އޭޑީކޭ އާއި ލަކްސް ރިސޯޓްސް އަދި ޓީއެމްއޭ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ކޮވިޑް ޓެސްޓަށް ހާއްސަކޮށްގެން ލެބޯޓަރީއެއް އިއްޔެ ހުޅުވައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހުޅުވައިދެއްވި މި ލެބޯޓަރީގައި ޓެސްޓް ހަދާނީ، އޭޑީކޭ އިން ބުނި ގޮތުގައި، ޖަރުމަނުގެ އުފެއްދުމެއް ކަމަށް ވާ ރޯޗް މަރުކާގެ އެންމެ މަތީ ފެންވަރުގެ ފުލީ އޮޓޮމޭޓެޑް މެޝިނަކުންނެވެ.
މި ލެބް ހިންގުމުގެ އިތުރުން އޭޑީކޭ އިން މިހާރު ވަނީ ދިވެހިންނަށާއި ޓޫރިސްޓުންނަށް އެ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހަދައިދޭ އަގު ވެސް ހެޔޮކޮށްފަ އެވެ.
އޭޑީކޭ އިން ބުނީ ވީއައިއޭގައި ހުޅުވި ލެބްގެ ސަބަބުން ޕީސީއާރު ޓެސްޓް ހެދުމުގައި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. ޓީއެމްއޭގައި ހުންނަ ލެބުން ސާމްޕަލް ނެގުމުގެ އިތުރުން ރިސޯޓުތަކުންނާއި ރަށްރަށުން ގެންނަ ސާމްޕަލް ވެސް އެއާޕޯޓްގެ ލެބޯޓަރީއަށް ބަލައިގަންނާނެ ކަމަށް، އޭޑީކޭ އިން ބުންޏެވެ.
ރިސޯޓްތަކުން ގެންނަ ސާމްޕަލްތަކާ ހަވާލުވާން އެއާޕޯޓު ފެރީ ޓާމިނަލްގައި ވެސް ހާއްސަ އިންތިޒާމެއް ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުން ފުރާ އިރު ޕީސީއާރު ޓެސްޓް ހަދަން ޖެހެ އެވެ. އެހެންކަމުން ބައެއް ރިސޯޓްތަކާއި ގެސްޓްހައުސްތަކުން ސާމްޕަލްތައް ފޮނުވަނީ މާލެ އަށެވެ. އެކަމަކު އެއާޕޯޓްގައި ސާމްޕަލްތަކާ ހަވާލުވެ އަދި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ، ޓޫރިސްޓުންނަށް ލިބޭނެ އިތުރު ފަސޭހައެއް ކަމަށް ބެލެވެ އެވެ.
ޕީސީއާރު ޓެސްޓް ހަދާ އަގަށް އޭޑީކޭއިން ގެނައި ބަދަލުގެ ތެރޭގައި ހިމެނެނީ ދިވެހިންނަށް ކުރިން ނަގާ 1،200ރ ގެ ބަދަލުގައި 1،000ރ އަދި ޓޫރިސްޓަކަށް ނަގަމުން އައި 80 ޑޮލަލަރުގެ ބަދަލުގައި 70 ޑޮލަރު ނެގުމެވެ.
އޭޑީކޭ އިން ބުނީ ވީއައިއޭގައި ހުޅުވި ލެބޯޓަރީއާ އެކު އެ ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 2،000 ޕީސީއާރު ޓެސްޓް ހެދޭނެ ކަމަށެވެ.