ކޮވިޑް-19 ގެ ހާލަތުން އަރައިގަނެ، ރިސޯޓްތައް އަލުން ހުޅުވާލާ އިރު، ބައެއް ރިސޯޓްތަކުން އުއްމީދުކުރީ 35 ޕަސެންޓްގެ އޮކިއުޕެންސީއެއްގައި ފެށިދާނެ ކަމަށެވެ. އެކަމަކު ރާއްޖޭގެ ރިސޯޓްތައް ކުރިމަތިލާން ޖެހުނީ އެއަށް ވުރެ ބޮޑު ވެއްޓުމަކާ އެވެ.
އަންނަ މަހު ވެސް ބައެއް ރިސޯޓްތައް ހުޅުވަން ވަނީ ތައްޔާރުވެފަ އެވެ. އޭގެ ތެރެއިން ބައެއް ރިސޯޓްތަކުގެ އޮކިއުޕެންސީ، މީގެ ހަފުތާއެއް ކުރިއަށް ޖެހިލާ އިރު ވެސް، ހުރީ 30 ޕަސެންޓްގަ އެވެ. އެކަމަކު ޓޫރިސްޓުންނަށް މަރުހަބާ ކިޔަން މުވައްޒަފުން ތައްޔާރުވި އިރު، މިހާރު ފެންނަނީ ކަންބޮޑުވާން ޖެހޭ ވަރުގެ ވެއްޓުމެކެވެ: ބުކިންސްތައް ކެންސަލްވަމުން ގޮސް، 10 ޕަސެންޓަށް ވުރެ ވެސް ދަށަށް ހިނގައްޖެ ކަމަށް، ބައެއް ރިސޯޓްތަކުން ބުނެ އެވެ.
މިއީ ކޮވިޑް-19 އިން އަރައިގަނެ، ރާއްޖޭގެ އިގުތިސާދުގެ މައި އިންޑަސްޓްރީ އަށް އަލުން ދިރުން ލިބޭތޯ ކުރި އުއްމީދުގެ އިދިކޮޅެވެ. އަދި ޓޫރިޒަމްގެ ހާލަތު މި އަހަރުގެ ކުރިއަށް އޮތް ހަތަރު މަހު ވަރަށް ބަނަވެދާނެކަމުގެ މި އިންޒާރު ލިބެމުގެ މައިގަނޑު ސަބަބަކީ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް މާ މައްޗަށް ދިއުމެވެ.
ޅ. އަތޮޅުގައި ހިންގަމުން އަންނަ ކޮމަންޑޫ މޯލްޑިވްސްގެ ޖެނެރަލް މެޖޭނަރު ސޮލާހު މުހައްމަދު ސިފަކުރެއްވި ގޮތުގައި "މިހާރު މި ފެންނަނީ އެއްގޮތަކަށް ވެސް ހީކުރި ކަމެއް ނޫނެ"ވެ. މިކަހަލަ ބަލިމަޑުކަމެއްގައި ޓޫރިޒަމް އެންމެ ރަނގަޅަށް ހިންގާލެވޭނެ ގައުމަކަށް ރާއްޖެ ވިޔަސް އެ އެޑްވާންޓޭޖް ނުނެގި ދާން މި ޖެހެނީ ރާއްޖޭގެ ހާލަތު ގޯސްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސެޕްޓެމްބަރުގައި ރިސޯޓް ހުޅުވަން ރޭވީ 35 ޕަސެންޓް [އޮކިއުޕެންސީ] ހުރީމައި. އެއީ މިކަހަލަ ދުވަސްވަރެއްގައި ވަރަށް ރަނގަޅު ނިސްބަތެއް،" ސޮލާހު ވިދާޅުވި އެވެ.
"އެކަމަކު މި ދެތިން ހަތަރު ދުވަހު ކެންސަލޭޝަން ވަރަށް ބޮޑަށް އިތުރުވެއްޖެ."
އޭނާ ވިދާޅުވި ގޮތުގައި ކުއްލިއަކަށް މިގޮތަށް ކެންސަލޭޝަންތައް އަތުވެދާނެކަން ކުރިން އެނގޭ ނަމަ، ރާއްޖޭގެ ގިނަ ރިސޯޓްތައް ހުޅުވުމުގެ ބޭނުމެއް ވެސް ނޯންނާނެ އެވެ.
