ފޭސްބުކުން އޮޕަރޭޓިން ސިސްޓަމެއް އުފައްދަނީ އެވެ. ބޭނުމެއް ކަމަށް ބުނަނީ، ވާދަވެރިންނަށް އިތުބާރުކުރެވެން ނެތީ ކަމަށެވެ. ވާދަވެރި އޮޕަރޭޓިން ސިސްޓަމްތަކުގައި، ފޭސްބުކް އެޕްލިކޭޝަންތަކަށް ބޭނުންވާ "ފީޗާ"ތައް ނެތީ ކަމަށެވެ. ފޭސްބުކަށް ޚާއްސަ ވަކި ވަކި ފީޗާތައް، ވާދަވެރިންގެ އޮޕަރޭޓިން ސިސްޓަމްތަކުގައި ހިމެނުމަކީ، ވާދަވެރިންނަށް ކޮންމެހެން މުހިންމު ކަމަކަށް ނުވާތީ ނުކުރަނީ ކަމަށް ވެސް ފޭސްބުކުން ބުނެ އެވެ.

އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފެއްދުމަކީ ފޭސްބުކުން ވަރަށް ކުރާހިތުން އުޅޭ ކަމެކެވެ. މިއީ ދޭތެރެ ދޭތެރެއިން ދެކެވޭ ވާހަކައެކެވެ. އެހެން ނަމަވެސް، މިފަހަރު މި ވާހަކަތައް ދެކެވެނީ ވަރަށް ސީރިއަސްކޮށް ކަމަށް ބެލެވެ އެވެ.

ފޭސްބުކުން އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދާއިރު، މި މަސައްކަތުގައި އިސްކޮށް އުޅެނީ، ކުރިން މައިކްރޮސޮފްޓްގައި މަސައްކަތްކުރި، މާކް ލަކޮވްސްކީ އެވެ. މިއީ "ވިންޑޯޒް އެންޓީ" ޓީމުގައި މަސައްކަތްކުރި ސޮފްޓްވެއާ އިންޖިނޭރެކެވެ. ލަކޮވްސްކީ މައިކްރޮސޮފްޓް ދޫކޮށް ފުރަތަމަ ދިޔައީ ގޫގްލްއަށެވެ. ފޭސްބުކުގައި މިހާރު މަސައްކަތްކުރި ނަމަވެސް، "ވީއެމްވެއާ" ގައި ވެސް މަސައްކަތްކުރި އެވެ.

އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދަން ފޭސްބުކުން އަންބާ ކިޔާއިރު، މިއީ 2019 ވަނަ އަހަރުކަން އެ މީހުންނަށް ވެސް އެނގެ އެވެ. އިންޓަނެޓް އަދި އިންޓާނެޓާ ގުޅިފައި ހުރި ސްމާޓް ޑިވައިސްތައް މިއަދާ ހަމަ އަށް އައިއިރު، ފޭސްބުކަށް ދެން ނުވެ އޮތް ކަމަކީ އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފެއްދުމެވެ. އެކަމަކު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ބޭކާރު ކަމެކެވެ.

ފޭސްބުކުން އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދަނީ، އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އޮތް ކަމަށް ބުނާށެވެ. ނޫން ނަމަ، މާކް ޒުކަބާގަށް ހީވަނީ އޭނާގެ ނަން، ބިލް ގޭޓްސް އަދި ސްޓީވް ޖޮބްސް ފަދަ މީހުންގެ ލިސްޓްގައި ހިމެނެން އަންނަނީ އޮޕަރޭޓިން ސިސްޓަމެއް އުފައްދައިގެން ކަމަށެވެ. މި ނޫން ހާލެއްގައި އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފެއްދުމަކީ މާނައެއް ނެތް ކަމެކެވެ. ފޭސްބުކުން މީގެ ކުރިން އަމިއްލަ ހާޑްވެއާ އުފައްދަން ވެސް މަސައްކަތްކުރި އެވެ. ސްމާޓްފޯނެއް އުފައްދަން ކުރި މަސައްކަތްތައް ވެސް ކޮޅެއްގައި ނުޖެހި، ބޮޑު ފެއިލްވުމަކުން ވީ ފެއިލް އެވެ.