ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ 55 ވަނަ މިނެޓްގައި ލިބުނު ކޯނަރަށް ދިވެހި ޓީމު ތައްޔާރު ވަނީ އެވެ. އިތުރު ކުޅުންތެރިން ވެސް ކުރިއަށް ޖެހިލައި ބަންގްލަދޭޝްގެ އޭރިއާ ތެރެ ފުރާލި އެވެ. ދަނޑުގެ އިސްތިހާރު ބޯޑުތައް ބިއްދަށުގައި ތިބި ދިވެހި ފޮޓޯގްރާފަރުންނާއި ކެމެރާމަނުން ވެސް ތައްޔާރުވި އެވެ.
ދަނޑުގެ އިރުމަތީ ފަރާތު ކަނާދިމާލުގައި ހުރި ފްރީލާންސް ފޮޓޯގްރާފަރު އަހްމަދު މިިގްދާދު ރުޝްދީ ތައްޔާރުވި ގޮތް ތަފާތެވެ. އޭނާ އަށް ފެނުނީ، ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕް) އޭރިއާ ތެރެއަށް ވަންނަ ތަނެވެ. އޭގެ މަދު ސިކުންތުކޮޅެއްގެ ތެރޭ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) ވެސް އޭރިއާގެ ބޭރުގައި މަޑުކޮށްލި އެވެ.
މިގްދާދުގެ ފޯކަސް ހުރީ ހަމްޕް އަށެވެ. އެ މެޗުގައި އޭގެ ކުރިން ވެސް ހަމްޕްގެ ދައުރު ބޮޑުކޮށް ފެނުމުން ކަމަށް ވެސް ވެދާނެ އެވެ. ދަނޑުގެ ފެންސް މަތީ ކެމެރާގެ ޒޫމް އަޅުވާލައި ސެޓްކޮށްލުމަށް ފަހު ކެމެރާގައި ލޯ ޖަހާލައިގެން އޭނާ ނަގަމުން ދިޔައީ ހަމްޕްގެ ފޮޓޯތަކެވެ. ކޯނަރުނަގައި ރާއްޖެއިން ލަނޑު ޖަހައިފި އެވެ. ރާއްޖެ އަށް ލަނޑު ކާމިޔާބުކޮށްދިނީ ހަމްޕް އެވެ.
ރާއްޖެއިން ނެގި ކޯނަރު ބަންގްލަދޭޝްގެ ކުޅުންތެރިން ދިފާއު ކުރުމުން އޭރިއާގެ ބޭރުގައި ހުރި ހުސައިން ނިހާން (ނިހާޓް) ބޮލުން ބޯޅަ ދިނުމުން ހަޕްމު ވަނީ ވެއްޓިގެންފައި ބައިސްކަލް ކިކަކުން އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.
ލަނޑު ޖެހުމުން ދިވެހި ސަޕޯޓަރުން ފޯރި އަރުވާލައި ފެންސް މަތިން ވެސް އެރި އެވެ. މިގްދާދު ކައިރީގައި ހުރި ފޮޓޯގްރާފަރު އަހާލީ އޭނާ އަށް ސެލެބްރޭޝަންގެ މަންޒަރު ނެގުނުތޯ އެވެ. ދަނޑަށްދާ ފޮޓޯގްރާފަރުން އެންމެ އިސްކަންދޭ މަންޒަރަކީ ގޯލް ސެލްބްރޭޝަން އަތުލުމެވެ. އެއީ މެޗުގެ ފޮޓޯ ސްޓޯރީއެއް ހަދާއިރު އެންމެ މުހިންމު މަންޒަރަށް ވާތީ އެވެ.
"އަޅުގަނޑު ބުނިން އަޅުގަނޑަށް ނުނެގުނޭ ސެލްބްރޭޝަނެއް،" ކައިރީގައި ހުރި ފޮޓޯގްރާފަރަށް ދިން ޖަވާބު މިގްދާދު ކިޔައި ދިނެވެ.
"ދެން އަޅުގަނޑު ބަލާލީ އަޅުގަނޑަށް ނެގިފައި ހުރި ފޮޓޯތައް. ބެލިއިރު މިގަނޑު އިނީމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ. އެނގިއްޖެ މި ފޮޓޯ ގަނޑު ވާނެކަން ވަރަށް މުހިންމު ފޮޓޯއަަކަށް."
ހައި ކޯޓުގައި ވަޒީފާ އަދާކުރާ މިގްދާދު، 22، އަތުގައި އޭނާގެ އަމިއްލަ ކެމެރާއެއް ނެތެވެ. އޭނާގެ އޮތީ ފޮޓޯ ނަގެމުގެ ޝައުގުވެރި ކަމެވެ. އޭނާގެ ފޯނުން ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން އަގަށް ފޮޓޯ ނަގައިދޭން އޭނާ އަށް އޮފާތައް ލިބިފައި އެބަހުއްޓެވެ.
