ސީއެމްޑީއޭ އިން ވަނީ އިންވެސްޓްމަންޓް ފަންޑުތައް އުފައްދާ ހިންގުމުގެ ފްރޭމްވޯކެއް ތައާރަފުކޮށްފަ އެވެ. މިކަމުގެ މަގްސަދަކީ އިންވެސްޓަރުންނަށް ދޭ ޕްރޮފެޝަނަލް ހިދުމަތެއްގެ ގޮތުގައި އިންވެސްޓްމަންޓް ފަންޑުތައް ތައާރަފުކުރުމާއި އެފަދަ ފަންޑުތައް މެދުވެރިކޮށް، ފަހަށް ރައްކާކޮށްފައިވާ ފައިސާ އިންވެސްޓްކޮށްގެން އިތުރު އާމްދަނީ ހޯދުމުގެ ފުރުސަތު އާންމުންނަށް ހޯދައިދިނުމެވެ. އަދި ރާއްޖޭގައި ފަންޑު އިންޑަސްޓްރީއެއް ތަރައްގީކުރުމާއި، ވިޔަފާރިތަކާއި އިގްތިސާދީ މަޝްރޫއުތަކުގައި އިންވެސްކުރާނެ ޕްރޮފެޝަނަލް އިންސްޓިޓިއުޝަނަލް އިންވެސްޓަރުން ގާއިމުކޮށް އިތުރުކުރުމެވެ.
ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ފުރަތަމަ އިސްލާހުގެ ތެރެއިން އިންވެސްޓްމަންޓް ފަންޑު އަދި އެފަދަ ސްކީމްތައް އުފައްދާ ހިންގުމުގެ ގާނޫނީ އޮނިގަނޑު އެކުލަވާލާފައިވެ އެވެ. އަދި އިންވެސްޓްމަންޓް ފަންޑު އުފައްދާ ހިންގުމުގެ ގަވާއިދު ވަނީ އެކުލަވާލައިފަ އެވެ. މި ގަވާއިދުގެ ދަށުން ފަންޑެއް ރަޖިސްޓަރީކުރެވޭނީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަޝިޕަކަށެވެ. ފަންޑެއް އުފައްދާ ހިންގަން ދެގޮތެއް ސީއެމްޑީއޭއިން ފަހިކޮށްދީފައިވެ އެވެ. އެއްގޮތަކީ ޕްރައިވެޓް ފަންޑެއް ރަޖިސްޓަރީކުރުމެވެ. އަދި ދެވަނަ ގޮތަކީ ޕަބްލިކް ފަންޑެއް ރަޖިސްޓަރީކުރުމެވެ. މިދެގޮތަކީ ވެސް ސީއެމްޑީއޭގެ ރެގިއުލޭޓަރީ އޮނިގަނޑުގެ ތެރެއަށް ވަންނަ ގޮތްތަކެކެވެ.
އާންމު ފަރާތްތަކަށް ނުވަތަ ޕަބްލިކަށް ސަބްސްކްރައިބްކުރުމަށް ހުޅުވާލާ ނަމަ، އިންވެސްޓާ ޕްރޮޓެކްޝަން މަގްސަދުތަކަށް ސީއެމްޑީއޭގެ ގަވާއިދުގެ ދަށުން އަމަލުކުރަން ލާޒިމުކޮށްފައިވާ ހަރުދަނާ ރެގިއުލޭޓަރީ އޮނިގަނޑެއް ހިމެނިފައިވެ އެވެ. ފަންޑު މެނޭޖަރަކީ ސީއެމްޑީއޭ އިން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ، އަދި ސީއެމްޑީއޭގެ ލައިސަންސް އޮތް އަދި ސީއެމްޑީއޭއިން ރެގިއުލޭޓްކުރާ ފަރާތަކަށްވުމާއި، ފަންޑުގެ އެސެޓްގެ 'ސޭފްކީޕިން' ޒިންމާއަދާކުރާނެ އިތުރު ފަރާތެއްގެ ގޮތުގައި ސީއެމްޑީއޭގެ ލައިސަންސް ލިބިފައިވާ އިންޑިޕެންޑަންޓް ކަސްޓޯޑިއަންއަކު އައްޔަނުކޮށްފައި ހުރުން މުހިއްމެވެ. ފަންޑުގެ މައުލޫމާތު ފަންޑުގެ މެންބަރުންނަށް ނުވަތަ އިންވެސްޓަރުންނަށް ހާމަކުރަމުން ދިއުން ފަދަ ކަންކަން މި އުސޫލުގައި ހިމެނިފައި ހުންނާނެ އެވެ.
