އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް)އިން ދޭ އަލަމްނައި އައިކަން އެވޯޑް ޕްރޮފެސަރު ޑރ. އާއިޝަތު މުނީޒާއަށް ލިބިވަޑައިގެންފި އެވެ.
ޕްރޮފެސަރު މުނީޒާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ މެލޭޝިޔާގެ އިންސީފް ޔުނިވާސިޓީން އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އައިއައިޔޫއެމްއިން ދޭ ޝަރަފުވެރި "އައިއައިޔޫއެމް އެލަމްނައި އައިކަން އެވޯޑް 2026" މުނީޒާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ޕްރޮފެސަރު މުނީޒާ އަކީ އިންސީފް ޔުނިވާސިޓީގެ ޕްރޮފެސަރެއްގެ އިތުރުން އެސޯސިއޭޓް ޑީން (ސްޓޫޑަންޓްސް އެންޑް އިންޓަނޭޝަނަލައިޒޭޝަން) އެވެ.
އަލަމްނައި އައިކަން އެވޯޑަކީ މެދުކެނޑުމެއް ނެތް ހިތްވަރާއި ދުރުވިސްނޭ ގާބިލު ލީޑަރޝިޕްގެ އިތުރުން ތައުލީމީ ދާއިރާ އާއި އާންމު ހިދުމަތާއި އަދި ދުނިޔޭގެ އިސްލާމީ މާލީ ނިޒާމަށް ކުރާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
މީގެ ކުރިން 2022 ވަނަ އަހަރު އެ އެވޯޑު މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.
ޑރ. މުނީޒާއަކީ އިސްލާމީ އިގްތިސާދާއި މާލީ ނިޒާމުގެ ދާއިރާއިން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފާހަގަކޮށްލެވޭ އަދި ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮފެސަރުކަން ހޯއްދަވާފައިވާ މަޝްހޫރު ތައުލީމީ ބޭފުޅެކެވެ.
ޑރ. މުނީޒާ ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ފުރަތަމަ އަންހެން ޑެޕިއުޓީ މިނިސްޓަރު ކަމާއި މިނިސްޓްރީ އޮފް ފައިނޭންސްގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ހެޑް އޮފް އިސްލާމިކް ފައިނޭންސްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.