުނި ގޮތުގައި މި މުބާރާތުގައި ބައިވެރިން ކުޅުނު ގޭމްތަކުގެ ތެރޭގައި ނީޑް ފޯ ސްޕީޑް، ފީފާ، މޯޓަލް ކޮމްބެޓް އަދި ކޯލް އޮފް ޑިއުޓީ ހިމެނެ އެވެ.

ރީފްސައިޑާއި އެކްސްއެލް އިން ސްޕޮންސާ ކުރި މި މުބާރާތުން ވަނަަތައް ހޯދި ދަރިވަރުންނަށް ވަނީ އަގު ހުރި އިނާމުތަކާއި ހަނދާނީ ލިޔުން ހަވާލު ކޮށްފަ އެވެ. އަދި އީ-ސްޕޯޓްސް އިންޓަ ކޮލެޖް މުބާރާތުގައި ވާދަ ކުރުމަށް ކްލިކްގެ ބައެއް ދަރިވަރުން، މި މުބާރާތުން ހޮވާފައިވާ ކަމަށް އެ ކޮލެޖުން ބުނެ އެވެ.

މިއީ މިފަދަ މުބާރާތެއް އެ ކޮލެޖުން ބޭއްވި ދެ ވަނަ ފަހަރެވެ.