ފަންޑަށް ސަބްސްކްރައިބްކުރުމަށް ހުޅުވާލެވޭނީ މިއޮތޯރިޓީން ގަބޫލުކުރާ މިންގަނޑަކަށް އެ ފަންޑުގެ ވިޔަފާރީގެ ފުރިހަމަ މައުލޫމާތު އިންވެސްޓަރުންނަށް ދިނުމަށް ފަހުގަ އެވެ. އަދި ފަންޑުގެ 'އޮންގޮއިން ޑިސްކްލޯޝާޒް' ވެސް ރެގިއުލޭޓްކުރެވޭ ގޮތަށެވެ.
ޕްރައިވެޓް ފަންޑުތަކަށް ސީއެމްޑީއޭގެ ރެޖިސްޓްރޭޝަން ދެވޭގޮތަށް ފްރޭމްވޯކް އެކުލަވާލާފައި ވަނީ އެފަދަ ފަންޑުތަކަށް ބޭނުންވާ ރެގިއުލޭޓަރީ ރިކޮގްނިޝަން ދިނުމަށެވެ. ޕްރައިވެޓް ފަންޑުތަކަށްވެސް ކޮންފިޑަންސް ދިނުމަށާއި، އެފަދަ ފަންޑުތަކުގައި އިންވެސްޓްކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލަކުން ރެގިއުލޭޓަރީ ޕްރޮޓެކްޝަން ދޭންޖެހެ އެވެ.
އިންވެސްޓްމަންޓް ފަންޑަކީ އެ ކުންފުނި ނުވަތަ ޕާޓްނަޝިޕްގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިން ސަބްސްކްރިޕްޝަން ނަގައި، އެ ސަބްސްކްރިޕްޝަން ސެކިއުރިޓީޒްގައި، ނުވަތަ ބޭންކު ޑިޕޮސިޓްގައި ނުވަތަ އެހެން ވެސް މުދަލެއްގައި އިންވެސްޓްކުރުމަށާއި، އެ އިންވެސްޓްމަންޓްތަކުން ޑިވިޑެންޑް، އިންޓަރެސްޓް، ކެޕިޓަލް ގެއިން، ނުވަތަ އެފަދަ އެހެން ވެސް މާލީ ނަފާތައް ހޯދައިދިނުމުގެ މަގްސަދުގައި ހަމައެކަނި އެކަމަށް ހާއްސަކުރެވިގެން އުފައްދައި ހިންގާ ގާނޫނީ ޝަހްސަކަށެވެ.
ފަންޑަށް ސަބްސްކްރައިބް ކުރާ ކޮންމެ ފަރާތަކީ އެފަރާތުން ސަބްސްކްރައިބްކުރާ ނިސްބަތުން އެފަންޑުގެ ޝެއާ/ޔުނިޓް ހޯލްޑަރެކެވެ. އަދި ފަންޑު އުފައްދާ ހިންގާނީ ކުންފުންޏާ ބެހޭ ގާނޫނާއި ޕާޓްނަޝިޕް ގާނޫނާއި ސެކިއުރިޓީޒް ގާނޫނާއި މިގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އިންވެސްޓްމަންޓް މެނޭޖްކުރާ ފަރާތަކީ އިންވެސްޓަމަންޓް ފަންޑުގެ އިންވެސްޓްމަންޓްތައް މެނޭޖްކުރާ ފަރާތް ނުވަތަ އިންވެސްޓްމަންޓްތައް ދިރާސާކޮށް މޮނިޓަކޮށް އިންވެސްޓްމަންޓް ގަތުން ނުވަތަ ވިއްކުމާބެހޭ ގޮތުން ކަންކަން ނިންމުމަށް ފެންނަ ގޮތުގެ ހުށަހެޅުންތައް ހުށަހަޅާ ފަރާތެވެ. ފަންޑު މެނޭޖަރުގެ ހިއްސާއެއް ފަންޑުގައި އޮންނަ ގޮތަށްވެސް ފަންޑުތައް އެކުލަވާލާފައި ހުރެއެވެ. އަދި ފަންޑުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރު ފަންޑު މެނޭޖަރަށް އޮންނަގޮތަށް ފަންޑުތައް ސްޓްރަކްޗާކޮށްފައި ހުރެ އެވެ.