އާންމުކޮށް ރާއްޖޭގެ ގިނަ ރިސޯޓްތަކުގެ އޮކިއުޕަންސީ 15 ޕަސެންޓަށް ވުރެ ދަށުގައި ބަހައްޓައިގެން ހަރަދު ވެސް ނުލިބޭނެ ކަމަށް، އިންޑަސްޓްރީގެ ބައެއް މީހުން ބުނެ އެވެ. އެކަމަކު އޮކިއުޕެންސީ ދަށުގައި ހުއްޓަސް، މި ބަލިމަޑުކަމުގައި އެއްކޮށް ބަންދުކޮށްފައި ނުބާއްވަންވެގެން ބައެއް ރިސޯޓްތައް އަންނަނީ ހުޅުވަމުންނެވެ. އެއީ ވެސް ޓޫރިޒަމަށް ދިރުން ގެނެވޭތޯ ރިސޯޓްތަކުގެ މެނޭޖްމަންޓުން ނިންމި ނިންމުމެކެވެ.
ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި އިރު ކޮވިޑް-19 ކޮންޓްރޯލްވީ ކަމަށް ބެލެވުނެވެ. އެކަމަކު ދެ މަސް ދުވަހުގެ ލޮކްޑައުންއަކަށް ފަހު ޖުލައި 1 ގައި މާލޭ ސަރަހައްދަށް ދިން ބޮޑު ލުޔާ އެކު ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ވަނީ ވަރަށް މައްޗަށް އަރައިފަ އެވެ. އެހެންކަމުން ރާއްޖެ މިހާރު ހިމެނެނީ ކޮވިޑްގެ ރިސްކް ބޮޑު ގައުމުތަކުގެ ތެރޭގަ އެވެ. އެއީ ރާއްޖެ އަންނަން ތިބި ޓޫރިސްޓުންނަށް ނުބައި ހަބަރެކެވެ.
ލަކްސް މޯލްޑިވްސް ރީޖަނަލް ޑިރެކްޓަ އޮފް ޓްރެއިނިން، ޑިވެލޮޕްމެންޓް އެންޑް ކުއަލިޓީގެ މަގާމުގައި ހުންނެވި ހުސެއިން އަފީފް ވިދާޅުވި ގޮތުގައި އޮގަސްޓް/ސެޕްޓެމްބަރަކީ ރާއްޖޭގައި އާންމުކޮށް ވެސް ލޯ ސީޒަން ނަމަވެސް، ކޮވިޑް ކޭސްތައް ގިނަވަމުން ދާތީ އޭގެ ނުބައި އަސަރު އޮކިއުޕެންސީއަށް މާ ބޮޑަށް ކޮށްފައިވާ ކަމަށެވެ.
"ރާއްޖޭގެ ދުވަސް ވީ މާކެޓްތަކުގައި، މިސާލަކަށް އިނގިރޭސި ވިލާތް ކަހަލަ، އަޅުގަނޑުމެން އޮތީ ސޭފް ލިސްޓަކު ނޫން. ކޭސްތައް މި ފެންނަނީ [ތިން އަދަދުގައި] ހުއްޓާ،" އަފީފް ވިދާޅުވި އެވެ.
"ދުނިޔޭގައި ބަލާ މިންގަނޑުން ބަލާ ކަމަށްވަންޏާ ދެ ހަފުތާ ހޭދައެއް ނުވޭ [ކޭސްތަކުގެ އަދަދު] ދަށަށް ގޮސް ހުއްޓައެއް. އެހެންވެ [ޓޫރިޒަމަށް] މި މައްސަލަ މިކުރިމަތިވަނީ."
އޭނާ ވިދާޅުވި ގޮތުގައި އަނެއް މައްސަލައަކީ މިހާރު މާލެ ފިޔަވައި އެހެން ރަށްރަށުގައި ވެސް ބަލި ފެތުރޭތީ އެވެ. އޭގެ މާނައަކީ، އަފީފް ވިދާޅުވި ގޮތުގައި، ރާއްޖެ ނުދަންނަ ޓޫރިސްޓުންނަށް ލިބޭ މެސެޖް ގޯސްވުމެވެ.
"އެމީހުންނަށް ހީވާނީ މުޅި ރާއްޖޭގައި ބަލި ފެތުރިފައޭ އޮތީ. އެއްވެސް މީހަކު ބޭނުމެއް ނުވާނެ ޗުއްޓީއަށް އައިސްފައި [ބަލިވެގެން] ތާށިވެގެން ތިބޭކަށް،" އަފީފް ވިދާޅުވި އެވެ.
