އޯޓިޒަމާ މެދު އާއްމުން ހޭލުންތެރިކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޯޓިޒަމް އެސޯސިއޭޝަނަށް، ކުޑަކުދިންގެ ޕާކެއް އަޅައިދޭން ދިރާގުން ނިންމައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ އޯޓިޒަމް އެސޯސިއޭޝަނުގެ ހުޅުމާލޭ ސެންޓަރުގައި އަޅާ ޕާކްގެ ފުލް ސެޓަޕް ވެސް އެ ކުންފުނިން ހަދިޔާ ކުރާނެ ކަމަށެވެ. އަދި އެ ޕާކުން ކުދިންގެ "މޯޓާ ސްކިލްސް" ތަރައްގީވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިއަދަކީ ބައިނަލްއަގުވާމީ ގޮތުން އޯޓިޒަމަށް ހޭލުންތެރިކުރުމަށް ފާހަގަކުރާ ދުވަހެވެ.
ދިރާގުން ބުނީ އެ ޕާކާއި އެކު ކުޑަ ކުދިންގެ އިޖުތިމާއީ ހުނަރުތައް އިތުރަށް ފުރިހަމަކުރުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ތަފާތު ދާއިރާތަކުން ކުޑަކުދިންނަށް އެހީތެރިވުމަކީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެންމެ އިސްކަންދޭ އެއް ދާއިރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އިޖްތިމާއީ ޒިންމާގެ ދަށުން ދިރާގުން އަންނަނީ ތަފާތު ޖަމިއްޔާތަކަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ދިރާގުން ވަނީ ކެއާ ސޮސައިޓީ، އާކް، އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ސެންޓަރު ތަކަށް ވަނީ ބޮޑެތި އެހީތައް ދީފަ އެވެ.
ކޮންމެ އަހަރަކު ކުރިއަށް ގެންދާ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ރާއްޖޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ހަރަކާތް ކަމަށް އެ ކުންފުނިން ބުންޏެވެ.
މޯލްޑިވެސް އޯޓިޒަމް އެސޯސިއޭޝަނަކީ އޯޓިޒަމް އާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުވައި، "އާލީ އިންޓަވެންޝަން" ހެދުމަށް މަގު ފަހިކޮށްދޭ ޖަމިއްޔާއެކެވެ. ހަމަ އެހެންމެ، ކުދިންނަން ކްލާހުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން އެހީތެރިވެ، ހެދިބޮޑުވުމަށް ބޭނުންވާ ތެރަޕީތައް އޯޓިޒަމް އެސޯސިއޭޝަނުން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެ އެވެ.