"އެބަހުރި ލިބިފައި ޕޯސްޓް ވެޑިން ޝޫޓް ފޮޓޯ ނަގަން ވެސް ރިކްއެސްޓް ލިބިފައި. އަޅުގަނޑު ބުނަން ފޮޓޯ ނަގައިދީފަނަމޭ. އެކަމަކު ފޯނުންނޭ ނަގަނީ،" އޭނާ ބުންޏެވެ.
ސޯޝަލް މީޑިއާގައި އޭނާ ހިއްސާކޮށްފައިވާ އެފަދަ ބައެއް ފޮޓޯތައް ފެނުމުން، އެއީ ފޯނުން ނަގާފައިވާ ފޮޓޯތަކެއް ކަމެއް އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވެ އެވެ.
"ކޮންމެ މީހަކު ވެސް އަހާލަނީ ކެމެރާއެއް ނުގެންގުޅެންހޭ، އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވޭ އެ ފޮޓޯތައް ނަގާފައި ހުރީ ފޯނުން ކަމެއް،" އޭނާ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕް ކަވަރު ކުރަން ނޫސްވެރިންނާއި ފޮޓޯ ގްރާފަރުން ރަޖިސްޓްރީ ކުރަން ހުޅުވާލުމުން މިގްދާދު ވެސް ފޯމް ހުށަހަޅައި ރަޖިސްޓްރީ ކުރީ ކޮންމެހެން އޭނާ އަށް ފޮޓޯ ނަގަން ދެވޭނެ ކަމަކަށް ނޫނެވެ. ސާފް ޗެމްޕިއަންޝިޕް ފޮޓޯ ނަގަން މިގްދާދު ދަނޑަށް ގެންދިޔަ ކެމެރާ އަކީ އޭނާގެ އަމިއްލަ ކެމެރާއެއް ނޫނެނެވެ. މ. ކޮޅުފުއްޓަށް ނިސްބަތްވާ މިގްދާދު ގްރޭޑް 11، 12 އަށް ކިޔެވީ އެ އަތުޅު މުލީގައި ހުންނަ، މ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އޭނާ ދަނޑަށް ގެންދިޔަ ނިކޮން ކެމެރާ އަކީ އެ ރަށުގައި އޭނާ ކިޔަވަން ހުރި ގޭގެ މީހަކު ގެންގުޅުނު ކެމެރާ އެކެވެ.
"މުބާރާތް ކައިރިވީމަ ގުޅާފައި ބުނީ ކެމެރާ ފޮނުވާލަ ދޭންވީނޫންހޭ. މުބާރާތުގައި ފޮޓޯ ނަގަން ލިބިގެންނޭ މި އުޅެނީ،" މިގްދާދު ބުންޏެވެ.
އެ ކެމެރާ އަކީ ފޮޓޯ ޖާނަލިޒަމަށް ބޭނުން ކުރެވޭ ވރަށް ވުރެ އާދައިގެ ކެމެރާ އެކެވެ. އެކަމަކު އެ ކެމެރާއިން އޭނާ ނެގި އެންމެ މުހިންމު ފޮޓޯވީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެންމެ މުހިންމު އެއް ފޮޓޯ އަށެވެ. ބައިސްކަލް ކިކަކުން ހަމްޒާ ވައްދާލި ލަނޑަކީ، 28 އަހަރުވީ މުބާރާތުގެ ތާރީހުގައި ޖެހި އެންމެ މޮޅު ލަނޑެވެ. އަދި ރާއްޖޭގެ ގައުމީ ޓީމަށް ވެސް ކުޅުންތެރިޔަކު ޖަހައިދިން އެންމެ މޮޅު ލަނޑަށް އެ ލަނޑު ވާނެ އެވެ.
މިގްދާދު ނެގި އެ ފޮޓޯ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މީޑިއާތަކުން ވެސް ބޭނުން ކުރި އެވެ. އަދި ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ސޯޝަލް މީޑިއާގައި އެންމެ ގިނައިން ދައުރު ކުރި އެއް ފޮޓޯ އަކީ ވެސް މިގްދާދުގެ ކެމެރާއިން ނެގި އެ ފޮޓޯ އެވެ. ނޭޕާލްގެ އެންމެ މަޝްހޫރު ކުޅިވަރު މީޑިއާ "ގޯލް ނޭޕާލް" ގެ ސާފް ޗެމްޕިއަންޝިޕް ކަވަރޭޖްގައި އެ ނޫހުގެ އޮފިޝަލް ފޮޓޯގްރާފަރެއްގެ ގޮތުގައި ވެސް ހަމަޖެއްސީ މިގްދާދު އެވެ. ގޯލް ނޭޕާލަށް ވެސް މިގްދާދު ފޮޓޯ ފޯރުކޮށް ދިނީ ވަގުތީ ގޮތުން އޭނާ ހޯދި އެ ކެމެރާއިންނެވެ.