ޔޫއެންޑީޕީ އާއި އުރީދޫ ގުޅިގެން ރާއްޖޭގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި "މިޔަހެލި" ޕްރޮގްރާމްގައި ހުށަހެޅި އެންމެ މޮޅު ދެ ހުށަހެޅުން އަމަލީ ގޮތުން ތަންފީޒު ކުރުމުގައި އެހީތެރިވެދިނުމަށް ޔޫއެންޑީޕީން ނިންމައިފި އެވެ.

ޔޫއެންޑީޕީ އާއި އުރީދޫ ގުޅިގެން ހިންގި "މިޔަހެލި" ޕްރޮގްރާމަކީ މުޖުތަމައުގައި ހުންނަ މައްސަލަތަކަށް ތަފާތު އާ ހައްލު ހޯދައި އެ ހިޔާލުތަކުގެ މައްޗަށް ދެމިހުންނާނެ ގޮތަކަށް ވިޔަފާރިއެއް ބިނާކުރަން މީހުން ތަމްރީނު ކުރުމަށް، މިދިޔަ ބުރާސްފަތި ދުވަހާއި ހަފުތާ ބަންދުގައި ވ. ތިނަދޫގައި ހިންގި ޕްރޮގްރާމެކެވެ. އެ ޕްރޮގާރާމް ހިންގީ އެކަަމަށް އެދި ހުށަހެޅި ޓީމުތަކުގެ ތެރެއިން ހޮވާލެވުނު ހަތަރު ޓީމު ބައިވެރިކޮށްގެންނެވެ.

ރާއްޖެ އަށް ދިމާވެފައިވާ އެކިއެކި އިޖްތިމާއީ މައްސަލަތަކަށް ތަފާތު ނަޒަރަކުން، އެ ހަތަރު ޓީމުން ހިޔާލު ހުށަހެޅި އިރު، އެންމެ ރަނގަޅު ޚިޔާލެއް ހުށަހެޅީ ރާއްޖޭގައި ލޮނު އުފައްދަން ހުށަހެޅި ޓީމު "ޕެރަޑައިސް ސޯލްޓް" އާއި ބޭނުންކޮށްފައިވާ ތަކެތި އަލުން މުޖްތަމައަށް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ހުށަހެޅި "ޓީމް ވީ ޝެއާ" އެވެ.

މި ޕްރޮގްރާމްގެ ނިންމުން ފާހަގަ ކުރުމަށް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޔޫއެންޑީޕީ އާއި އޫރީދޫން އިއުލާން ކުރި ގޮތުގައި، "މިޔަހެލި" ޕްރޮގްރާމްގެ އެންމެ ރަނގަޅު ދެ ހުށަހެޅުން ތަންފީޒު ކުރުމަށް އެއިން ކޮންމެ ހުށަހެޅުމަކަށް 3،000 ޑޮލަރު ދޭނެ އެވެ.

މިޔަހެލި ޕްރޮގްރާމުން މޮޅުވި ދެ ޓީމަށް ފައިސާގެ އިނާމުގެ އިތުރުން ވިޔަފާރީގެ އެކިއެކި ދާއިރާ އިން ތަޖުރިބާކާރުންނާއި މާހިރުންގެ ފަރާތުން އެއް އަހަރު ދުވަހުގެ ތަމްރީނާއި ކިޔެވުމުގެ ފުރުސަތު، ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ދޭން ވަނީ ނިންމާފަ އެވެ.

ޓީމް ޕެރަޑައިސް ސޯލްޓް މިޔަހެލި ނިމުމުގެ ރަސްމިއްޔާތުގައި. ފޮޓޯ: ޔޫއެންޑީޕީ
ޓީމް ޕެރަޑައިސް ސޯލްޓް މިޔަހެލި ނިމުމުގެ ރަސްމިއްޔާތުގައި. ފޮޓޯ: ޔޫއެންޑީޕީ

ޓީމް ޕެރަޑައިސް ސޯލްޓުގެ މެމްބަރެއް ކަމަށްވާ، ޒުލްފީނާ އަލީ ބުނީ އެ ޕްރޮގްރާމުން ތަފާތު ގިނަ މައުލޫމާތުތަކެއް ލިބުނު ކަމަށެވެ.

