ކަންދިމާކުރި ގޮތުން ލަކްސް ނޯތު މާލެ އެޓޯލް ހުޅުވި ދުވަހު އެ ރިސޯޓުގެ ކަންކަން ތަޖުރިބާކޮށްލާނެ ފުރުސަތު ލިބުނެވެ. ރިސޯޓަށް އަރައިގެންދާއިރު އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ، ރިސޯޓްގެ ނަމުން ރަމްޒުކޮށްދޭ ފަދަ އަލިކަމަކާއި ސާފުކަން ހިމެނޭ ހުދު ކުލައިގެ ވިލާތަކެވެ. ލެޓިންގެ ބަހެއް ކަމަށް ވާ ލަކްސްގެ މާނައަކީ "އަލިކަމެ"ވެ. ރިސޯޓުގެ ވިލާތަކާއި ރެސްޓޯރެންޓްތައް ވެސް ހުރީ ހުދު ކުލައިން ޒީނަތްތެރިކޮށްފަ އެވެ. ރެއިލިންތަކާއި ގޮނޑިމޭޒު އަތުރާފައި ހުންނަ ގޮތުން އެ ރިސޯޓުގެ ކޮންމެ އިމާރާތަކުން ވެސް ކުރެވެނީ ބޯޓެއްގެ ސިފަ އެވެ.
އާންމުކޮށް ރާއްޖޭގެ ރިސޯޓުތަކުން ފެންނަ ފަން ޖެހި ފުރާޅުތަކެއް މި ރިސޯޓަކު ނެތެވެ.
ލަކްސް ނޯތު މާލޭ ރިސޯޓުގައި 67 ވިލާ ހުރެ އެވެ. ކޮންމެ ވިލާއެއްގައި ޕޫލެއް އޮވެ އެވެ. ދެ ބުރިއަށް ހުންނަ ކޮންމެ ވިލާއެއް ބޮޑު ޓެރެސްއަކާ އެކު އެވެ. އެ ޓެރެސް މަތިން ކުޑަކުޑަ ރިސޯޓްގެ މަލަމަތި ވަރަށް ރީތިކޮށް ފެންނަން އޮވެ އެވެ.
އެންމެ ހަ ހެކްޓަރުގެ މި ރަށް އެއްކޮށް ބަލައިލަން ނަގާނީ 10 ވަރަކަށް މިނިޓެވެ. އެ ހިތްގައިމުކަން ބަލައިލަން ނުކުންނަ އިރު ފުރަތަމަ ވެސް އަޅައިގަންނަނީ ބަހައްޓާފައި ހުރި ފޯނު ބޫތަށެވެ. ރަށުގެ އެހެން ހުރިހާ ތަނެއް ހުދު ކުލައިން ފެންނަ އިރު ފޯނު ބޫތު ހުންނަނީ ރަތް ކުލައިގަ އެވެ. އެހެންކަމުން އެތަން ފާހަގަނުކުރެވި ނުދާނެ އެވެ. ކޮންމެ މީހެއްގެ އަތުގައި މޯބައިލް ފޯނެއް އޮންނަ ޒަމާނެއްގައި ފޯނު ބޫތަކީ ކީއްކުރާ ތަނެއް ބާވަ އެވެ؟
އެކަމަކު އެއްވެސް ލިމިޓެއް ނެތި ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް އެ ފޯނު ބޫތުގެ ފޯނުން ގުޅާލެވެ އެވެ. އެއީ މޮބައިލް ފޯން އާންމުވުމުގެ ކުރީގެ ދުވަސްތައް ހަނދާންކޮށްދޭ ރަތް ކުލައިގެ ހިތްގައިމު ވަސީލަތެކެވެ.
މުވައްޒަފުން ނެގުމުގައި ދިވެހިންނަށް އިސްކަން
ލަކްސް މޯލްޑިވްސް ރީޖަނަލް ޑިރެކްޓަ އޮފް ޓްރެއިނިން، ޑިވެލޮޕްމެންޓް އެންޑް ކުއަލިޓީގެ މަގާމުގައި ހުންނެވި އަފީފު ހުސެއިން ގަބޫލުކުރައްވާ ގޮތުގައި ލަކްސް ރިސޯޓްގައި ހުރީ ވަރަށް ހާއްސަ ސިފަތަކެކެވެ.
"އަޅުގަނޑުމެންގެ ހިދުމަތް ތަފާތުވާނެ. ފުރަތަމަ ކަމަކީ ޑިޒައިން. ލަކްސް ނޯތު އެޓޯލް މާލެ ވަކިވާނެ އެހެން ރިސޯޓުތަކާ،" އަފީފް ވިދާޅުވި އެވެ.