ސަރުކާރުގެ ގުޅިފައި އޮތް ސްޓްރެޓެޖީއެއް ނެތް
ކޮވިޑްގެ މި ހާލަތުގައި ސަރުކާރުގެ ގުޅިފައިވާ ސްޓްރެޓެޖީއެއް ނެތް ކަމަށް، އަފީފް ގަބޫލުކުރައްވަ އެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ އެޗުޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީން ދޭތެރެ ދޭތެރެއިން ނެރޭ މެމޯތަކެވެ.
އަފީފް ވިދާޅުވި ގޮތުގައި އެއް ބަޔަކު އަނެއް ބަޔަކު ނެރޭ މެމޯތަކާ ދިމައެއް ނުވެ އެވެ. އެހެންވުމުން ޓޫރިޒަމް އިންޑަސްޓްރީއަށް އުނދަގޫތަކާއި ހުރަސްތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި ރަނގަޅު ކޮމިޔުނިކޭޝަނެއް ނެތް. އެޗުޕީއޭ އިން މެމޯއެއް، މިނިސްޓްރީން މެމޯއެއް. އެކަތި އަނެކަތި ދިމައެއް ނުވޭ. އެއް ޑޮކިއުމެންޓެއް ނެތް ހުރިހާ ކަމެއް އެނގޭނެ،" އަފީފް ވިދާޅުވި އެވެ.
ޓޫރިޒަމް އަލުން ހުޅުވާލިއިރު މައި އެއާޕޯޓްގައި ޓެސްޓް ހެދޭނެ ގޮތް ނެތުމާއި ފުރާ ޓޫރިސްޓުންނަށް ފަސޭހައިން ޓެސްޓް ހެދޭނެ އިންޒާމް ހަމަޖެހިފައި ނުވުން ފަދަ، އުނދަގޫތައް ރިސޯޓްތަކަށް ދިމާވެ އެވެ. އެހެންކަމުން މިއީ ރާއްޖޭގެ މައި އިންޑަސްޓްރީގެ ކަންކަމުގައި ސަރުކާރުން އަޅާލަން ޖެހޭ ވަރަށް މި ހާލަތުގައި އަޅާލެވިފައި ނެތުން ކަމަށް، ބައެއް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
"ލަންކާގައި އެކަންކަން ރަނގަޅު. މާދަމާ ލަންކާ ހުޅުވާލިޔަސް ޓޫރިސްޓުން ރާއްޖެއަށް ވުރެ ގިނަވާނެ،" އަފީފް ވިދާޅުވި އެވެ.
މުވައްޒަފުންގެ ބޮޑު ގުރުބާނީއެއް
ޓޫރިޒަމް މުޅިން ހުއްޓި، ގިނަ ބައެއްގެ ވަޒީފާ ގެއްލި، ވަޒީފާގައި ތިބި ބައެއް ނަމަ މުސާރައިން ބޮޑު ބައެއް ކެނޑި، މިހެން ގޮސް މިދިއަ ހަ މަސް ތަޖުރިބާ މިކުރީ ވަރަށް ހިތްދަތިކަމުގަ އެވެ. އެކަމަކު ރިސޯޓްތަކުގެ މުވައްޒަފުން ހިތްވަރުދޫނުކޮށް ތައްޔާރުވަމުން ގެންދަނީ އަލުން ޓޫރިޒަމް ނަގާ ކޮޅެއްގައި ޖެއްސޭތޯ އެވެ. އެކަމަށްޓަކައި ރިސޯޓުން ނުފައިބައި ތިން ހަތަރު މަސް ހޭދަކުރި މީހުން ގިނަ އެވެ. އެއީ، އިންޑަސްޓްރީގެ ބައެއް ހިންގުންތެރިން ދެކޭ ގޮތުގައި، އެ މުވައްޒަފުން ވަމުން އަންނަ ވަރަށް ބޮޑު ގުރުބާނީއެކެވެ.
ސޮލާހު ވިދާޅުވި ގޮތުގައި އާ ގައިޑްލައިނާ އެއްގޮތަށް އަމަލްކުރާ އިރު ރިސޯޓަށް އެރުމަށް ފަހު އެ މުވައްޒަފަކަށް ދެން ނުފޭބޭނެ އެވެ. އެހެންކަމުން "ރިސޯޓެއްގެ އެ ކޮމިޔުނިޓީއަކީ އަންނަ ގެސްޓުންނަށް ވަރަށް ރައްކާތެރި ތަނެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މުވައްޒަފުން ހަމައެކަނި ވަޒީފާއަށްޓަކައެއް ނޫން އެ ގުރުބާނީ މިވަނީ. މިއީ މުޅި ރާއްޖޭގެ ކޮމިޔުނިޓީއަށް، މުޅި ގައުމަށް ރިސޯޓްތަކުގެ މުވައްޒަފުން ވާ ގުރުބާނީއެއް،" ސޮލާހު ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ އާންމުން ވެސް އެހީތެރިވާން އެބަ ޖެހޭހެން މިކަމުގައި، އެއީ ޕޮޒިޓިވް ކޭސްތައް މަދުކުރަން މަސައްކަތްކޮށްގެން."
