ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗު ލައިވްކޮށް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ލިބޭ "އުރީދޫ ފުޓުބޯޅަ ފޯރި" ލަކީ ޑްރޯގެ ހަތަރު ނަސީބުވެރިންނަށް މިއަދު ޓިކެޓް ހަވާލުކޮށްފި އެވެ.
އެ ލަކީ ޑްރޯއަކީ އުރީދޫގެ އެކި ކަހަލަ ހިދުމަތްތައް ބޭނުންކުރާ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލައިގެން އޮގަސްޓް މަހުގެ ދެވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށް ދިޔަ ލަކީ ޑްރޯއެކެވެ.
މި ލަކީ ޑްރޯގެ ނަސީބުވެރިން އެންމެ ފުރަތަމަ ހޮވީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. ނަމަވެސް، އެތަނުން ބައެއް މީހުންނަށް ދަތުރު ނުކުރެވޭތީ މިއަދު ވަނީ އަލުން ރިޑްރޯއެއް ނަގާފަ އެވެ.
އުރީދޫ ވޯލްޑްކަޕް ފޯރި ލަކީޑްރޯ ކާމިޔާބުކޮށް، ފްރާންސާއި މޮރޮކޯގެ ފޯރިގަދަ ބައްދަލުކުރުން ބަލާލަން ގަތަރަށް ދަތުރުކުރާ ނަސީބުވެރިންނަކީ ޕްރީޕެއިޑް ކަސްޓަމަރުން ކަމަށްވާ މުހައްމަދު އަބްދުލް ސައްތާރު، އަހުމަދު މައުރޫފް، އަހުމަދު ޝިހާމް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރު ހާފިޒް ސައީދެވެ.
ނަސީބުވެރިންނަށް ގަތަރަށް ރިޓާން ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ސެމީ ފައިނަލް މެޗު ބެލުމަށް ސްޓޭޑިއަމްގެ ޓިކެޓް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އެ ހަތަރު ނަސީބުވެރިން ގަތަރުގައި ހަތަރު ދުވަސް ހޭދަކުރަން ހަމަޖެހިފައިވާއިރު، ގަތަރުގެ ދޯހާ ސިޓީގެ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު އެ މިހުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.
މި ލަކީޑްރޯއަކީ އުރީދޫ ފުޓްބޯޅަ ފޯރީ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕްގެ ތަޖުރިބާ އެއް ހޯދައިދިނުމުގެ މަގްސަދުގައި ފެށި ގިނަ ހަރަކާތްތަކާއި ހާއްސަ އޮފާތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.
އޭގެ ބައެއް ހަރަކާތްތަކުގެ ތެރޭގައި، އުރީދޫ ބްރޭންޑް އެމްބެސަޑަރު ހަބޭސްއާއެކު ލަވައެއް ނެރުމާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް ފޭން ޒޯން ހެދުން ހިމެނެ އެވެ.