"ދެވަނަ ކަމަކީ މީހުން ހަޔާ ކުރުމުގައި [ވަޒީފާއަށް ނެގުމުގައި] ބަލާފައިވާ މިންގަނޑު. ވީހާވެސް ފްރެންޑްލީ ޕާސަނަލިޓީތަކެއް ހަޔާ ކުރެވޭތޯ އެންމެ އިސްކަމެއް ދިނީ."
އޭނާ ވިދާޅުވި ގޮތުގައި ރިސޯޓްގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންނަށް ތަފާތު ހިދުމަތެއް ފޯރުކޮށްދެންޏާ އެފެންވަރުގެ މީހުން ވަޒީފާތަކުގައި ތިބެން ޖެހޭނެ އެވެ.
ލަކްސްގައި މިހާރު މަސައްކަތްކުރާ 260 މުވައްޒަފުންގެ ތެރެއިން 55 ޕަސެންޓަކީ ދިވެހިންނެވެ. ކުރިއަށް އޮތް ތަނުގައި ދިވެހިންގެ ނިސްބަތް 58 ޕަސެންޓަށް އަރާނެ ކަމަށް އެ ރިސޯޓުން ލަފާކުރެ އެވެ. ރިސޯޓުގެ ޓޮޕް މެނޭޖުމެންޓުގެ 60 ޕަސެންޓް ހިއްސާކުރަނީ ވެސް ދިވެހިންނެވެ. މިއީ ރާއްޖޭގެ ފައިވް ސްޓާ ލަގްޒަރީ ރިސޯޓަކުން ނުފެންނަ ފަދަ މިސާލެކެވެ.
"ދިވެހި ހޮސްޕިޓަލިޓީ ކިޔައެއް ނުދެވޭނެ ބޭރު މީހުން އައިސްގެނެއް. އަޅުގަނޑުމެން މަސައްކަތް ކުރަނީ އެތަނެއްގެ ބަޔަކު ބޭނުން ކޮށްގެން އެތަނަކުން ހިދުމަތް ދެވޭތޯ،" އަފީފް ވިދާޅުވި އެވެ.
"މޮރީޝަސްގައި ހިންގާ ލަކްސްގައި 90 ޕަސެންޓް އުޅޭނީ އެ ގައުމުގެ މީހުން. ރާއްޖޭގައި ވެސް ދިވެހިން ގިނަވާނެ. އެކަމަކު އަދިވެސް ޓެކްނިކަލް ދާއިރާތަކުން ދިވެހިން ހޯދަން އުނދަގޫ."
ކުދިކުދި ކަންކަމުން ވެސް ސަމާލުކަން ލިބޭ
ވަރަށް ކުޑަ އާދައިގެ ކަމަކުން ވެސް މީހުންގެ ސަމާލުކަން ލިބިދާނެ އެވެ. މިސާލަކަށް "މެސެޖު އިން ދަ ބޮޓުލް"ގެ ނަމުގައި ލަކްސްގައި ގޭމެއް އޮވެ އެވެ. ފުޅިއެއްގައި މެސެޖެއް ލިޔެފައި ރިސޯޓުގެ ކޮންމެވެސް ހިސާބެއްގައި ވަޅުލަނީ އެވެ. އޭގެ ފުޅިއެއް ހޯދާ ގެސްޓަކަށް ފުޅީގައި ހިމެނޭ މެސެޖްގައި ބުނެފައިވާ ކަމެއް ކޮށްދޭނެ އެވެ.
ލަކްސްއަކީ ތިމާވެއްޓާ ރަހުމަތްތެރި ރިސޯޓެކެވެ. ގެސްޓް އޭރިއާގައި އެއްވެސް ވަރަކަށް ޕްލާސްޓިކެއް ބޭނުމެއް ނުކުރެ އެވެ. އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މި ރިސޯޓްގައި މަނަ އެވެ.
ލަކްސިން މަސައްކަތް ކުރަނީ މި އަހަރު ނިމުމުގެ ކުރިން ރަށުގައި ސޯލާ ޕެނަލް ހަރުކޮށް އަވިން ކަރަންޓް އުފައްދާށެވެ. އޭރުން އެރަށުގައި ބޭނުން ކުރާ ހަކަތައިގެ ބޮޑު ބައެއް އަވިން އުފައްދާ ކަރަންޓަށް ބަދަލުވެގެންދާނެ އެވެ.
ލަކްސްގެ ރޫމެއް ދުވާލަކަށް ވިއްކަނީ 1،500 ޑޮލަރާއި 3،000 ޑޮލަރާ ދެމެދުގެ އަގުތަކުގަ އެވެ. އެކަމަކު ރިސޯޓުގެ ހިތްގައިމުކަމާއި ލިބޭ ހިދުމަތްތަކަށް ބަލާއިރު ކޮންމެ ގެސްޓަކު ވެސް ޗުއްޓީ ހޭދަކޮށް ނިންމާލާނީ އުފަލުން ތިބެކަން މި ރިސޯޓުން ޔަގީންކޮށްދޭނެ އެވެ.