"މިތަނަށް އައި އިރު އަހަރުމެންގެ ހިޔާލު އަސްލު ހަމަ ވަރަށް ހަނި. ލޮނު ހަދަން އެކަނި އެނގެނީ. ދެން އެއަށް ހަމަ މާކެޓް ކުރާނެ ގޮތާ، މެންޓާސްގެ ހެލްޕާ، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ އިރު ދިމާވާނެ ދެބަސްވުންތަކާއި، އެކަހަލަ މައްސަލަތައް ހައްލު ކުރަން ދަސްވި [މި ޕްރޮގުރާމުން]." ޒުލްފީނާ ބުންޏެވެ.

އެ ގުރޫޕުން ހުށަހެޅީ ރާއްޖޭގައި ލޮނު އުފައްދައިގެން ރާއްޖޭގެ އެކި މާކެޓްތަކަށް ތައާރަފް ކުރުމަށެވެ. އެ ޓީމުން ވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރަން ނިންމައިފަ އެވެ.

ޓީމް ވީޝެއާ މިޔަހެލި ނިމުމުގެ ރަސްމިއްޔާތުގައި. ފޮޓޯ: ޔޫއެންޑީޕީ
ޓީމް ވީޝެއާ މިޔަހެލި ނިމުމުގެ ރަސްމިއްޔާތުގައި. ފޮޓޯ: ޔޫއެންޑީޕީ

ޓީމް ވީޝެއާ އިން ހުށަހެޅީ މީހުން ގެންގުޅެފައިވާ ތަކެތި އަލުން އެހެން މީހުންނަށް ވެސް ބޭނުން ކުރެވޭނެ ފަދަ ޕްލެޓް ފޯމެއް ގާއިމް ކުރުމަށެވެ. އެ ޓީމުން ވެސް ބުނީ އެންމެ ބޮޑަށް ފައިދާ ކުރީ ކޭމްޕަށް ގޮސް ލިބުނު ތަމްރީނާއި މައުލޫމާތުން ކަމަށެވެ.

"ކޮންމެ މީހެއްގެ އަތުގައި ވެސް ހިޔާލެއް އޮވެދާނެ،" ވީޝެއާގެ ޓީމް ލީޑަރު ފާތިމަތު ލަހުފާ ބުންޏެވެ. "އެކަމަކު އޭތި ތަރައްގީ ކުރަން ވަރަށް ބޮޑު މަސައްކަތަކާއި ވަރަށް ގިނަ ވަގުތު ބޭނުންވާނެކަން [މި ކޭމްޕުން] ދަސްވީ."

މިއީ ޔޫއެންޑީޕީ އާއި އޫރީދޫ ގުޅިގެން ހިންގި ތިން ވަނަ މިޔަހެލި ޕްރޮގްރާމެވެ. މި މަޝްރޫއު 2016 ގައި ފަށައިގެން މިހާތަނަށް ކުރިއަށް ގެންދާއިރު ވަރަށް ބޮޑު ތަރުހީބެއް ލިބޭތީ އުފާ ކުރާ ކަމަށް ޔޫއެންޑީޕީގެ ރާއްޖޭގެ ރިޕްރެޒެންޓޭޓިވް ޝޯކޯ ނޯދާ ވިދާޅުވި އެވެ.

މި އަހަރުގެ މިޔަހެލި ޕްރޮގްރާމުގައި ޔޫއެންޑީޕީއާ ގުޅިގެން އޫރިީދު އާއި ބިޒިނަސް ސެންޓާ ކޯޕަަރޭޝަންގެ އިތުރުން އޮސްޓްރޭލިއާ ސަރުކާރުން ވެސް އެއްބާރުލުން ދިނެވެ.