މި އަހަރުގެ ގައުމީ ޗެމްޕިއަން އަދި ރަނަރަޕް ނުހިމަނައި، ކެރަމް ވޯލްޑް ޗެމްޕިއަންޝިޕަށް ތައްޔާރުވާން އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ ޓެސްޓް ސީރިއަސް އަށް ސްކޮޑް ނަގައިފި އެވެ.

ދުނިޔޭގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް މާލޭގައި ކުޅޭ ޓެސްޓް ސީރީސް އިން ފުރުސަތު ނުލިބުނީ ގައުމީ ޗެމްޕިއަން ހަސަން ނާޒިމާއި ރަނަރަޕް އަދި ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިޔާ އިސްމާއިލް އަޒްމީނަށެވެ.

ދެ މަސް ދުވަހުގެ ޕްރެކްޓިހަށް ފަހު ނެގި ސްކޮޑުގައި ހިމެނޭ ފިރިހެން ހަ ކުޅުންތެރިންނަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ހުސެއިން ނީޝާމާއި މުހައްމަދު މުންތަސިރާއި ރާއްޖޭގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އަލީ އާޒިމާއި ހުސެއިން އަލީ އާއި އަހުމަދު ހާމިދު އަދި އާދަމް އަދީލެވެ.

ޓެސްޓް ސީރީސް އަށް ގައުމީ ސްކޮޑް އެކުލަވާލުމަށް ކުޅުނު މެޗުތަކުގެ ތެރެއިން.
ޓެސްޓް ސީރީސް އަށް ގައުމީ ސްކޮޑް އެކުލަވާލުމަށް ކުޅުނު މެޗުތަކުގެ ތެރެއިން.

އަންހެން ހަ ކުޅުންތެރިންނަކީ ސީނިއާ ކުޅުންތެރިޔާ އައިމިނަތު ވިޝާމާ އާއި ފާތިމަތު ރަޔާނާ އާއި އައިމިނަތު ވިދާދާއި އައިޝަތު ޒުލްފިޝާން އާއި އައިޝަތު ފައިނާޒް އަދި މުޅިން އަލަށް ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާ އައިމިނަތު ސުބާ އާދަމެވެ.

މި 12 ކުޅުންތެރިންގެ ތެރެއިން، ޓެސްޓް ސީރީސް އަށް ފަހު ވޯލްޑް ޗެމްޕިއަންޝިޕަށް ފިރިހެން ހަތަރު ކުޅުންތެރިންނާއި އަންހެން ހަތަރު ކުޅުންތެރިންގެ ސްކޮޑެއް ނަގާނެ އެވެ. ނޮވެމްބަރު މަހު އިނގިރޭސި ވިލާތުގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ކެރަމް މުބާރާތެވެ.