ތަފާތު ޑިޒައިނަކަށް ފަރުމާކޮށްފައިވާ ލަކްސްގެ އާ ރިސޯޓު ޓޫރިސްޓުންނަށް މިއަދު އާންމުކޮށް ހުޅުވާލައި، ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ.
ލަގްޒަރީ ތަފާތު ހިދުމަތްތަކާއެކު ހުޅުވާ މި ރިސޯޓުގައި 67 ޕެންޓްހައުސް ވިލާ ހިމެނެ އެވެ. ލަކްސް ނޯތު މާލެ އެޓޯލްގެ ނަމުގައި މިއަދު ރިސޯޓު ހުޅުވާ އިރު ހުޅުވުމުގެ ހަރަކާތްތައް މިއަދު ހަވީރު ކުލަގަދަކޮށް ބާއްވާނެ އެވެ. ރިސޯޓު ހުޅުވުމުގެ ހަފުލާ އަށް ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީން މިހާރު ވަނީ މި ރިސޯޓަށް އައިސްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެލީޝާ ޑިކްސަން ވެސް ހިމެނެ އެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ހަ ހެކްޓަރުގެ އޮޅަހަލީގައި ތަރައްގީކުރި މި ރިސޯޓުގެ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ވެސް އޮވެ އެވެ. ދެ ބުރިއަށް ތަރައްގީކޮށްފައިވާ ކޮންމެ ވިލާއެއްގެ އެންމެ ބޮޑު ތަފާތުކަމަކީ ޑިޒައިނެވެ. ސިންގަފޫރުގެ ޑިޒައިނަރެއް ފަރުމާކޮށްފައިވާ މި ޕެންޓްހައުސްތަކަށް ލަގްޒަރީ ބޯޓެއްގެ ސިފަ ގެނެސްފައިވެ އެވެ. ކޮންމެ ވިލާއެއް އެއްވެސް ފަރުވާކޮށްފައިވަނީ ޕްރައިވެސީ އެންމެ ފުރިހަމައަށް ލިބޭނެ ގޮތަށެވެ.
އެ ރިސޯޓުން ލަގްޒަރީ ޔޮޓްތައް ބުކްކޮށް، ކައިރި ސަރަހައްދުތައް ބަލައިލުމުގެ ފުރުސަތު ވެސް ދެ އެވެ. މީގެ އިތުރުން މޫދު ކުޅިވަރުތަކުގައި ވެސް ބައިވެރިވެވޭނެ އެވެ.
ޓޫރިޒަމްގެ ދާއިރާއަށް އާ ކަންތައްތަކެއް ގެނެސްދޭ މި ރިސޯޓުގެ ގޮނޑުދޮށްތަކާއި ސްޕާގެ އިތުރުން ރެސްޓޯރެންޓުން ވެސް އެ ރިސޯޓަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް ބޭނުންވާ ހިތްހަމަޖެހުން ލިބޭނެ ކަމަށް ލަކްސް އިން ބުންޏެވެ.
އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖޯން ރޮޖާ ވިދާޅުވީ، ލަކްސްގެ އާ ރިސޯޓުން ޓޫރިސްޓުންނަށް ބޭނުންވާ އެންމެ ފުރިހަމަ ނުވަތަ ވޯލްޑް ކްލާސް ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ.
މިއީ ރާއްޖޭގައި ހުޅުވާ ލަކްސްގެ ދެވަނަ ރިސޯޓެވެ. ލަކްސް އަރި އެޓޯލަކީ 187 ޕްރައިވެޓް ވިލާއާ އެކު ދިއްދޫފިނޮޅުގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ.
ލަކްސް އިން ރާއްޖޭގެ އިތުރުން މޮރިޝަސް އާއި ޗައިނާ އާއި ތުރުކީ އާއި ރީޔޫނިއަން އައިލެންޑާއި އިޓަލީ އާއި ވިއެޓްނާމްގައި ވެސް ރިސޯޓުތައް ހިންގަ އެވެ.