އިންވެސްޓްމަންޓް ފަންޑު އުފައްދާ ހިންގުމުގައި ލުއި ފަސޭހަ ގޮތްތަކެއް ވަނީ ހޯދައިދޭން ޖެހިފަ އެވެ. ބައެއް ގާނޫނުތަކުގެ ދަށުން ހުރި ހުރަސްތައް ނައްތާލަންޖެހެ އެވެ. ނުވަތަ އޯލްޓަނެޓިވްތައް ހޯދައިދޭން ޖެހެ އެވެ. އަދި ފަންޑުތަކުގައި އިންވެސްޓްކުރާ ފަރާތްތަކަށް ލުއިތަކާއި އިންސެންޓިވްސް ދެވޭގޮތަށް ހަމަޖެހިފައި އޮތުމަކީ މިދާއިރާ ކުރިއެރުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަށް ވެގެންދާނެ އެވެ. ރާއްޖޭގެ އިންވެސްޓަރުންގެ އިތުރުން ރާއްޖެއިން ބޭރުގެ ޕޯޓްފޯލިއޯ އިންވެސްޓަރުން އިންވެސްޓްކުރުމުގެ ލުއިފަސޭހަ އޮނިގަނޑެއް ވަނީ ގެނެސްދޭން ޖެހިފަ އެވެ. މިކަން ކުރަންޖެހޭ ސަބަބަކީ ގިނަ އިންވެސްޓަރުން ފަންޑުތަކުގައި ބައިވެރިކޮށް އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ފަންޑިން ހެޔޮ އަގުގައި ރާއްޖޭއިން ލިބެން ހުރުމާއި މިކަމުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ރައްޔިތުންނަށް ފައިދާކުރުމެވެ.
ފަންޑުތައް އިތުރުވެ ހިންގަމުން ދިއުމުގެ ސަބަބުން މާކެޓުގައި ލިކުއިޑިޓީ ފޯރުކޮށްދޭނެ ހަރަކާތްތެރި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންތަކެއް އުފެދިގެންދާނެ އެވެ. ރާއްޖެއިން ފަންޑު ހޯދުމުގައި، ސަރުކާރަށާއި ވިޔަފާރިތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ މިންވަރަށް ފަންޑު ނުލިބުމެވެ. ފޮރިން ޕޯޓްފޯލިއޯ އިންވެސްޓަރުންނަށް މާކެޓު ހުޅުވާލުމަކީ އެހެން ގައުމުތަކުގައި ވެސް އިސްކަންދޭ ސްޓްރެޓަޖީއެކެވެ. އަދި އިންވެސްޓްމަންޓް ފަންޑުތަކަކީ ފޮރިން ޕޯޓްފޯލިއޯ އިންވެސްޓަރުން ގްލޯބަލް އިންވެސްޓްމަންޓްތައް ހެދުމަށް ބޭނުންކުރާ ވަސީލަތެކެވެ.
ރާއްޖޭގެ މާކެޓުގައި ރަނގަޅު އިންވެސްޓްމަންޓް ފުރުސުތުތަކެއް ލިބެމުން ދިއުމަކީ ފަންޑުތަކުގެ 'ޑައިވަސިފިކޭޝަން' އަށާއި 'ސަސްޓެއިނަބިލިޓީ' އަށް ވަރަށް މުހިންމު ކަމެކެވެ. ފަންޑު އިންޑަސްޓްރީ އަށް މަގުފަހިކުރުމުގެ ގޮތުން ކެޕިޓަލް މާކެޓު މެދުވެރިކޮށް ފަންޑު ހޯދުމުގެ ސަގާފަތް ރާއްޖޭގެ ވިޔަފާރި ދާއިރާގައި އަށަގަނުވަން ޖެހެ އެވެ. މާކެޓުން ފަންޑު ހޯދުމަށް ބޭނުންވާ ސިފަތައް ކުންފުނިތަކުގައި އަށަގަނުވަންޖެހެ އެވެ. ކޯޕަރޭޓް ގަވަރނަންސްގެ ހަރުދަނާ އުސޫލުތައް ވިޔަފާރީގައި އަށަގެންނެވުމާއި، ޓްރާންސްޕޭރަންސީ އިތުރުކުރަންޖެހެ އެވެ.
އިންވެސްޓްމަންޓް ސްޓްރަކްޗާކުރުމާއި ޕްރޮޕޯޒަލްތައް ހެދުމުގެ ފަންނު ތަރައްގީ ކުރަންޖެހެ އެވެ. މިކަމަށް ހަރުދަނާ ސްޓްރެޓަޖީއެއް ވަނީ އެކުލަވާލަން ޖެހިފަ އެވެ. ރާއްޖެ އަށް އެކަށޭނެ 'ޕްރިންސިޕަލް އެޑްވައިޒާ' ފްރޭމްވޯކްއެއް ތައާރަފުކުރުމާއި މިފަންނުން ދިވެހިން ތަމްރީންކުރުމުގެ ޕްރޮގްރާމްތައް ތައާރަފްކޮށް ހިންގަމުން ގެންދިއުމަށް ސީއެމްޑީއޭއިން ރާވައިފައިވެ އެވެ.
އެޑިޓަރުގެ ނޯޓް: މިއީ ސީއެމްޑީއޭގެ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.