އަފީފް ވިދާޅުވި ގޮތުގައި ރިސޯޓްތަކުގައި މިވަގުތު ތިބި މުވައްޒަފުން މަސައްކަތްކުރަމުން އަންނަނީ ވަރަށް ހިތްވަރާ އެކު އެވެ. އަދި އިތުރު މުވައްޒަފުން ރިސޯޓަށް ގެނެވޭނީ އޮކިއުޕެންސީ ވެސް ރަނގަޅުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުޅޭނެ 600 އަށް ވުރެ ގިނަ މުވައްޒަފުން. އޭގެ ތެރެއިން 50 ޕަސެންޓް މިހާރު މި ގެންގުޅެނީ. ދެން ތިބި މީހުން ރިސޯޓަށް ގެނެވޭނީ އޮކިއުޕެންސީ މިހާރަށް ވުރެ ރަނގަޅުވެގެން،" އަފީފް ވިދާޅިުވި އެވެ.
"ގޭގައި ތިބި މުވައްޒަފުންނަށް ވެސް އެލަވަންސެއް ދޭ. އެކަމަކު އެ އެންމެން ރިސޯޓަށް ގެނެސްގެން ކުރާނެ މަސައްކަތެއް މިވަގުތަކު ނެތް."
ލަކްސްގައި މިވަގުތު އޮކިއުޕެންސީ ހުރީ ގާތްގަނޑަކަށް 10 ޕަސެންޓްގަ އެވެ. އެކަމަކު 15-20 ޕަސެންޓާ ދެމެދުގެ މިންވަރަކަށް، ކުރިއަށް އޮތް ދުވަސްތަކުގައި، މައްޗަށް އަރާނެކަމުގެ އުއްމީދު އޭނާއަށް އެބަ އޮތެވެ. ނަމަވެސް އެ އުއްމީދު ރާއްޖޭގެ މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް ހާސިލްކުރެވޭނީ ކޮވިޑްގެ ކޭސްތައް މަދުކޮށްގެން ކަމަށް، ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދު އަލުން ރޯކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޓޫރިޒަމް ދާއިރާއަށް ދިރުން ގެންނަން، އަފީފާއި ސޮލާހު ވެސް އާންމުންގެ ކިބައިން އެދިވަޑައިގަންނަވަނީ އެންމެ ކަމަކަށެވެ: އާންމުންގެ އާދަތައް ރައްކާތެރި މިންގަނޑުތަކުގައި ބަހައްޓައިގެން، ކޮވިޑްގެ ކޭސްތައް މަދުކުރުމެވެ.
"ގެއިން އޮފީހަށް، އޮފީހުން ގެއަށް،" ކުރިއަށް އޮތް ތިން މަސް ދުވަހު އާންމުން އާދަކުރަން ޖެހޭ އެއް އުސޫލު، އަފީފް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ފަރުދީ ޒިންމާއެއް އެބަ އޮންނަން ޖެހޭ. އެ ޒިންމާ ނެތީމާ މައްސަލަ ދިމާވެގެން މި އުޅެނީ."
އުމުރުން 18 އަހަރުން މަތީގެ ޓޫރިސްޓުންނަށް ހާއްސަ ކޮމަންޑޫ މޯލްޑިވްސް ވެސް އަންނަ މަހު 1 ގައި ހުޅުވާނެ އެވެ. އެއީ އޮކިއުޕެންސީ ހުރީ ކުރިން އުއްމީދުކުރި ނިސްބަތެއްގައެއް ނޫނެވެ. ދި އެވަރުގައި އޮކިއުޕެންސީ ބަހައްޓައިގެން ޓޫރިޒަމް ދާއިރާ ރަނގަޅަށް ހިނގައެއް ވެސް ނުގަންނާނެ އެވެ.
އެކަމަކު ރާއްޖޭގައި މިހާރު ކޮވިޑް-19ގެ ކޭސްތައް ފެންނަ ނިސްބަތުން ނަމަ، ޓޫރިޒަމަށް އޮތީ އެ ގޮންޖެހުމެވެ.