ދިހަ އަހަރުވަންދެން މެދެކެނޑިފައި އޮތް އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް އަލުން ފަށަން ރާއްޖޭން އިސްނަގައި މުބާރާތް އަންނަ މަހު މާލޭގައި ބާއްވަން ނިންމައިފި އެވެ.
އޭޝިއާގެ ކެރަމް މުބާރާތް އެންމެ ފަހުން ބޭއްވީ 2013 ގައި އިންޑިއާގެ ކަލްކަތާގަ އެވެ. އޭގެ ފަހުން އެ މުބާރާތް އޮތީ މެދުކެނޑިފަ އެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވީ އެ މުބާރާތް މެދުނުކެނޑި ކުރިއަށްދާނެ ގޮތަކަށް ޕްލޭންކޮށް އަލުން ފަށަން އިސް ނެގީ ރާއްޖޭގެ ކެރަމް އެސޯސިއޭޝަނުން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަލުން ފަށާ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު އޭޝިއާގެ ކެރަމް ފެޑެރޭޝަނުން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ ކުރިން ރާއްޖޭން ވަނީ ކެރަމް ވޯލްޑް ކަޕް ބާއްވާފަ އެވެ.
އަންނަ މަހު 27 ގައި ފަށާ މުބާރާތުގައި އޭޝިއާގައި ކެރަމްގެ މަގުބޫލުކަން ބޮޑު 12 ގައުމަކުން 100 އަށް ވުރެ ގިނަ ޑެލިޭޓުން ރާއްޖ އަންނާނެ ކަމަށް ކެރަމް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ރައުޝާން ވިދާޅުވި އެވެ.
ފަސް ދުވަހަށް ކުރިއަށްގެންދާ މުބާރާތް ބާއްވާނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގަ އެވެ. ރައުޝާން ވިދާޅުވީ އޭޝިއާގެ ކެރަމް ފެޑެރޭޝަންގެ ސްޓޭންޑަޑަށް ސޯޝަލް ސެންޓަރުގެ ހޯލް ފެތޭ ކަމަށެވެ. އަދި ކެރަމް ކޮމިޔުނިޓީ އާއި ކުޅުންތެރިން އާއިލާ މެންބަރުންނަށް މެޗުތައް ބެލޭނެ އިންތިޒާމު ވެސް ސޯޝަލް ސެންޓަރުގައި ހަމަޖެހިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައުޝާން ވިދާޅުވީ މުބާރާތް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ޕްލޭނަކަށް، އޭސީއެފާ އެކު ރާއްޖޭން މަސައްކަތް ކޮށް ކުރިއަށް އޮތް ފަސް އަހަރަށް މުބާރާތްތައް ބާއްވާނެ ގައުމުތައް ކަނޑައެޅުމުގެ މަރުހަލާ އަށް މިހާރު އާދެވިފައިވާ ކަމަށެވެ
"މުބާރާތުގެ ތެރޭގައި އެއް ދުވަސް އިންނާނެ އޭޝިއަން ފެޑެރޭޝަންގެ މީޓިން [ކޮންގްރެސް އަށް] ކޮންމެ ގައުމަކުން ދެ މަންދޫބުން ބައިވެރި ވާނެ. މި ކޮންގްރެސްގައި އަޅުގަނޑުމެން މިހާރު ވެސް ރިކުއެސްޓްކޮށްފަ އިންނާނެ ފަސް އަހަރުގެ ޕްލޭނަކަށް. އެ ފަސް އަހަރުތެރޭ ބާއްވާނެ ގައުމުތަކުގެ ހޯސްޓިން ލިސްޓް އެކުލަވާލަން އިންޓަނޭޝަނަލް ފެޑެރޭޝަނުން މިހާރު ވެސް ވަނީ އަންގާފަ،" ރައުޝާން ވިދާޅުވި އެވެ.
"(މުބާރަތަށް ރާއްޖެ އަށް) މި އަންނަ 12 ގައުމުގެ ތެރެއިން 9 ގައުމެއް އެ ލިސްޓަގައި މިހާރު ވާނީ ހިމަނާފަ. އެހެންވީމަ މި ކޮންގްރެސްއިން އެނގިގެންދާނެ ކުރިއަށް ފަސް އަހަރަށް މުބާރާތް އޮންނާނީ ކޮން ގައުމުތަކެއްގައިކަން."
މުބާރާތަށް އަންނާނެ ގައުމުތައް: އިންޑިއާ، ސްރީ ލަންކާ، ނޭޕާލް ބަންގްލަދޭޝް، ޕާކިސްތާން، ގަތަރު، ޔުނައިޓެޑް އެރަބް އެމިރޭޓްސް އޮމާން، ޖަޕާން، ދެކުނު ކޮރެއާ އަދި މެލޭޝިއާ އެވެ.
މުބާރާތަށް ދިވެހި ޓީމު ތައްޔާރު ކުރުމަށް، ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ކުރީގެ އެތުލީޓަކު ހަމަޖައްސާފައިވާ ކަމަށް ރައުޝާން ވިދާޅުވި އެވެ. އަންނަ މަހު ރާއްޖެ އައުމުން ގައުމީ ޓީމުގެ އެތުލީޓުންނާ އެކު ކޯޗުގެ ބެލުމުގެ ދަށުން ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދާނެ ކަމަށް ރައުޝާން ވިދާޅުވި އެވެ.
ދުނިޔޭގެ ކެރަމް ރޭންކިގައި ރާއްޖޭގެ ފިރިހެން ޓީމަކީ ތިން ވަނަ އެވެ. މިފަހަރު ރާއްޖޭން އަމާޒަކީ އަންހެން އަދި ރިހެން ކެގަރީން ރަން މެޑްލް ހޯދުމެވެ.
"ދިވެހިރާއްޖޭގެ ގައުމީ ޓީމަށް ކާމިޔާބީ އަށް އެދި އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން އެންމެން އެއް ޓީމެއްގެ ގޮތުގައި ސަޕޯޓް ދިނުން އެއީ ވަރަށް މުހިންމު ކަމެކޭ. އަޅުގަނޑުމެންގެ ޓީމުގެ މެންބަރުންނަށް ހަމަ ގޯލްޑް މެޑަލްއެއް ނޫން ގޮތަކަށް އަޅުގަނޑަކަށް ހީއެއް ނުވޭ ދެކިގެން ވާނެ ހެނެއް، ރާފިއު ވިދާޅުވި އެވެ.