ކެރަމްގައި ރާއްޖެ އަށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ އަށް ދިއުމުގެ ފެންވަރު އެބަހުރިކަމަށް އިންޑިއާގެ ތަޖުރިބާކާރުން ބުނެފި އެވެ.
ހޮނިހިރު ދުވަހު މާލޭގައި ފަށާ އޭޝިއާގެ ކެރޮމް މުބާރާތަށް ރާއްޖެގެ ޓީމުގެ ޓްރޭނިންތަކަށް އެހީވުމުގެ ގޮތުން ކޮރަމް އެސޯސިއޭޝަނުން ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ ތަޖުރިބާކާރު ދެ މީހުން ގެނެސްފަ އެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ ދިވެހި އެތުލީޓުންގެ ކުޅުމުގެ ފެންވަރު ބަލައި ރަނގަޅު ފީޑްބެކެއް އިންޑިއާގެ ތަޖުރިބާކާރު ޔޯގޭޝް ޑޮންގާޑެ އާއި ޒައިދު އަހުމަދު ދީފައިވާ ކަމަށެވެ.
"ހާއްސަކޮށް ރާއްޖޭގެ ފިރިހެން ޓީމާ މެދު އެ ބޭފުޅުންގެ އުންމީދު މަތި،" ފިރިހެން ޓީމުގެ މެނޭޖަރު ނާޒިމް ހަސަން ބުންޏެވެ.
"ރާއްޖޭގެ ކުޅުންތެރިންގެ ކުޅުމުގެ ސްޓައިލް ބަލާފަ ދެ ޓްރޭނަރުން ފާހަގަ ކުރިން އިންޑިއާގެ ކުޅުންތެރިންގެ ސްޓައިލްއާ މާ ބޮޑު ތަފާތެއް ނެތް ކަމަށް."
ނާޒިމު ބުނީ، އިންޑިއާގެ ބޮޑު އާބާދީއަކުން ކެރަމް ކުޅޭނެ މޮޅު އެތައް ކުޅުންތެރިންނެއް ހޯދުމަކީ އިންޑިއާ އަށް އޮތް އެޑްވާންޓޭޖް ކަމަށް ޔޯގޭޝް އާއި ޒައިދު ބުނެފައިވާ ކަމަށެވެ.
"އިންޑިއާގެ އެކި ސްޓޭޓްތަކުގައި ވެސް ކެރަމްގެ ވަރަށް ހުނަރުވެރި ޓެލެންޓް އެބައޮތޭ. އެހެންވީމަ އިންޑިއާގެ ކުޅުންތެރިންނަށް އެޑްވާންޓޭޖް އެބައޮތޭ އެ ގައުމުގެ އެތެރެއިން ވެސް ވަރުގަދަ މެޗުތަކެއް ލިބުމުގެ،" ނާޒިމް ބުންޏެވެ.
އެކަމަކު ދިވެހި އެތުލީޓުންނަށް ރާއްޖޭގައި ހުރެގެން އެ ފުރުސަތު ނެތުމަކީ އެންމެ ބޮޑަށް އުނިވާ އެއްކަންތައްތަކަށް ދެ ޓްރޭނަރުން ފާހަގަ ކުރި އެވެ.
"ދެ ޓްރޭނަރުން އެންމެ ބޮޑަށް ފާހަގަ ކުރި ކަމަކީ ރާއްޖޭގެ އެތުލީޓުންނަށް ވަރުގަދަ ގިނަ މެޗުތަކެއް ލިބޭނަމަ އިންޑިއާ ބީޓް ކުރެވޭނެޔޭ،" ނާޒިމު ބުންޏެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދާ އޭޝިއާގެ 12 ގައުމަކުން ވާދަ ކުރާނެ އެވެ. އޭޝިއާގެ ކެރަމް ޗެމްޕިއަންޝިޕް މިދިޔަ 10 އަހަރު ނުބާއްވަ އެވެ.
މެދުކެނޑިފައި އޮތް އެ މުބާރާތް ބާއްވަން އިސް ނެގީ ރާއްޖޭންނެވެ. އެކަމަކު މުބާރާތް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ޕްލޭނަކަށް، އޭޝިއާގެ ކެރަމް ފެޑެރޭޝަނާ އެކު ރާއްޖޭން މަސައްކަތް ކޮށް ކުރިއަށް އޮތް ފަސް އަހަރަށް މުބާރާތްތައް ބާއްވާނެ ގައުމުތައް ކަނޑައެޅުމުގެ މަރުހަލާ އަށް މިހާރު އާދެވިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަނުން ކުރިން ބުނެފައި ވެއެވެ.
މުބާރާތަށް އަންނާނެ ގައުމުތައް: އިންޑިއާ، ސްރީ ލަންކާ، ނޭޕާލް ބަންގްލަދޭޝް، ޕާކިސްތާން، ގަތަރު، ޔުނައިޓެޑް އެރަބް އެމިރޭޓްސް އޮމާން، ޖަޕާން، ދެކުނު ކޮރެއާ އަދި މެލޭޝިއާ އެވެ.
މިފަހަރު ރާއްޖޭން އަމާޒަކީ އަންހެން އަދި ރިހެން ކެގަރީން ރަން މެޑްލް ހޯދުމެވެ. ދިވެހި ޓީމުގެ ހެޑް ކޯޗަކީ ރާއްޖޭގެ ޝާފީ މުހައްމަދެވެ.